މަޖިލިސް ރައީސް މުހައްމަދު ނަޝީދު ޣައިރު ދީން ފަތުރާކަމަށް ބުނާ މައްސަލަ ބަލައިދިނުމަށް ފުލުހަށާއި ހޯމް މިނިސްޓްރީއަށް ހުށަހަޅައިފިއެވެ.
ސިޓީއެއް މެދުވެރިކޮށް މި މައްސަލަ ހުށަހެޅީ ރައްޔިތުންގެ އިއްތިހާދުންނެވެ. އެ ސިޓީގެ ކޮޕީއެއް ”ބޮންތި“ އަށް ވަނީ ލިބިފައެވެ.
ސިޓީގައިވާގޮތުން 2020 ވަނަ އަހަރު ރައީސް ނަޝީދު ޣައިރުދީނުގެ ޝިޢާރު ފާޅުކުރައްވައި ސޯޝަލް މީޑިޔާގައި ޢާއްމު ކުރި މައްސަލައަކީ ނޫސްތަކުންވެސް ފެންނަން ހުރި ޙަޤީޤަތެކެވެ.
”މުޙަމްމަދު ނަޝީދުގެ މި ޣައިރު ޤާނޫނީ ޢަމަލާއި ގުޅިގެން މިދިޔައަހަރު 17 ޖެނުއަރީ 2021 ގައި މި މައްސަލަ ބަލައި ދިނުމަށް އެދި ފުލުހުންގެ މުއައްސަސާއަށް ކޮމިޝަނަރ އޮފް ޕޮލިސް އަށް އަޅުގަނޑު ސިޓީ ފޮނުވާފައި ވީނަމަވެސް މައްސަލަބަލާ ސުވާލުކޮށް ކުށަށް ޒިންމާ ކުރުވާފައިނުވާކަން ފާހަގަކޮށް އެ މައްސަލައާއި މިދިޔަ 2021 ވަނަ އަހަރު އަލުން އެ ޢަމަލު ތަކުރާރުކޮށް ކްރިސްމަސް ފާހަގަ ކުރާ ފޮޓޯ އާއްމުކޮށްފައިވާ މި 2 މައްސަލަ އަލުން ހުށަ މިއަޅަނީ ކުރީގެ ސިޓީގެ ކޮޕީ އާއިއެކުގައެވެ.“ ސިޓީގައި ވެއެވެ.
ސިޓީގައި ބުނެފައިވަނީ ޣައިރު ދީނުގެ ޝިޢާރުތައް ފާޅު ކުރުމަކީ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރާ ޤާނޫނުގެ ދަށުން ހަދާފައިވާ ޤަވާޢިދުގެ 4 ނަންބަރު މާއްދާގައި ޖިނާޢީ ކުށެއް ކަމަށް ކަނޑައަޅާފައިވާ ކަމުގައެވެ.
ހޯމް މިނިސްޓްރީއަށް ފޮނުވާ ސިޓީ..
މުޙައްމަދު ނަޝީދު 2020 ގައި ޣައިރުދީނުގެ ޝިޢާރު ކޮގެން 17.01.2021ގައި ޕޮލިހަށް ހުށައަޅާފައިވަނިކޮށް، މައްސަލަ ނުބެލުމުގެ ސަބަބުން އަނެއްކާ މިދިޔަ2021އަހަރުވެސް ޣައިރުދީނުގެ ޝިޢާރު ޢާއްމުކޮށް ޤާނޫނާ ޚިލާފުވީ މައްސަލަ@ShimranAb @HomeMinistrymv pic.twitter.com/7cVG8gefvA— Rithihaadhu (@rithihaadhu) January 4, 2022
ރައީސް ނަޝީދުގެ އެ ޢަމަލު ތަކުރާރުވެ ޤާނޫނު އަސާސީން އިސްލާމްދީނަށް ލިބިދޭން ޖެހޭ ހިމާޔަތް ނިގުޅައިގަނެވިގެން ގޮސް ޢަމަލު ތަކުރާރުވީ ފުލުހުން އިހުމާލުވުމުގެ ސަބަބުން ކަންވެސް ބަޔާންކޮށްފައިވެއެވެ.
