ރިޔާސީ ބަޔާނުގައި ލާދީނީ ރިޕޯޓު ނެރުނު މީހުންނަށް ފިޔަވަޅު އަޅާނެ ވާހަކައެއް ނެތް: ރައްޔިތުންގެ އިއްތިހާދު

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ބަޔާނުގައި ލާދީނީ ރިޕޯޓު ނެރުނު މީހުންނަށް ފިޔަވަޅު އަޅާނެ ވާހަކަ ނެތުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމުގައި ރައްޔިތުންގެ އިއްތިހާދުން ބުނެފިއެވެ.
ރައްޔިތުންގެ އިއްތިހާދުން ނެރުނު ބަޔާނެއްގައި ބުނީ ބުރާސްފަތި ދުވަހު މުޅި ގައުމާ މުހާތަބު ކުރައްވައި ރައްޔިތުންގެ މަޖްލީހުގައި ރައީސް ދެއްވި ރިޔާސީ ބަޔާނުގައި އެމް.ޑީ.އެން އާއި އުތެމައިން ނެރެފައިވާ ލާދީނީ ރިޕޯޓުތަކާއި، އެރިޕޯޓުތައް ނެރުމުގައި ހިއްސާވި ފަރާތްތަކާއި، އެރިޕޯޓުތަކުގައި ގޮވާލާފައިވާ ގޮތުގެ މަތިން މި ރާއްޖޭގައި ހިންގޭ ލާދީނީ އަދި ޣައިރު ގާނޫނީ އެއްވެސް ކަމަކަށް އަމަލީ ގޮތުން ޝަރުއީ އަދި ގާނޫނީ ގޮތުން ލާޒިމްކޮށް މަތިކޮށްފައިވާ ވާޖިބު އަދާކުރެއްވުމަށް އެއްވެސް ފިޔަވަޅެއް އަޅުއްވާނެ ވާހަކައެއް ނެތް ކަމުގައެވެ.
”އެފަދަ އިޝާރާތެއްގެ މިންވަރުވެސް ގެންނަވާފައި ނުވާތީ އެކަމާ މެދު އަޅުގަނޑުމެން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަން.“ ރައްޔިތުންގެ އިއްތިހާދުން ބުންޏެވެ.
ރާއްޖޭގައި ހިންގޭ ލާދީނީ ކަންކަމާ މެދު އެ ޖަމްއިއްޔާއިން ރައީސް ސޯލިހާއި ބައްދަލުކޮށް، ގިނަ ކަންތައްތައް ތަކެއް ހިއްސާކުރުމަށް އެޕޮއިންޓްމެންޓަކަށް އެދުމުން، އެފުރުސަތު ދެއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ. އަދި އެ ދުވަހެއްގެ އިންތިޒާރުގައި ތިބި ކަމުގައިވެސް އެ ޖަމްއިއްޔާއިން ވަނީ ބުނެފައެވެ.