ރައްޔިތުންނަށް ބެހުމަށް ޗަމްޕާ ބްރަދާސް ގެ ފަރާތުން ހަވާލުކޮށްފައިވާ ކާށި މާލެސިޓީ ކައުންސިލުން ބަހަނީ

ޗަމްޕާ ބްރަދާސްގެ ފަރާތުން ދިވެހި ރައްޔިތުންނަށް ބެހުމަށް މާލެ ސިޓީ ކައުންސިލާއި ހަވާލުކޮށްފައިވާ 30 ހާސް ކާށި ރައްޔިތުންނަށް ބަހަން ނިންމައިފިއެވެ.
މި ކާށިތައް ބަހަން ފެށުމަށް ހަމަޖެހިފައިވަނީ 11 އޭޕްރީލް 2023 ދުވަހުގެ ރެއިން ފެށިގެންނެވެ.
އިސްލާމިކް މިނިސްޓްރީގެ ދަފުތަރުގައި ފަޤީރުންގެ ގޮތުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް ފުރަތަމަ ފަސްދުވަހު ކާށި ބެހުމަށް ހަމަޖެހިފައިވެއެވެ. ކައުންސިލުން ގެޒެޓުގައި ޝާއިރުކޮށްފައިވާ އިއުލާނުގައި ފަޤީރުންގެ ލިސްޓުގައި ހިމެނޭ ބޭފުޅެއްކަން އެނގޭނެ ފަދަ ލިޔުމެއް ގެންނެވުމަށް އެދިފައިވެއެވެ.
17 އޭޕްރީލް 2023 އިން ފެށިގެން ކޮންމެ ދިވެހި ރައްޔިތަކަށް ކާށި ބެހުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން, ވަޑައިގަންނަވާ އިރު އައިޑީ ކާޑު ގެނައުމަށް ކައުންސިލުން އެދިވަޑައިގެންފައިވެއެވެ.
ކާށި ބެހުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާލެސިޓީ ކައުންސިލުގެ އާންމު ހިދުމަތްތަކާއި ބެހޭބައި (ތައިސޭކޮށި / ބޮޑުތަކުރުފާނުމަގު) ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 09:30 ން 13:30 އަށް އަދި ރޭގަނޑު 21:30 ން 23:30 އަށެވެ.