
މާލޭ ސިޓީގެ މިސްކިތްތަކުގެ ރީތިކަން ދެމެހެއްޓުމަށް އެއްގޮތުން ނުވިއްޔާ އަނެއްގޮތުން ވެސް މަސައްކަތް ކުރައްވާނެ ކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
“މޭޔަރ މުއިއްޒު” ވެބްސައިޓަށް ދެއްވި ބަސްދީގަތުމެއްގައި މުއިއްޒު ވިދާޅުވީ މާލޭގެ މިސްކިތްތަކަކީ އެ ތަންތަން ރީތިކޮށް ބެލެހެއްޓުމަށް ސިޓީ ކައުންސިލުން އެންމެ އިސްކަންދޭ އިމާރާތްތައް ކަމަށެވެ. އެކަމަށްޓަކައި ސިޓީ ކައުންސިލުން ގިނަ މަސައްކަތްތަކެއް ކުރަމުން އައި ނަމަވެސް މިސްކިތްތައް ބެލެހެއްޓުމަށް ސަރުކާރުން ސިޓީ ކައުންސިލަށް ދީފައިވާ ބަޖެޓަކީ އެފަދަ ކަމަކަށް އެކަށީގެންވާ ވަރަށްވުރެ މާކުޑަ ބަޖެޓެއްކަން މުއިއްޒު ފާހަގަ ކުރެއްވިއެވެ.
މާލޭގެ މިސްކިތްތަކަކީ މާލޭ ސިޓީ ކައުންސިލުން އެންމެ އިސްކަންދޭ އިމާރާތްތައް، އެންމެ ރަގަޅަށް ރީތިކޮށް ބަލަހައްޓަން ބޭނުންވާ ތަންތަން. އެހެންނަމަވެސް އަޅުގަނޑުމެންނަށް ލިބިފައިވާ ބަޖެޓަކީ އެއްގޮތަކަށް ވެސް އެކަމަށް އެކަށީގެންވާވަރުގެ ބަޖެޓެއް ނޫން. 43 މިސްކިތް ބަލަހައްޓަން ލިބިފައިވަނީ އެންމެ އެއް މިލިއަން ރުފިޔާ. މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު އިތުރަށް ވިދާޅުވީ މާލޭ ސިޓީގެ މިސްކިތްތައް ހުރީ ވަރަށް ބޮޑަށް މާރާމާތަށް ބޭނުންވެފައި ކަމަށާއި ގާތްގަނޑަކަށް 13 ވަރަކަށް މިލިއަން ރުފިޔާ އެކަމަށް ހޭދަވާނެ ކަމަށް އަންދާޒާ ކުރެވިފައިވާ ކަމަށެވެ. ނަމަވެސް އެކި ގޮތްގޮތުން ތަކުރާރުކޮށް ސަރުކާރުގައި އެެދިގެން ވެސް މިކަމަށް އިޖާބަ ދީފައި ނުވާ ކަންވެސް މުއިއްޒު ފާހަގަ ކުރެއްވިއެވެ. އެހެންކަމުން ސިޓީ ކައުންސިލުގެ ނިންމުމަކީ އާންމު ފަރުދުންނާއި ޖަމްއިއްޔާ ޖަމާއަތްތަކުގެ އެހީތެރިކަން މިކަމުގައި ހޯދުމަށް ކަމަށާއި އެގޮތުން މިސްކިތްތަކަށް ފަންޑު ހޯދުމަށް ބޮޑު ޙަރަކާތެއް ބޭއްވުމަށް ވެސް މަސައްކަތްތަކެއް ކުރެވުނު ކަމުގައި މުއިއްޒު ވިދާޅުވިއެވެ.