ޚަބަރު

މިހާރު ނޫހުގެ ނޫސްވެރިންނަށް ބިރުދެއްކި މައްސަލައަށްވުރެ މީޑީއާ ކައުންސިލަށް މުހިންމުވީ ޝަހުބާންގެ އިސްތިއުފާ

މިހާރު ނޫހުގެ ނޫސްވެރިންނަށް ބިރުދެއްކި މައްސަލައިގައި ގަރާރެއް ނެރުމަށްވުރެ މޯލްޑިވްސް މީޑީއާ ކައުންސިލް (އެމްއެމްސީ) ގެ ރައީސް ޝަހުބާން ފަހުމީގެ އިސްތިއުފާ އެ ކައުންސިލްގެ ބައެއް މެންބަރުންނަށް މުހިންމުކަން ހާމަވެއްޖެއެވެ.

އެމްއެމްސީގެ މިއަދުގެ ޖަލްސާގައި އެއް މެންބަރަކު ވަނީ މިހާރު ނޫހުގެ ނޫސްވެރިންނަށް ކުރިމަތިވަމުން އަންނަ ފުރައްސާރަ އާއި ޖެއްސުން ކުރުމުގެ ވާހަކަ ފާހަގަކޮށްފައެވެ. އެކަމަކު ކައުންސިލްގެ ރައީސް ޝަހުބާން އެ ބައްދަލުވުން ޗެއާ ކުރަމުން ގެންދަނިކޮށް، ކުއްލިޔަކަށް ބައެއް މެންބަރުން ވަނީ ޖަލްސާ ބޯއިކަޓްކޮށް ކޯރަމް ގެއްލުވާލާފައެވެ.

ކޯރަމް ގެއްލުމުގެ ސަބަބުން ޖަލްސާ ހުއްޓާލި ފަހުން އެމްއެމްސީގެ 9 މެންބަރަކު ސޮއިކޮށް ޝަހުބާން މަގާމުން އިސްތިއުފާ ދިނުމަށް ގޮވާލައި، ގަރާރެއް ނެރުމަށްފަހު އެ ކައުންސިލްގެ ރަސްމީ ޓުވިޓަރ އެކައުންޓުން ޓުވީޓު ކުރިއެވެ.

ޝަހުބާންގެ ހިއްސާ އޮންނަ ކުންފުންޏެއްގެ މައްޗަށް ކުރެވޭ މަނީ ލޯންޑަރިންގެ ތުހުމަތުގެ މައްސަލައިގައި އޭނާ އިސްތިއުފާ ދޭން ޖެހޭކަމަށް އެމްއެމްސީގެ 15 މެންބަރުންގެ ތެރެއިން 9 މެންބަރަކު ގަބޫލު ކުރާއިރު، ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ މައްޗަށް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ. އެކަމަކު މަހުލޫފު ހުންނެވީ މިނިސްޓަރު ކަމުގައި މަގާމުގައެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަލީ ރިޒާގެ މައްޗަށް ވަނީ އިންސާނީ ވަގުފާރި ކުރުމުގެ މައްސަލައިގައި ދައުވާ އުފުލާފައެވެ. އަދި ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލް ޣަނީ އަބްދުލް ހަކީމްގެ މައްޗަށް ސާބިތު ދަރަންޏެއް އޮތް މައްސަލައެއްވެސް ވަނީ ފެންމަތިވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button