
މާލެ ސިޓީގެ މޭޔަރު އަދި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް ޑރ.މުހައްމަދު މުއިއްޒުއަށް ބިރު ދައްކައިގެން އެޕާޓީގެ ލީޑަރުން ބައިބައި ނުކުރެވޭނެ ކަމަށް އިދިކޮޅން ބުނެފިއެވެ.
ޕީޕީއެމުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެޕާޓީގެ ނާއިބު ރައީސް މުއިއްޒަށް އިންޒާރުދީ ބިރު ދެއްކި މައްސަލަ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމުގައެވެ. އަދި މައްސަލަ ބެލުމަށް ފުލުހުންނަށް އެޕާޓީން ވަނީ ގޮވާލާފައެވެ.
”މުއިއްޒުގެ އަނބިކނަބަލުންގެ ފޯނަށް ކާކުކަން ނޭނގޭ (ރާއްޖެއިން ބޭރުގެ) ނަންބަރަކުން މެސެޖްކޮށް، މުއިއްޒުއަށް ހަމަލާދޭނެކަމަށް ބުނެ ބިރުދައްކާ މަރުގެ އިންޒާރު ދިނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ.“ އިދިކޮޅުގެ ބަޔާނުގައި ވެއެވެ.
މިފަދަ ނާތަހުޒީބު ދަށުދަރަޖައިގެ ފިނޑި އަމަލުތަކުން، އެކޯލިޝަންގެ ލީޑަރޝިޕްގައި ބައިބައި ކުރެވިދާނެކަމަށް ހީކުރުމަކީ އެކަން އެކުރާ ބަޔަކަށް ކުރެވޭ ކުށްހީއެއް ކަމަށާއި، ކޯލިޝަންގެ ލީޑަރޝިޕްވެސް އަދި ސެނެޓްވެސް މަސައްކަތް ކުރާނީ އެފަދަ ބިރުދެއްކުންތަކާއި އިންޒާރުތަކަށް ބެލުމެއް ނެތި، އެކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ކަމުގައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ސަރުކާރުން ކުރަމުން ގެންދާ އަނިޔާތަކުން އެމަނިކުފާނު މިންޖުކޮށް، ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެމަނިކުފާނަށް ކާމިޔާބުކޮށް ދިނުމުގައި އެކަތިގަނޑެއްގެ ގޮތުގައިކަން އިދިކޮޅުން ފާހަގަކުރެއެވެ.