ޚަބަރު

މާޓީ މަރުވި ހާދިސާ އިންސާފުވެރިކަމާއެކު ތަހުގީގު ކުރުމަށް ރައީސް އިމްރާނަށް އަންގަވައިފި

މިމަހުގެ 25 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި ގދ.ހޯނޑެއްދޫ އަބްދުﷲ ރަޝީދު (މާޓީ)، 43 ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ފަރުވާއަށް އާދޭސް ކުރުމުންވެސް އަޅާނުލާ އޭނާ މަރުވާން ގަސްތުގައި ދޫކޮށްލި މައްސަލަ އިންސާފުވެރިކަމާއެކު ތަހުގީގު ކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް އަންގަވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ދާދި ދެންމެއަކު ވިދާޅުވިގޮތުގައި އެކަމާ ގުޅިގެން ހޯމް އިމްރާން އާއި ރައީސް ސޯލިހު ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

”މިމައްސަލައިގައި ކަން ހިނގަމުން އަންނަ ގޮތް ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ ގާތުން ބައްލަވަމުން.“ މިއުވާން ވިދާޅުވިއެވެ.

މިއުވާން މިފަދައިން ވިދާޅުވިއިރު، އެ މައްސަލަ ތަހުގީގު ކުރަމުން ގެންދަނީ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިންނެވެ. އެކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ އެ މައްސަލާގައި އިންސާފަށް ވާސިލުވުމަށް މުހިންމުވާތީ ތަހުގީގުގެ ބޭނުމަށް ކަނޑައެޅިފައިވާ އިޖުރާއަތުގެ ދަށުން މާޓީގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމާފައިވާ ކަމުގައެވެ.

އެންއައިސީއިން މިހެން ބުންޏަސް މާޓީގެ އާއިލާއިން އަންނަނީ އޭނާގެ ހަށިގަނޑު އާއިލާއާއި ހަވާލު ކުރުމަށް ތަކުރާރުކޮށް އާދޭސް ކުރަމުންނެވެ. އާއިލާއިން ބުނާގޮތުގައި މާޓީގެ މެޔަށް ތަދެއް އަރައިގެން ރޮއި އާދޭސް ކުރަމުންދިޔައިރު، އޭނާ އަށް އެހީނުވެ، ފުލުހުންގެ އިހުމާލުން މާޓީ މަރުވުމުން ދެން އިތުރަށް އޭނާ މަރުވި ސަބަބާއި ގަޑި ހޯދުމުގެ ބޭނުމެއް ނެތް ކަމުގައެވެ. އަދި ކޯޓު އަމުރެއްގެ ދަށުން މާޓީގެ ހަށިގަނޑު ބޭރަށް ފޮނުވަން ސަރުކާރުން ނިންމިޔަސް ޕޯސްޓް މޯޓަމް ފޯމުގައި ސޮއި ނުކުރާނެ ކަމަށް އާއިލާއިން ވަނީ ބުނެފައެވެ.

މާޓީ މަރުވިއިރު، އޭނާ ހުރީ ހޯނޑެއްދޫ ޕީޕީއެމް ސްޓިއަރިން ކޮމެޓީގެ ރައީސްގެ މަގާމުގައެވެ. އޭނާގެ އަނބިމީހާއާއި ދަރިން ތިބީ މާލޭގައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button