ޚަބަރު

ފުވައްމުލަކު ސިޓީގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށް 300 މިލިއަން ރުފިޔާގެ މަޝްރޫއެއް އިފްތިތާހުކޮށްފި

ފުވައްމުލަކު ސިޓީގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށް 300 މިލިއަން ރުފިޔާގެ މަޝްރޫޢެއް އިފްތިތާޙުކޮށްފި އެވެ.

ފުވައްމުލަކު ސިޓީގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މި މަޝްރޫޢުގެ މަސައްކަތް ކޮންޓްރެކްޓް ކޮށްފައި ވަނީ ވަނީ އެމް.ޓީ. ހޯގާޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއެވެ. އެއީ އެ ސިޓީގެ ބަނދަރުގެ މަސައްކަތްވެސް ކުރި ކުންފުންޏެވެ.

މި މަޝްރޫޢުގެ ދަށުން ފުވައްމުލަކު ސިޓީގެ ބަނދަރުގެ އުތުރުން ފެށިގެން ރަށުގެ އިރުމަތީ ފަރާތުގައި 2650 މީޓަރުގެ ބޮޑުހިލައިގެ ތޮއްޓެއް ޤާއިމުކުރުމަށް ހަމަޖެހިފައިވެއެވެ.

ޖުމްލަ 300,343,050 (ތިންސަތޭކަ މިލިއަން، ތިންސަތޭކަ ސާޅީސް ތިން ހާސް، ފަންސާސް ރުފިޔާ) ގެ މި މަޝްރޫޢުގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައި ވަނީ 606 ދުވަހުގެ ތެރޭގައެވެ. މި މަޝްރޫޢަކީ ނެދަލެންޑް ސަރުކާރުގެ ހިލޭއެހީއާއި ކުވެއިތު ފަންޑުގެ ލޯނު އެހީއާ ދިވެހި ސަރުކާރުން ޚަރަދުކޮށްގެން ކުރިޔަށްގެންދާ މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ ކޮންޓްރެކްޓުގައި މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޕާރމަނަންޓް ސެކްރެޓަރީ ޒީނިޔާ އަޙްމަދު ހަމީދެވެ. އެމް.ޓީ.ހޯގާޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޕެއަރ ވިންތަރ ލާސަންއެވެ. މި އެއްބަސްވުމުގައި ސޮއިކުރުމަށްފަހު މި ރަސްމިއްޔާތުގައި މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް އިފްތިތާޙްކޮށްދެއްވީ މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުންސިންގ އެންޑް އިންފްރާސްޓަރކްޗަރ މުޙައްމަދު އަސްލަމްއާ ނެދަރލެންޑް ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ޓާންޔާ ގޮންގްރިޖް އެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އިތުރުން ވަޒީރުންނާއި، ނެދަރލެންޑް ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ޓާންޔާ ގޮންގްރިޖްގެ އިތުރުން ސަރުކާރުގެ ބައެއް އިދާރާތަކުގެ އިސްވެރިންނާއި ފުވައްމުލަކު ސިޓީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button