ރައީސް އިބްރާހިމްގެ ސަރުކާރުގެ ހޯމް މިނިސްޓަރު އަދި ސަރުކާރުގެ ކޯލިޝަން ޕާޓްނަރު ޢަދާލަތު ޕާޓީގެ ލީޑަރު އިމްރާން އަބްދުﷲގެ ރޭނިދި ގެއްލުވާލުމަށްފަހު އިދިކޮޅު ޕީޕީއެމާއިމެދު އާދަޔާ ޚިލާފަށް ވިސްނަވަން ފަށައިފިއެވެ.
ފަހަކަށް އައިސް އިމްރާން ދަނީ ޕީޕީއެމުން ރިޔާސީ ރޭހުގައި ވާދަކުރެއްވުމާއިގުޅިގެން އެކަމާއިމެދު ތަފާތު ޓްވީޓްތައް ކުރައްވަމުންނެވެ. ސަރުކާރު ޕްރޮމޯޓު ކުރުމަށްވުރެވެސް ބޮޑު އިސްކަމެއް އިމްރާން މިވަގުތު ދެއްވަނީ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނަށެވެ.
އެގޮތުން އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓާއި، ރަނިންމޭޓާއިމެދު އިމްރާންގެ ކަންބޮޑުުވުމާއި ހާސްކަން ވަނީ އިތުރުވެފައެވެ.
އިދިކޮޅުގެ ރަނިންމޭޓް އިޢުލާން ކުރި ހިސާބުން އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓަކީ އިިދިކޮޅު ރަނިންމޭޓް ޑރ ޖަމީލު ކަމަށް ނިންމާނެ ނަމަ ހާދަ ރަނގަޅޭ ބައެއްފަހަރު ހިތައް އަރާ ކަމަށާއި، ރައީސް އިބްރާހިމަށް އެއްބުރުން އިންތިޚާބު ކާމިޔާބު ކުރުމަށް އެންމެ ފަސޭހަ ފޯމިއުލާ އަކަށްވާނީ އެ ފޯމިއުލާ ކަމަށެވެ.
PPM/PNC ގެ ރިޔާސީ ކެނޑިޑޭޓަކީ ޑރ ޖަމީލު ކަމަށް ނިންމާނެ ނަމަ ހާދަ ރަނގަޅޭ ބައެއްފަހަރު ހިތައް އަރާ.
ރައީސް@ibusolih އެއްބުރުން ކާމިޔާބު ކުރުމަށް އެންމެ ފަސޭހަ ފޯމިއުލާ އަކަށްވާނީ އެ ފޯމިއުލާ.
— Imran Abdulla (@ShimranAb) August 2, 2023
މީގެ އިތުރުން ސިޔާސީ ޕާޓީތައް އުފެދުނުތާ ވިއްސަކަށް އަހަރު ވާން ގާތްވާއިރު، ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު ސިޔާސީޕާޓީ އިން ރިޔާސީ ރޭހަށް ކެންޑިޑޭޓަކު ދައްކާނެ ގޮތަކާމެދު މިހާ ޚިލާފު ބޮޑުވެގެން ދިޔުމުން އޭގެ މާނަޔަކީ ކޮބައި ކަމާމެދު ބުއްދިވެރި ދިވެހިން ވިސްނާކަށް ނުވޭތޯ ވިދާޅުވެ ދާދިފަހުން އޭނާ ޓްވީޓެއް ކުރެއްވިއެވެ.
އިމްރާންގެ ސަމާލުކަން މިހާބޮޑަށް އިދިކޮޅު ކޯލިޝަނަށް ހުއްޓި ފާޑުކިޔުއްވަމުން ގެންދަވާއިރު، އޭނާ ނިސްބަތްވެ ވަޑައިގަންނަވާ ޢަދާލަތު ޕާޓީއަކީ ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ކެންޑިޑޭޓެއް ދެއްކި ޕާޓީއެއްނޫންކަން ފާހަގަކޮށްލެވެއެވެ. އަދި ރައްޔިތުންގެ މަޖިލީހުގައިވެސް ޢަދާލަތު ޕާޓީއަށް ނިސްބަތްވާ އެންމެ މެމްބަރަކުވެސް ނުހިމެނެއެވެ.
ދީނީ ޢިލްމުވެރިއެއްގެ ގޮތުގައި ހުންނަވައި ރައީސް އިބްރާހިމްގެ ކެމްޕޭނު ދަތުރުތަކުގައި އެކިއެކި ޕޯޑިއަމްތަކުގައިވެސް އިމްރާާން ދަނީ އިދިކޮޅު ޕީޕީއެމާއިގުޅުވާ އެތައް ދޮގުތަކެއް ހަދަމުންނެވެ.
މިނޫނަސް އިމްރާން އަކީ ސިޔާސީ ޕޯޑިއަމްތަކުގައި އިންތިހާއަށް ރައްޔިތުންނަށް އޮޅުވާލުމަށް މީގެ ކުރިންވެސް ވަރަށް ފާޅުގައި ވަރަށް ގިނަ ދޮގު ހަދާފައިވާ މީހެކެވެ. އެގޮތުން 2015 ވަނަ އަހަރު މޭޑޭ މުޒާހަރާގައި ނޫސްވެރިޔާ ރިލްވާންގެ މަރާއި ރައީސް ޔާމީނާއި ގުޅުވައި ހެދި ބޮޑެތި ދޮގުތައް ފާހަގަ ކުރެވެއެވެ.
ޢަދާލަތު ޕާޓީގެ ރައީސް ދިވެހި ރާއްޖޭގައި އުފެދިފައިވާ ސިޔާސީ ހުރިހާ ޕާޓީތަކަށް ފާޑުވިދާޅުވެ އެކްޓިވިސްޓެއްފަދައިން ޓްވީޓްކުރައްވަމުން ގެންދަވާއިރު، ޢަދާލަތު ޕާޓީ ގިނަބަޔަކު ސިފަކުރަނީ ސިޔާސީ ގޮތުން ބުރަދަނެއްނެތް އަބަދުވެސް ހިހޫތަނުން ކާލައިގެން ސަރުކާރުގެ މަޤާމްތަކެއް ހޯދުމަށް މަސައްކަތްކުރާ ޕާޓީއެއްގެ ގޮތުގައެވެ.