އަލިފުށީ އެއާޕޯޓު ހެދުމަށް ބިން ހިއްކަން ފަށައިފި
ރ.އަލިފުށީ ބިން ހިއްކުމާއި އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ.
އަލިފުށީގައި ބޭއްވުނު މި ރަސްމިއްޔާތުގައި، މަޝްރޫޢުގެ އަމަލީ މަސައްކަތް އިފްތިތާޙް ކޮށްދެއްވީ އަލިފުށީ
ދާއިރާގެ މަޖިލީސް މެމްބަރު މުޙައްމަދު ރަޝީދު ޙުސައިން (ބިގޭ) އެވެ. މި ރަސްމިއްޔާތުގައި އަލިފުށީ ކައުންސިލްގެ ރައީސް އާދަމް އިމްރާންއާއި، އެމްޓީސީސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަލްފާޟިލް އާދަމް އާޒިމްއާއި އެމްޓީސީސީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އަލިފުށީ ބިން ހިއްކުމުގެ މަސައްކަތް ނިމުމުން އެރަށު އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަސައްކަތް ފެށިގެންދާނެއެވެ.
މި މަޝްރޫޢުގެ ދަށުން، 5.50 ހެކްޓަރުގެ ބިން ހިއްކުމާއި، 2871 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 480 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއި، ރަންވޭއަކާއި، އޭޕްރަންއަކާއި، ޓެކްސީވޭއަކާއި ފަޔަރ ޕެޑަކާއި މަގުތައް ހެދުން ހިމެނެއެވެ. އަދި އެއަރފީލްޑް ލައިޓިންގ ސިސްޓަމެއް ހަރުކުރުމާއި، ނެރު ބައްތި ހަރުކުރުމާއި، އަލިފާން ނިއްވާ އިކުއިޕްމަންޓް ހަރުކުރުމާއި، 655 މީޓަރުގެ ސެކިއުރިޓީ ފެންސެއް ހެދުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫއަކީ 61.451 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
ވޭތުވެދިޔަ 3 އަހަރުތެރޭ އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫޢުތަކެއް ނިންމާފައެވެ. 1980 ވަނަ
އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިއްމު މަރުޙަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ
ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.