އިދިކޮޅު ޕީޕީއެމްގެ ވެރިކަމެއްގައި ވަޒީފާތައް ބެހިގެންދާނެ ގޮތް އެ ޕާޓީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ތަފްސީލް ކޮށްދެއްވައިފިއެވެ.
ޗެނަލް 13 ގެ އެންމެ ފުރަތަމަ ގައުމު ޕްރޮގްރާމުގައި މިރޭ ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި ވާދަކުރައްވާ ޕީޕީއެމްގެ ކެނޑިޑޭޓު މޫސާ ފަތުހީގެ ކެމްޕެއިނުގައި މަސައްކަތް ކުރާ މީހެއްގެ އާއިލީ މެންބަރުގެ ވަޒީފާ ސަރުކާރުން ގެއްލުވާލާ ކަމުގައެވެ.
”އެއީ އެ ކުދިންނަށް ލިބޭ ގެއްލުމެއް. އެ ކުއްޖާ ބުނެެގެނެއް ނޫން އާއިލީ މީހާ ފަތުހީގެ ކެމްޕެއިނަށް ދަނީ. އިހަށް ދުވަހު މި ސަރުކާރުން ކޮމަންޑޫ ދާއިރާއަށް ގޮސްފަ ފެނަކައިން އެ އުފެއްދީ 50 ވަޒީފާ. ހަމަ އެމީހުންގެ ކުދިންނަށް ވަޒީފާ އެ ދެނީ. މިއީ ރިޝްވަތު.“ ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނަށް ތާއީދުކުރާ މީހުންވެސް ހިފަހައްޓަން ޖެހޭ ކަމުގައެވެ. އަދި ދާދި ފަހުން މާލޭގައި ދިރިއުޅޭ ކޮމަންޑޫ ދާއިރާގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ޔާމީން ދެއްކެވި ވާހަކަފުޅު އެމަނިކުފާނު ތަކުރާރު ކުރެއްވިއެވެ.
”އަޅުގަނޑު ބުނި ވާހަކައަކީ މުޅި ދައުލަތުގެ ހުރިހާ ވަޒީފާ ބަހާ ވާހަކައެއް ނޫން. މިހާރުވެސް މި ރަނގަޅު ކުރަނީ، އޭރުވެސް ބުނެފަ އޮންނާނީ އެހެނެއް ނޫން.“ ޔާމީން ވިދާޅުވިއެވެ.
ޔާމީން ފާހަގަކުރެއްވީ ސިޔާސީގޮތުން އިދިކޮޅު ދާންވާ ހިސާބަކަށް ދިއުމަށްޓަކައި ޕީޕީއެމުން ކޯލިޝަން ހަދަން ނިންމަފާނެ ކަމެވެ. އަދި ޕީޕީއެމުން ކޯލިޝަން ހަދަން ނިންމި ނަމަވެސް ރަށްރަށުގެ ފެނަކަ ފަދަ ތަންތަނުގައި އުފެދޭ ވަޒީފާ ތަކަކީ މަދު އަދަދެއް ކަމަށްވާއިރު، އެ ވަޒީފާތައް ކޯލިޝަން ހަދާ ޕާޓީއަށް ނުލިބޭނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެ ވަޒީފާތައް ދޭނީ ޕީޕީއެމް މީހުންނަށް ކަމަށް ޔާމީން ވިދާޅުވިއެވެ. އެއީ ދައުލަތުގެ ހުރިހާ ވަޒީފާގެ ވާހަކަ ނޫން ކަމަށާއި، ކޯލިޝަން ޕާޓްނަރުން ދައްކާހާ ބަޔަކަށް ކުދި ރަށްރަށުގައި އުފެދޭ ވަޒީފާ ނުދޭނެ ކަން އެމަނިކުފާނު ތަކުރާރު ކުރެއްވިއެވެ.
އެއާ ހިލާފަށް ދައުލަތުގެ ވަޒީފާތަކަށް އެއް ފެންވަރުގެ ބަޔަކު ކުރިމަތިލާއިރު، އިލްމީގޮތުން އެއްފެންވަރުގެ ދެމީހަކު ކުރިމަތިލައިފިނަމަ، ފަންނީ ކަންކަމަށް އިސްކަންދޭނީ އެ ފަންނެއްގެ ކޮލިފައިޑް މީހެއް ކަމުގައި ރައީސް ޔާމީން ވިދާޅުވިއެވެ.
