ޚަބަރު

މޫސުމް ގޯސްވާނެތީ ރައްކާތެރިވެ ތިބުމަށް އިލްތިމާސްކޮށްފި

ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވެފައިވާ ކަމަށާއި ކުރިއަށް އޮތް ތިން ދުވަހު މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ އިދާރާ (މެޓް) އިން ބުނެފިއެވެ.

މެޓް އޮފީހުން ބުނީ ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވެފައިވާ ކަމަށާއި ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އެގޮތުން އެޅިދާނެ ފިޔަވަޅުތަކުގެ ގޮތުގައި އެންޑީއެމްއޭ އިން ފާހަގަކުރި ކަންކަމަކީ:

  • ވާރޭ ވެހުމާއި އުދަ އަރައި ފެންބޮޑުވެދާނެ ކަމަށް ތައްޔާރުވުން
  • ގެއަށް ފެން ނުވަންނާނެހެން ރައްކާތެރި ފިޔަވަޅު އަޅައި ދޮރުމަތީ ވެލިބަސްތާ ފަދަ ތަކެތި ޖެއްސުން
  • ގޭތެރޭގައި ފެން ބޮޑުވެއްޖެ ހިނދެއްގައި ގެއްލުންވާނެ މުދާ ފެން ނުޖެހޭ އުސް ތަންތަނަށް ބަދަލުކުރުން

އުސް ތަންތަނަށް ބަދަލު ނުކުރެވޭ ތަކެތި ފެނުގެ އަސަރު ނުފޯރާނެ ތަނަކަށް ބަދަލުކުރުން

  • ގަދަ ވައިގެ ސަބަބުން ގޭގެ ފުރާޅު އެއްލާލާފާނެ ކަމަށް ލަފާ ކުރެވޭ ނަމަ ދުރާލާ ވާ ފަދަ އެއްޗެއް ބޭނުންކޮށްގެން ފުރާޅު އެއްލާނުލާނެ ގޮތަކަށް ހައްޔަރުކުރުން
  • ގަދަ ވައިގެ ސަބަބުން އެއްލާލަފާނެ ތަކެތި ބަނދެ ރައްކާތެރިކުރުން
  • ބޭނުން ނުކުރާ ނަމަ ކަރަންޓުން ބޭނުންކުރާ ތަކެތި ނިއްވާލާފައި ބެހެއްޓުން
  • ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރު ކުރުމަށް ސަމާލުވުން؛ ދަތުރަށް ނުކުންނައިރު ސަލާމަތީ ކަންކަމާއި މުވާސަލާތީ ނިޒާމް ފުރިހަމަކަން ޔަގީންކުރުން

މެޓް އޮފީހުން ބުނީ މި ވިއްސާރައިވައި ހާއްސަކޮށް މެދު ރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކުގައި ވައިގަދަވެ، ކަނޑުތައް ވަރަށް ބޮޑަށް ގަދަވުމާއިއެކު ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާ ކަމަށެވެ. އަދި ހުރިހާ ފަރާތްތަކުން ހާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އެދިފައެވެ.

ގަދަވަޔާއެކު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށާއި ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ވެސް މެޓު އޮފީހުން ވަނީ އިލްތިމާސް ކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button