ޚަބަރުސިޔާސީ

އިންތިހާބު އޮޅުވާލުމުގައި ފުލުހުންގެ އިސްވެރިންތަކެއް ބައިވެރިވި: މުހައްމަދު އިސްމާއިލް

2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އޮޅުވާލުމުގައި ފުލުހުންގެ އިސްވެރިންތަކެއް ބައިވެރިވި ކަމަށް ޕީޕީއެމްގެ ހަރަކާތު ކޮމެޓީގެ ޗެއަރ އަދި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެއެވެ.

މުހައްމަދު އިސްމާއިލް ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ ރިޔާސީ އިންތިހާބާއި ގުޅިގެން ލީކުވި ކަމަށް ބުނާ ރިޕޯޓުތައް ސައްހަ ނޫން ކަމަށް ފުލުހުން ހާމަ ކޮށްފައި ވީ ނަމަވެސް، އިންތިހާބާއި ގުޅިގެން ކަންކަން ހިނގާފައިވާ ތަރުތީބަށް ބަލާލުން މުހިންމުކަމުގައެވެ.

”އިންތިހާބުން މޮޅުވާނެ ކަމުގެ އުންމީދެއް ނެތި ތިއްބާ އަވަށްޓެރި އިންޑިއާއިން ލިބުނު އެހީތެރިކަމަކާއިއެކު ކަމަށް އިންތިހާބު ކާމިޔާބު ވި ކަމަށް ރައީސް ނަޝީދުއާއި ސިޔާސީ އިސްފަރާތަކުން ހާމަ ކުރެއްވި، ހަމަ އެހެންމެ އިންތިހާބާއި ގުޅޭ ޝަކުވާތަކަށް އެކަށީގެންވާ ފަރުވާއެއް ދެވިފައި ނުވާކަމަށް މީޑިއާ ތަކުން ބުނޭ.“ މުހައްމަދު ވިދާޅުވިއެވެ.

އިންތިހާބާއި ގުޅޭ މައްސަލަތަކެއް ކޯޓުގައި ވަނިކޮށް އިންތިހާބާއި ގުޅުން ހުރި މުހިންމު ކަރުދާސްތަކެއް އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް އަހުމަދު ޝަރީފް ގާނޫނުތަކާއި ހިލާފަށް ޝްރެޑްކޮށް އަންދާލި ކަން މީޑިއާތަކުން ރިޕޯޓު ކުރިކަމަށް އޭނާ ވިދާޅުވިއެވެ.

”މި ކަންކަމުގެ ތަރުތީބަށް ބަލާއިރު އިންތިހާބުގެ މައްސަލަ ލުއިކޮން ބަލައިގެން ކަމަކު ނުދާނެ. ޕޮލިސްގެ ނަޒާހަތްތެރިކަން ދެމެހެއްޓުމަށްވެސް މައްސަލަ ކޮންމެވެސް ދުވަހަކުން ބަލަން ޖެހޭ. މިއަދު ބެލޭނެ ގޮތެއް ނެތް ޕޮލިސްގައި އިސްކޮންތިބި ބައެއް މީހުންނަކީ މި ޖަރީމާތަކުގެ ބައިވެރިން.“ މުހައްމަދު ވިދާޅުވިއެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބު އޮޅުވާލި ކަމަށް ބުނާ މައްސަލައިގައި ފުލުހުން ހިންގި ތަހުގީގާ ގުޅޭ ކަންކަން ހިމަނާފައިވާ ރިޕޯޓެއް ކަމަށް ބުނެ ލީކު ކޮށްލީ ސައްހަ ނޫން ރިޕޯޓެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން މިހެން ބުނެފައިވަނީ ރިޕޯޓު ލީކުވިތާ 24 ގަޑިއިރު ފާއިތުވި ފަހުންނެވެ.

ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ލީކު ކުރި ރިޕޯޓުގައި ބޭނުންކޮށްފައިވާ ފޯމެޓާއި، ބޭނުންކޮށްފައިވާ ސްޓޭމްޕުގެ ފުށުއެރުންތަކެއް ހުރި ކަމުގައެވެ. އަދި ސްޓޭމްޕުގައި ފުލުހުންގެ މުއައްސަސާގެ ނަން ކަމަށް ބޭނުންކޮށްފައިވާ ދިވެހި ފުލުހުންގެ ހިދުމަތަކީ ގާނޫނު ނަންބަރު 34/2020 ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނަށް އަމަލު ކުރަން ފެށުމާއި ގުޅިގެން ފުލުހުން ބޭނުން ކުރަމުން އަންނަ ނަން ކަމުގައެވެ. އެ ބަޔާނުގައި ބުނީ ކުރިން ފުލުހުން ބޭނުންކޮށްފައިވާ ނަމަކީ މޯލްޑިވްސް ޕޮލިސް ސަރވިސް އެވެ.

“އެހެން ކަމުން މިއީ ރައްޔިތުންގެ ހިތުގައި ދިވެހި ފުލުހުންގެ ހިދުމަތަށް އޮތް އިތުބާރާއި ޔަގީންކަން ކުޑަކުރުމުގެ ބޭނުމުގައި ހަދާފައިވާ ލިޔުމެއް ކަމުގައި މި ހިދުމަތުން ދެކެން.” ފުލުުހުންގެ ބަޔާނުގައި ވެއެވެ.

އެ ލިޔުމަކީ ގަވައިދާ ހިލާފަށް ފުލުހުންގެ ސިއްކަ ބޭނުންކޮށްގެން އުފައްދާފައިވާ ލިޔުމެއް ކަމަށްވާތީ އެ މައްސަލަ ތަހުގީގު ކުރާނެ ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.

ފުލުހުންގެ ރިޕޯޓުގެ އިތުރުން އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައިސް އަހުމަދު ޝަރީފްގެ ބަޔާނެއްވެސް ވަނީ ލީކު ކޮށްލާފައެވެ. މީގެ އިތުރުން މި މައްސަލައާއި ގުޅޭގޮތުން 10 މީހަކު ފުލުހުންނަށް ދީފައިވާ ބަޔާންތަކެއްވެސް ލީކުވިއެވެ. އެ ބަޔާންތަކުގައި ބަޔާން ނެގި ފުލުހުންގެ ނަމާ ސާވިސް ނަންބަރުވެސް ވަނީ ޖަހާފައެވެ.

 

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button