”އެ ކޮލިފައިޑް މީހުން ނަގާއިރު، ޕާޓީއެއްގަ ހުރުން ނުހުރުން އެއީ ޝަރުތެއް ނޫން. އަޅުގަނޑުގެ ވެރިކަމުގައިވެސް އަތޮޅުތެރޭގެ ވަޒީފާތަކަށް މީހުން ލީއިރު ނުބަލަން އެއީ ޕީޕީއެމްތޯ އެމްޑީޕީތޯ ޖޭޕީތޯ ޕާޓީއެއްގަ އުޅޭތޯ ނޫންތޯ ނުބަލަން. އެކަމަކު މި ސަރުކާރުން ކަންތައްތައް ކުރާ ގޮތުން އެތައް ބައެއްގެ ވަޒީފާތައް ގެއްލިގެން އެ ދަނީ.“ ޔާމީން ވިދާޅުވިއެވެ.
ކޮލިފައިޑް މީހުން ތިއްބާ މި ސަރުކާރުން ބޭނުން ބަޔަކު މަގާމުތަކަށް ލަމުންދާއިރު ދިވެހި ރައްޔިތުންނަށް މިގޮތް ތޯ ރަނގަޅީ ޔާމީން ވަނީ ސުވާލު ކުރައްވާފައެވެ. އެކަމުގައި ހުރިހާ މުއައްސަސާތައްވެސް ފުދިފައިވާ މަންޒަރު ފެންނަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ޔާމީން ވިދާޅުވިގޮތުގައި މިހާރުގެ ސަރުކާރުން އެކަން ކުރަނީ އެވާހަކަ ނުދައްކާ ތިބެއެވެ. އޭގެ ބަދަލުގައި އެމަނިކުފާނު ވަޒީފާތައް ތަރުތީބު ކުރައްވާނެ ގޮތް ތިލަކޮށްދެއްވަމުން ގެންދަވާނެ ކަމުގައި ވިދާޅުވިއެވެ.
”އަޅުގަނޑު މި ދަންނަވަނީ އެކަން ކުރާނެގޮތް. އަޅުގަނޑުވެސް ބޭނުންވޭ އަޅުގަނޑުގެ ޕާޓީ މީހުންނަށްވެސް ގޮތްތަކެއް ހޯދައިދޭން. މިހާރު އެ ގެއްލިގެން ދަނީ އަޅުގަނޑުމެންގެ ފިކުރަށް ތާއީދު ކުރާ އެތައް ބައެއްގެ ވަޒީފާ.“ ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ފާހަގަކުރެއްވިގޮތުގައި ޕީޕީއެމްގެ އައު ސަރުކާރެއްގައި އެހުރިހާ ފަރާތްތައް ކުރިން ތިބި މަގާމަށް އަނބުރާ ގެންނާނެއެވެ. ނުވަތަ އެއަށްވުރެ ރަނގަޅު މަގާމެއް އެ ފަރާތްތަކަށް ހޯއްދަވައިދެއްވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
”ކޯލިޝަނުން ދައްކާ ކުދިންނަށް ނުދީ އެ ވަޒީފާތައް ހާއްސަ ކުރާނީ ޕީޕީއެމް ކުދިންނަށް.“ ޔާމީން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ ޕީޕީއެމް ވެރިކަމަށް އައިސްފިނަމަ ގެއްލުނު ވަޒީފާތައް އިޔާދަ ކުރުމާއި، ކޯލިޝަނަށްވުރެ ބޮޑަށް ޕީޕީއެމަށް އަތޮޅު ތެރޭގެ ވަޒީފާތައް ހާއްސަ ކުރުމާއި، މާލެ ސަރަހައްދާއި ދައުލަތުގެ މަތީ ފެންވަރުގެ ގިނަ މަގާމުތަކަށް އިލްމީ ގާބިލް ފަރާތްތައް އައްޔަން ކުރުމަކީ އެމަނިކުފާނުގެ ސިޔާސަތު ކަމުގައެވެ.
މިއީ ވަޒީފާތައް ދިނުމުގައި ގެންގުޅުއްވާނެ ތަރުތީބުތަކާއި އިސްކަންދޭނެ ކަންކަމުގައި ރައީސް ޔާމީންގެ ވިސްނުންފުޅު ހާމަކަން ބޮޑުގޮތެއްގައި ތަފްސީލްކޮށްދެއްވި ފުރަތަމަ ފަހަރެވެ.