މަޖިލިސް ރައީސް މުހައްމަދު ނަޝީދު އާއި ދެކޮޅަށް ވާހަކަ ދައްކަނީ ޖާނަށް ނުރައްކާ ދިނުމަށް ކަމުގައި އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު އާއި ހަވާލާދީ ރައްޔިތުންގެ މަޖިލީހުން ނެރުނު ބަޔާނެއްގައި ބުނީ ޢައިރު ދީންތައް ފަތުރާކަމަށް ބުނެ ރައްޔިތުންގެ އިއްތިހާދުން ނަޝީދުގެ އިސްތަށިފުޅުގައި އަޅުވަނީ ދޮގު އިލްޒާމެއް ކަމުގައެވެ.
އެބަޔާނުގައި ބުނީ ރާއްޖޭގައި ހަރާތްތެރިވާ ސިޔާސީ ފަރާތްތަކުން ދޭ ބަހުގެ ހަމަލާތަކާއި، މީޑިއާގެ ރިޕޯޓުތަކުގައި ނަޝީދަކީ އިސްލާމް ދީނުގެ އަސާސްތަކާ ހިލާފަށް އުޅޭ ބޭފުޅެއްގެ ގޮތުގައި ތަސައްވުރެއް ކުރަހަން މަސައްކަތަ ކުރާތާ އަހަރުތަކެއް ވެއްޖެ ކަމުގައެވެ. އަދި އެފަދަ ބަސްތައް ހަރުކަށި ފިކުރުގެ މީހުން ބޭނުންވާ ގޮތަށް އަނބުރަމުން ދާތީ ކަންބޮޑުވާ ކަމަށްވެސް ބުނެފައިވެއެވެ.
”މިފަދަ ބަސްމަގާއި، ރާއްޖޭގައި އުޅޭ ހަރުކަށި ފިކުރުގެ މީހުންނަށް ލަވައިދޭ ބަސްމަގާ އެއް މަގުން ހިނގާތާ ދުވަސްތަކެއް ވެއްޖެ. ލާދީނީ މީހެއް ކަމަށް ބުނެ، ފަތުރާ އިލްޒާމުތަކަށް ފިޔަވަޅު އަޅާނެކަމުގެ އުންމީދުގައި ހުރީމެވެ.“ ބަޔާނުގައި ވެއެވެ.
އެ ބަޔާނުގައި ބުނެފައިވާގޮތުގައި އެފަދަ ވާހަކަތައް ދެއްކުމުގެ މަގްސަދަކީ ނަޝީދުގެ ޖާނަށް ނުރައްކާ ދިނުމެވެ.
މި ބަޔާން ނެރެފައިވަނީ ނަޝީދު ޣައިރު ދީން ފަތުރާކަމަށް ބުނާ މައްސަލައެއް ބަލައިދިނުމަށް އެދި ރައްޔިތުންގެ އިއްތިހާދުން ފުލުހަށާ ހޯމް މިނިސްޓްރީއަށް ސިޓީއެއް ހުށަހެޅުމާ ގުޅިގެންނެވެ. އެކަމާ ގުޅިގެން އޮންލައިން ނޫހަކަށް މައުލޫމާތު ދެމުން ފުލުހުން ބުނީ އޭގައި ބަލަންޖެހޭ ކަމެއް އޮތް ނަމަ، އެ ކަމެއް ބަލާނެ ކަމުގައެވެ. އެކަމަކު މަޖިލީހުން މި ބަޔާން އާންމު ކުރި ފަހުން ފުލުހުން ވަނީ އެ މައްސަލަ ނުބަލަން ނިންމާފައެވެ.