ޚަބަރުސިޔާސީ

ޓިނުގެ ވާހަކަ ދެއްކުމުން ނަައިބު ރައީސަށް އަދުރޭ ވަރުގަދަ ރައްދެއް ދެެއްވައިފި

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކޯލިޝަން ސަރުކާރުން ޓިނު ނެގުން ފަދަ ހުތުރު ކަމެއް ނުކުރާނެކަމަށް ނައިބު ރައިސް ފައިސަލް ނަސީމް ވިދާޅުވުމާއި ގުޅިގެން އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެމަނިކުފާނަށް ހޫނު ރައްދެއް ދެއްވައިފިއެވެ.

އަބްދުއްރަހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މި ސަރުކާރުގެ މިސްރާބަކީ އިސްލާމް ދީނަށް ފުރައްސާރަކޮށް، ރަސޫލު (ޞޢވ) އަށް ހަޖޫ ޖެހުން ކަމުގައެވެ.

”އަދި ގައުމުގެ މިނިވަންކަން ނަގާލައި، ގައުމު އަޅުވެތިކޮށް، ގައުމުގެ ބިމާ ކަނޑާ ވައިގެ ސަރަހައްދު ވިއްކާލާ ދައުލަތުގެ ޚަޒާނާ ދަވާލުން.“ އަބްދުއްރަހީމް ވިދާޅުވިއެވެ.

ޓިނު ނެގިކަމަށް ނައިބު ރައީސް އިޝާރާތް ކުރެއްވީ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި، އެކެއް ފެބުރުއަރީ 2018 ގައި ޖުޑީޝަރީގެ ތެރެއިން ގެންނަން އުޅުނު ބަޣާވާތް ހުއްޓުވުމަށް ސުޕްރީމް ކޯޓުގެ ފުރާޅު މައްޗަށް ފުލުހުންނާއި ސިފައިން އަރައިގެން ހިންގި އޮޕަރޭޝަނަށެވެ.

ރައީސް ޔާމީން ވަނީ އެކަމުގެ ތަފްސީލް، ހުކުރު ދުވަހު ކާނިވާ ސަރަހައްދުގައި އިދިކޮޅުން ބޭއްވި “ކޮތަރި ކޮށި” ޖަލްސާގައި ވާހާކަފުޅު ދައްކަވަމުން ހާމަކުރައްވާފައެވެ. ރައީސް ޔާމީން ވިދާޅުވީ އެކެއް ފެބުރުއަރީގެ އަމުރާ ގުޅިގެން އިންޑިއާ ފިޔަވައި ދުނިޔޭގެ އެއްވެސް ގައުމަކުން އެކަމާއި މެދު އެއްޗެއް ނުބުނާ ކަމުގައެވެ. އެމަނިކުފާނު ހާމަކުރެއްވިގޮތުގައި އިންޑިއާގެ ނިއު ދިއްލީ އިން ރައީސް އޮފީހަށް 3 ސިޓީ ފޮނުވިއެވެ. އަދި އެ ހުކުމް ތަންފީޒު ނުކުރަނީ ކީއްވެތޯ ސުވާލު ކުރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެކެއް ފެބުރުއަރީގެ އަމުރާ ގުޅިގެން ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނެގިކަމަށް ދެކެވޭ ވާހަކަތަކަށް ވެސް ޔާމީން ވަނީ އަލިއަޅުއްވާފައެވެ. އެގޮތުން ސުޕްރީމް ކޯޓުގެ އޭރުގެ އުއްތަމަ ފަނޑިޔާރުގެ މައްޗަށް އެކެއް ފެބުރުއަރީގެ އަމުރާ ގުޅިގެން ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެެއް ފެންމަތިވިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

”މި ބޭފުޅުން ޕެރިމީޓާއެއް ދަމާލާފަ މިބުނަނީ ތިމަންނަމެން ހާޒިރެއް ނުކުރެވޭނެއޭ. ތުހުމަތުގެ މައްސަލަ، ކޮރަޕްޝަންގެ މައްސަލައެއް މިއޮތީ ކާކަށް ތޯ؟ އަބްދުﷲ ސައީދަށް. ފަނޑިޔާރަކަށް ހުރީ ކާކުތޯ؟ އަބްދުﷲ ސައީދު. ވަކާލާތުކުރަން ހުރީ ކާކުތޯ؟ އަބްދުﷲ ސައީދު. ދިފާއަށް ހުރީ ކާކުތޯ؟ އަބްދުﷲ ސައީދު.“ ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވިގޮތުގައި އެ މައްސަލަ ބެލެން އޮތް ހަމަ އެކަނި ގޮތަކީ ގާނޫނީ އިމުގެ ތެރެއިން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްގެންނެވެ.

”އެ ނޫން އެއްވެސް ގޮތެއް ނެތް އެބޭފުޅުން ހާޒިރު ކުރެވޭނެ. އެއީ ޓިނު ނަގަން ޖެހުނު ގޮތް.“ ރައީސް ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ އެކެއް ފެބުރުއަރީގެ އަމުރުގެ ކަންކަމަށް ބަލާލުމުން ދާހިލީ ކަންކަމަށް އިންޑިއާ އިން ވަންނަ މިންވަރު ހާމަވެގެން ދާ ކަމުގައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button