ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރަނީ އިންޑިއާ ކުންފުންޏަކުން

ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ ބީލަން އިންޑިއާގެ ޖޭއެމްސީއަށް ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.
އެއީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު ފައިސާ އިން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަޝްރޫއުއެކެވެ. އެ މަޝްރޫއު އެވޯޑު ކުރެވިފައިވާ އަގަކީ 136 އެމެރިކާ ޑޮލަރެެވެ.
ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އެތަނުގައި 2,460 ކިލޯ މީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ޖާގައިގެ ޓާމިނަލެއް އިމަރާތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި 624،000 އަކަފޫޓުގެ އޭޕްރަން އަކާއި ބައިނަލްއަގުވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ވެސް ގާއިމުކުރުމަށް ވަނީ ނިންމާފައެވެ.
މި މަޝްރޫއު ނިމުމުން ބައިނަލްއަގުވާމީ ދަތުރުތަކުގައި ބޭނުން ކުރާ އެއަރބަސް A320 އާއި ބޮއިންގް 737 މަރުކާގެ ބޯޓު ފަހަރަށް ހަނިމާދޫ އެއާޕޯޓުން ހިދުމަތް ދެވިގެންދާނެ އެވެ. އަދި ދެކުނު އޭޝިއާ އާއި، މެދުއިރުމައްޗާއި ދެކުނު އިރުމަތީ އޭޝިއާއާއި، އިރުމަތީ އެފްރިކާގެ ގައުމުތަކުން ޑައިރެކްޓް ފްލައިޓްތައް ހަނިމާދޫ އަށް އޮޕަރޭޓް ކުރުމުގެ ގާބިލުކަން ލިބިގެންދާނެއެވެ.