ޚަބަރު

މާލޭގެ ކޮންމެ އަވަށެއްގައި އަންހެނުންގެ މާރުކޭޓު ހަދަނީ

މާލޭގެ ހުރިހާ އަވަށެއްގައި އަންހެނުންނަށް ހާއްސަ މާރުކޭޓުތަކެއް ހެދުމަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

ސިޓީ ކައުންސިލުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ އަންހެނުން އުފައްދާ ތަކެއްޗާއި އަދި ތަރުކާރީގެ ބާވަތްތައް ވިއްކުމަށް ހާއްސަ އިމާރާތްތަކެއް މާލޭގެ ކޮންމެ އަވަށެއްގައި ހެދުމަށް ސިޓީ ކައުންސިލުން ނިންމާފައިވާ ކަމުގައެވެ.

”އަޅުގަނޑުމެންގެ އަމާޒަކީ ރޯދަ މަސް ފެށުމުގެ ކުރިން މީގެ އިމާރާތެއް ހެދުމަށް ބަޔަކާ ހަވާލު ކުރުން. މި ތަންތަން ހިންގާނީ އެ އަވަށެއްގެ ކަނބަލުން. އަވަށްތައް ތަމްސީލު ކުރާ ބޮޑީއެއް އަޅުގަނޑުމެން އުފައްދާނަން. އެއީ ކޯޕަރޭޓިވަކަށްވެސް ވެދާނެ. އެކަމަށް އިކޮނިމިކް މިނިސްޓްރީގެ އެހީތެރިކަން ބޭނުންވާނެ. ނުދީފިއްޔާ އެހެން ފޯމެއްގަ ވެސް އެކަން ކުރާނަން.“ މުއިއްޒު ވިދާޅުވިއެވެ.

މޭޔަރު ފާހަގަކުރެއްވިގޮތުގައި ގޭގައި މަސައްކަތް ކުރާ އަންހެނުން އުފައްދާ ތަކެތި ކޯޕަރޭޓިވް މެދުވެރިކޮށް މާރުކޭޓުތަކުގައި ވިއްކޭނެއެވެ. މުޅި މާރުކޭޓު ހިންގުމާއި ސްޓޯލްތަކުގެ ވެރިންގެ ގޮތުގައިވެސް ތިބޭނީ އަންހެނުންކަން މޭޔަރު ފާހަގަކުރެއްވިއެވެ. ބޭރުމީހުންނަށްވެސް އެ މާރުކޭޓުތައް ނުހިންގޭނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

ހުޅުމާލެ ފިޔަވައި މާލެ އާއި ވިލިމާލޭގައި މި މަސައްކަތް ރޯދައިގެ ކުރިން ފަށާނެކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި ސަރުކާރުން މާލޭގެ ބިންތައް ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުން އަތުނުލާހާ ހިނދަކު މި ހުރިހާ ކަމެއްވެސް މާލޭގެ ރައްޔިތުންގެ ހައްގުގައި ކުރިޔަށް ގެންދާނެ ކަމުގައި މޭޔަރު ވިދާޅުވިއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button