ސުޕްރީމް ކޯޓުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަން ކުރުމާގުޅިގެން އެނގިގެންދަނީ ޝަރުއީ ނިޒާމް އިސްލާހު ވަމުން އަންނަ މަންޒަރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުން މިރޭ ކުރިޔަށް ގެންދިޔަ އާސްކް ސްޕީކާ ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ކުރީގެ ރައީސެއްގެ ވެރިކަމުން ބޭރުގައި ފަނޑިޔާރުގެއަކުން މީގެ ކުރިން މިނިވަން ނުކުރާ ކަމުގައެވެ.
”ގިނަ ފަހަރާ ރާއްޖޭގެ ކުރީގެ ވެރިންނަށް ރާއްޖެއަށް ނާދެވޭގޮތް ވޭ. ނުވަތަ މަރާލެވިފައި ވަނީ. ނުވަތަ ހައްޔަރުގައި ނިމި ގޮސްފައިވަނީ.“ ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާނު ފާހަގަކުރެއްވިގޮތުގައި ވަކި ބޭފުޅަކު މިނިވަންވުމަކީ އެއްބަޔަކު ހިތް އެދޭ ގޮތަށް ނުވެދާނެއެވެ. އަދި އެއީ އަނެއް ބަޔަކު ހިތް އެދޭގޮތްކަން ނަޝީދު ފާހަގަކުރެއްވިއެވެ. ނަޝީދު ހާމަކުރެއްވި ގޮތުގައި ޝަރީއަތެއް ރަނގަޅަށް ކުރެވިގެން ގަޟިއްޔާއެއް ރަނގަޅަށް ނިންމޭ ކަމީ މުޅި ރާއްޖެއަށްވެސް ލިބޭ ކުރިއެރުމެކެވެ. ނަޝީދު ވިދާޅުވީ އެކަން އިދިކޮޅު ފަރާތްތަކުންވެސް ގަބޫލު ކުރާ ކަމުގައެވެ.
ކްރިމިނަލް ކޯޓުން ރައީސް ޔާމީނަށް ކޮށްފައިވާ 5 އަހަރު ދުވަހުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ބާތިލްކުރުމާ ގުޅިގެން އެމަނިކުފާނުގެ ސަޕޯޓަރުން އަންނަނީ އުފާ ފާޅުކުރަމުންނެވެ. އަދި ސުޕްރީމް ކޯޓަށް އޮތް އިތުބާރާއި ޔަގީންކަން އާންމުންގެ މެދުގައި ވަނީ އިތުރުވެފައެވެ.