”ބޮޑުމީހާއަށް ބޮޑުގޮތް ހައްދަވާ ތަފާތު ކުރައްވާފައިވާތީ ކަމުގައި ހިތާމަޔާއިއެކު ފާހަގަ ކުރަމެވެ. ހަމަ އެހެންމެ އިސްލާމްދީނަކީ ދިވެހިރާއްޖޭގެ ވެރިކަމުގެ މައި މުއްނާރު ކަމަށް ޤާނޫނުގެ ހުރިހާ މަފްހޫމެއްގައި ބަޔާންވެފައި ވަނިކޮށް، ޣައިރު ދީނުގެ ޝިޢާރެއް ދިވެއްސަކު ފާޅުކޮށް އެކަން މީހަކު ނުވަތަ ބަޔަކު ރިޕޯރޓް ކުރުމުން، ޤާނޫނު ތަންފީޒު ކުރުމުގެ ޒިންމާ ޤާނޫނުން މަތި ކުރެވިފައިވާ ފުލުހުންގެ މުއައްސަސާއިން މި ޢަމަލު ޚާއްސަކޮށް ބަލަން ޖެހެނީ މިއީ ޤައުމުގެ އިސްތިޤްލާލާ އަމާން ކަމާއި އަދި އިޖްތިމާޢީ އެއްބައިވަންތަކާއި ގުޅިފައިވާ ޙައްސާސް މައްސަލައެއް ކަމުގައިވާތީއެވެ.“ ސިޓީގައި ވެއެއެވެ.
ރައްޔިތުންގެ އިއްތިހާދުން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އަށް ފޮނުވި ސިޓީގައި ބުނެފައިވަނީ، ފާއިތުވީ އަހަރަކީ މިސްކިތައް ބޮޑުކަމުދިޔުމާއި، މިޙުރާބުގެއަށް ކުޑަކަމު ދިޔުމާއި، ކީރިތި ޤްރުއާނަށް އިހާނެތި ކުރެވުނު އަހަރެއްކަން ދިވެހި އުއްމަތް ދަންނައިރު، އެ ބާވަތުގެ ޖަރީމާތައް ހިނގަމުން ގިނަވަމުން ދަނީ، އިސްލާމީ ދައުލަތެއްގެ ބައިތުލް މާލުން ވަކި މީހަކަށް ފައިސާދީ، ސެކިއުރިޓީދީ، އެމީހަކު ޤާނޫނާ ޚިލާފުވާއިރުވެސް، ދެލޯ މަރައިގެން ނުދެނެހުރިކަމަށް ހަދައިގެން ޤާނޫނު ތަންފީޒު ކުރުމުގެ ބެލެނިވެރި ފަރާތުން އޮތުމުން ކަމުގައި ދެކޭ ކަމުގައެވެ.
”މުޙަމްމަދު ނަޝީދަކީ ލާދީނީ އެޖެންޓެއްކަމުގައި ވަރަށް ސަރީޙަކޮށް މަނިކުފާނު ކުރިން ބަޔާންކޮށް
އޭނާއަށް އެހީވާ ކޮންމެ އެހީވުމަކީ ޖަރީމާއެއް ކަމުގައި ސިފަކޮށްފައި ވަނިކޮށް، މާތްالله ގެ ޚާއްޞަ ރަޙުމަތުން މި އިސްލާމީ ޤައުމުގައި ޤާނޫނު ތަންފީޒު ކުރުމުގެ ފުރިހަމަ ބާރު މާތްالله ތިޔަ ޢިއްޒަތްތެރި ވަޒީރަށް ދެއްވާ އިސްލާމްދީނަށް ނަސްރު ދިނުމުގެ އިމްތިޙާނުގެ ގޮނޑީގައި ތިޔަ އިންނެވީ އިސްލާމީ އުއްމަތެއްގެ ފުރިހަމަ ޒިންމާ އިސްތަށި ފުޅުގައި އަޅުއްވައިގެން.“ ސިޓީގައި ބުނެފައިވެއެވެ.
ވީހާ އަވަހަކަށް ރައީސް ނަޝީދު ކުށަށް ޒިންމާ ކުރުވާ، އެމަނިކުފާނުގެ ތަޙްޤީޤް އިމްރާންގެ ވަޒީރުކަމުގެ ދައުރު ނިމުމުގެ ކުރިން ކޮށް، ޤާނޫނު އަސާސީން އިސްލާމްދީނަށް ލިބިދޭން ޖެހޭ ޙިމާޔަތް ކަށަވަރު ކޮށްދިނުމަށް އިމްރާނަށް ވަނީ އެ ސިޓީގައި ހަނދާން ކޮށްދީފައެވެ.