ޚަބަރުސިޔާސީ

ތޮއްޑޫގެ ދަނޑުވެރިންނާ ގެސްޓްހައުސް ހިންގާ ފަރާތްތަކުގެ ކަންބޮޑުވުން ރައީސް އަޑުއައްސަވައިފި

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިހާރު އއ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ތޮއްޑޫޫ ދަނޑުވެރިންނާއި ގެސްޓްހައުސް ވިޔަފާރިކުރާ ފަރާތްތަކާ މިއަދު ހެނދުނު ބައްދަލުކުރައްވައި އެބޭފުޅުން ދަނޑުވެރިކަން ކުރުމުގައި ދިމާވާ ދަތިތަކާއި ލޯކަލް ޓޫރިޒަމް ކުރިޔަށްގެންދިޔުމުގައި ދިމާވާ ގޮންޖެހުންތައް އަޑުއައްސަވައި، އެކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މިއަދު ހެނދުނު ތޮއްޑޫ އެގްރި ސެންޓަރުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ދަނޑުވެރިން ވަނީ ލޯކަލް ޓޫރިޒަމަށް ކޮންމެ ފަތުރުވެރިޔަކު ދައްކަންޖެހޭ ގްރީން ޓެކްސް ފައިސާ އެރަށަށް ނުލިބޭތީ ހުރި ކަންބޮޑުވުންތަކާއިި، ދަނޑުވެރިކަމަށް ބޭނުންވާ މުޑުވައްތަކާ ކާނާ އަދި ގަސްތަކަށް ޖަހާ ބޭސް ފަދަ ތަކެތި އަތްފޯރާ އަގެއްގައި ލިބެން ނެތުމުން ދިމާވާ ދަތިތައް ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ގެސްޓްހައުސް ވިޔަފާރިތައް ހިންގަވާ ބޭފުޅުންވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކަރަންޓްދިނުމުގައި ޗާޖްކުރާ އަގު ތަފާތުވުމުގެ ސަބަބުން ހުރި ދަތިކަން ފާހަގަކުރައްވާފައެވެ.

ރައީސް ވަނީ ތޮއްޑޫއަކީ ދަނޑުވެރި ރަށެއްކަމަށާއި ފަތުރުވެރިކަން ކުރިއަރަމުން އަންނަ ރަށެއްކަން ދަނެގެން ސަރުކާރުން ރަށުގެ ތަރައްޤީއަށް މަސައްކަތްކުރައްވަމުންގެންދަވާކަން ހާމަކުރައްވާފައެވެ. އެގޮތުން އެމަނިކުފާނު ވަނީ ރަށުގެ ބަނދަރުގެ އެކްސްޓެންޝަން މަސައްކަތް ކުރަމުންދާކަމަށާއި، ފެނާ ނަރުދަމާގެ މަސައްކަތް ޙަވާލުކޮށްފައިވާ ކަމަށާއި މި މަސައްކަތް ނިމުމުން މަގުހެދުމުގެ މަސައްކަތްކުރިޔަށްދާނެކަމަށް ވިދާޅުވެފައެވެ. އަދި ދަނޑުވެރިންގެ ކަންބޮޑުވުންތަކަށް އިޖާބަދެއްވާ ސަރުކާރުން ކުރިންވެސް ދަނޑުވެރިކަމަށް ރާއްޖެ އެތެރެކުރާ ބައެއްތަކެތީގެ ޑިއުޓީ ކަނޑާލި ނަމަވެސް އޭގެ މާ ބޮޑު ފައިދާއެއް ސީދާ ދަނޑުވެރިންނަށް ނުކުރާކަން ފާހަގަވެފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެގްރޯނެޓް ނުވަތަ އެސްޓީއޯއިން މިތަކެތި ޑިއުޓީއަކާނުލާ އެތެރެކޮށްގެން ހެޔޮއަގުގައި ސީދާ ދަނޑުވެރިންނަށް ލިބޭނެގޮތް ފަހިކުރުމުގެ ވިސްނުން ގެންގުޅުއްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ވެސް ރައީސް ވަނީ މިހާރު ދަނޑުބިންތައް ދޫކުރާ މުއްދަތު އިތުރުކުރުމުގެ މަޝްވަރާތައް ކައުންސިލްތަކާ ގުޅިގެން ސަރިކާރުން މަސައްކަތްކުރަމުންދާކަމުގައި ވިދާޅުވެފައެވެ.

ގެސްޓްހައުސްތަކުގެ ވެރިންގެ ކަންބޮޑުވުންތަކަށް ޖަބާވުދެއްވަމުން ރައީސް ވަނީ ގްރީން ޓެކްސް މިހާރު ޚަރަދު ކުރަނީ ތިމާވެށީގެ ކަންކަމަށާއި، ފެނާނަރުދަމާގެ މަސައްކަތަށްކަން ފާހަގަކުރައްވައި، ނަމަވެސް އެމަނިކުފާނުވެސް ޤަބޫލުފުޅުކުރައްވާ ގޮތުގައި ގްރީން ޓެކްސްގެ ބޮޑު އިންސައްތައެއް ޚަރަދުކުރަން ޖެހޭނީ އެ ރަށަކަށްކަން ފާހަގަކުރައްވައި އެގޮތަށް ވިސްނުން ބަހައްޓަވައިގެން އެކަން ކުރިޔަށްގެންދަވާނެކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލުވުމުގެ ކުރިން ރައީސް ވަނީ އެސްޓީއޯގެ ފަރާތުން ތޮއްޑޫގައި ހިންގާ އެގްރި ސެންޓަރުގައި ހުރި ތޮއްޑޫގެ ދަނޑުވެރިން އުފައްދާފައިވާ ކާނާގެ ބާވަތްތައްް ބައްލަވާލައްވާފައެވެ. ރާއްޖޭގެ އެކި ކަންކޮޅުގައި ދިރިއުޅޭ 266 ދަނޑުވެރިއެއް މިހާރުވެސް ވަނީ އެގްރޯނެޓްގައި ރެޖިސްޓަރ ކޮށްފައެވެ .މީގެ އިތުރުން އެމަނިކުފާނު ވަނީ ތޮއްޑޫގައި މިހާރު ސަރުކާރުން ތަރައްޤީ ކުރަމުންދާ ބަނދަރުގެ މަސައްކަތް ކުރިޔަށްދާގޮތް ބައްލަވާލައްވާފައެވެ.

ރައީސް ސޯލިހު ތޮއްޑޫއަށް މިކުރައްވާ ދަތުރުފުޅަކީ އަރިއަތޮޅު އުތުރުބުރީގެ ހަ ރަށަކަށް މިއަދު ފެއްޓެވި ދެދުވަހުގެ ދަތުރުފުޅުގެ ފުރަތަމަ މަންޒިލެވެ. އެމަނިކުފާނުގެ އަރިހުގައި ކެބިނެޓްގެ މިނިސްޓަރުންނާ ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button