
އެމްޑީޕީއަށް ތާއަބަދު ވެރިކަމުގައި ތިބެވޭނީ 30 ޕަސެންޓް އިންތިހާބުން ހޯދާ އިސްލާހު ފާސްކޮށްގެން ކަމުގައި މަޖިލިސް ރައީސް އަދި އެޕާޓީގެ ފުރަތަމަ ވެރިކަމުގައި ރައީސް ކަން ކުރެއްވި މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ރޭގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. ނަޝީދު ވިދާޅުވިގޮތުގައި އެންމެ ގިނަ ވޯޓް ލިބޭ ކެންޑިޑޭޓަށް ރިޔާސީ އިންތިހާބު ކާމިޔާބުވާގޮތް ވާންޖެހޭނެއެވެ. އަކަމަކު އެއީ އިންތިހާބުގެ ފުރަތަމަ ބުރުގައި 30 އިންސައްތައަށްވުރެ ގިނައި އެއް ކެނޑިޑޭޓަކު ވޯޓު ހޯދައިފި ނަމައެވެ. އެއަށްވުރެ ދަށްވެއްޖެ ނަމަ އެންމެ ގިނަ ވޯޓު ލިބޭ ދެ ކެނޑިޑޭޓެއްގެ މެދުގައި އިންތިހާބުގެ ދެވަނަ ބުރެއް ބޭއްވުމަށް ގާނޫނީ އަސާސީ އިސްލާހު ކުރާނީއެވެ.
އެމަނިކުފާނު ފާހަގަކުރެއްވިގޮތުގައި އެ އުސޫލަށް ގާނޫނު އަސާސީ ބަދަލު ކުރުން މުހިންމު ވަނީ އެމްޑީޕީ ތާއަބަދުމެ ވެރިކަމުގައި ތިބުމުގެ ބޭނުމުގައެވެ. ނަޝީދު އެ ހުރިހާ ވާހަކަފުޅުތަކެއް ދެއްކެވީ ރައްޔިތުންގެ ނަމުގައެވެ. އެމަނިކުފާނު ވިދާޅުވީ އެއީ ރާއްޖޭގެ ހުރިހާ ރައްޔިތުން ބޭނުންވާ ގޮތް ކަމުގައެވެ.
އެހެން ނަމަވެސް ރާއްޖޭގެ ސިޔާސީ މަސްރަހަށް ބަލާއިރު ނަޝީދު ހެއްދެވީ އިތުރުފުޅެކެވެ. ސަބަބަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަކީ އެމްޑީޕީއަށް ސަޕޯޓު ކުރާ ބައެއް ނޫނެވެ. އެމްޑީޕީއަށް ކޮންމެ ފަހަރަކު އިންތިހާބު ކާމިޔާބު ކުރެވެނީ އިދިކޮޅުގެ ވޯޓުތައް އެކި ފިކުރުތަކަށް ބައިބައި ކޮށްގެނެވެ.