ދުނިޔޭގެ ފިނިހޫނުމިން އިތުރުވަމުންދިއުމާއެކު ޒުވާނުން ހޯދަން އެދޭ ހައްލުތަކާ ގުޅޭގޮތުން ފާޅުކުރާ ޝުއޫރުތައް އަޑުއެހުމަކީ މުހިންމު ކަމެއް ކަމުގައި ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް ސަބްރާ އިބްރާހީމް ނޫރައްދީން ވިދާޅުވެއްޖެއެވެ.
ސަބްރާ މިހެން ވިދާޅުވީ ކޮޕް-26 ސަމިޓަށް ތައްޔާރުވުމުގެ ގޮތުން އިއްޔެ މެންދުރުފަހު ބޭއްވި ”އަވަރ ކްލައިމެޓް، އަވަރ ޕްރެޒެންޓް، އަވަރ ފިއުޗަރ- އަ އެސް.އައި.ޑީ.އެސް ޕާސްޕެކްޓިވް“ އިވެންޓުގައި ވާހަކަދައްކަވަމުންނެވެ. ސަބްރާ ވިދާޅުވިގޮތުގައި ދުނިޔޭގެ ފިނިހޫނުމިން އިތުރުވަމުންދިއުމާއެކު ޒުވާނުން އެމީހުންގެ މުސްތަގުބަލާމެދު ހުރި ހިތްނުތަނަވަސްކަމާއި، ކަންބޮޑުވުމާއި، އެމީހުން އެދޭ ކަންކަމާއި އަދި އެ ކަންކަމަށް އެމީހުން ހޯދަން އެދޭ ހައްލުތަކާ ގުޅޭގޮތުން ފާޅުކުރާ ޝުއޫރުތައް އަޑުއެހުމަކީ މުހިންމު ކަމެކެވެ. އޭނާ ފާހަގަކުރެއްވިގޮތުގައި ޒުވާނުންގެ އެދުންތަކުގެ މައިގަނޑު އަސާސަކީ ޖައްވަށް ދޫކުރާ ވިހަ ގޭސްތައް މަދުކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅައިދިނުމަށާއި އެކަމަށް ބޭނުންވާ ވަސީލަތްތަކާއި އެޑަޕްޓޭޝަނަށް ބޭނުންވާ ފައިސާ ލިބޭގޮތަށް އޮތުމެވެ. އަދި މި ބަދަލުވާ މަރުހަލާ ވީހާވެސް އޮމާންކަމާއި ހަމަހަމަކަމާއެކު ކުރިޔަށްދާގޮތަށް އޮތުމާއެކު ހާއްސަކޮށް ކޮޕް-26އަށް ތައްޔާރުވަމުންދާއިރު މިވާހަކަތައް އިއްވައިދިނުން ކަމަށް ސަބްރާ ވިދާޅުވިއެވެ.
ސަބްރާ ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކަށް އަޅާ ފިޔަވަޅުތަކާއި ނިންމުންތައް ނިންމުމަށް ބާއްވާ މަޝްވަރާތަކުގެ އެންމެ ކުރީސަފުން ޕޮލިސީ މޭކަރުން ފަދަ މުހިންމު މަސްއޫލިއްޔަތުތައް ޒުވާނުން އަދާކުރަންޖެހޭނެ ކަމުގައެވެ.
މިއިވެންޓުގެ މަގްސަދަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތުގައި އެއްބާރުލުން އިތުރުކުރުމާއި އެކަންކަމުގައި ޒުވާނުންނަށް އެމީހުންގެ އަޑުއުފުލުމަށް ފުރުސަތު ފަހިކޮށްދިނުމެވެ. އަދި މިއީ ސްކޮޓްލެންޑްގެ ގްލާސްގޯގައި ބާއްވަން ހަމަޖެހިފައިވާ ކޮޕް26 ގައި ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރާ މިންވަރު އިތުރުކުރުމަށްވެސް އެޅިގެންދާ ބާރެކެވެ.
އިއްޔެ ބޭއްވި މި އިވެންޓުގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ، އާމިނަތު ޝައުނާ އާއި ޔުނިސެފްގެ ޑެޕިއުޓީ ރީޖަނަލް ޑިރެކްޓަރ ފޮރ ސައުތު އޭޝިޔާ، ސަން އަ ކިމް ސު އާއި އިނގިރޭސި ވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެރަން ރޮޒްލާ އާއި އ.ދ.އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ރެޒިޑެންޓް ކޯޑިނޭޓަރ ކެތަރިން ހެސްވެލް ގެ ފަރާތުން ޔޫއެންޑީޕީގެ ރެޒިޑެންޓް ރެޕްރެޒެންޓެޓިވް އެންރިކޯ ގެވެގްލިއާ، އާއި ވިޔަފާރިވެރިންނާއި، ރާއްޖެއާ އެހެން ކުދި ޖަޒީރާ ގައުމުތަކުން ޒުވާނުން ބައިވެރިވެ، ވާހަކަދައްކާފައިވެއެވެ.