އުދަ އެރުމުގެ ސަބަބުން 143 ކަށްވުރެ ގިނަ އާއިލާ ހާލުގައި ޖެހިއްޖެ
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ގިނަ ރަށްރަށަށް އުދަ އެރުމުގެ ސަބަބުން 143 ކަށްވުރެ ގިނަ އާއިލާ ހާލުގައި ޖެހިއްޖެއެވެ.
ނޭޝަނަލް ޑިސާސްޓަރ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނިގޮތުގައި ގދ. މަޑަވެއްޔަށް އުދައަރައި ގޭގެއަށް ލިބުނު ގެއްލުންތަކުގެ ސަބަބަބުން، ދިރި އުޅުމަށް ރައްކާތެރިނޫން 4 އާއިލާއަކަށް ވަގުތީ ބޯހިޔާވަހިކަން ކައުންސިލް އިދާރާއިން ފޯރުކޮށްދޮނެވެ. މީގެ އިތުރުންވެސް ގިނަ އާއިލާތަކެއް ވަނީ ވަގުތީ ގޮތުން ގެދޮރު ދޫކޮށް އާއިލާގެ އެހެން ގެތަކަށް ބަދަލުވެފައި ކަމުގައި އެންޑީއެމްއޭ އިން ބުންޏެވެ.
ގދ.ރަތަފަންދޫއަށް ރޭގައި އުދައަރައި 40 ވަރަކަށް ގެއަށް އެކިވަރުގެ ގެއްލުން ލިބިފައިވާއިރު، ތ.ތިމަރަފުށްޓަށް އުދައަރައި އެއާޕޯޓާއި ރަށުގެ ގިނަ ގެތަކަށް ލޮނުވަދެ އެކިވަރުގެ ގެއްލުންތައް ލިބިފައިވެއެވެ. އެގޮތުން ގާތްގަނޑަކަށް 30 އަކަށް އާއިލާތައް ވަނީ ވަގުތީ ގޮތުން އެހެން ތަންތަނަށް ބަދަލުވެފައެވެ. އަދި 1 އާއިލާއެއް މިވަގުތު ތިބީ ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައެވެ.
ތ.ގާދިއްފުށްޓަށް އުދައަރައި ރަށުގެ ނަރުދަމާއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އެ އަތޮޅު ކިނބިދޫއަށް އުދައަރައި %90 ގޭގެއަށް ލޮނުގެ އަސަރުކޮށް އެކިވަރުގެ ގެއްލުން ލިބިފައިވެއެވެ. އަދި ތ.މަޑިފުށީގެ ގާތްގަޑަކަށް 60 ވަރަކަށް ގޭގެއަށް ލޮނުގެ އަސަރުކޮށް އެކިވަރުގެ ގެއްލުންތައް ލިބިފައިވެއެވެ. އެންޑީއެމްއޭ އިން ބުނީ ތ.ވޭމަންޑޫއަށް އުދައަރައި ނަރުދަމާ ހަލާކުވެފައި ވާކަމުގައެވެ. އަދި ގަދަވައިގެ ސަބަބުން 2 ގެއެއްގެ ފުރާޅު އެއްލާލައިގެން މަރާމާތުކުރުމުގެ މަސައްކަތް ކުރެވިފައިވެއެވެ. ތ.ދިޔަމިގިއްޔަށް އުދައަރައި 4 ގެއަކަށް އެކިވަރުގެ ގެއްލުން ލިބިފައިވާކަމަށްވެސް އެ އޮތޯރިޓީ އިން ވަނީ ބުނެފައެވެ.
ގެއްލުން ކުޑަކުރުމާއި އިޖާބަދިނުމަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް އޮތޯރިޓީއިން ކުރަމުން ދާ ކަމަށާއި، ހާލުގައި ޖެހޭފަރާތްތަކަށް ބޭނުންވާ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތްވެސް ކައުންސިލް އިދާރާތަކާއި ގުޅިގެން ކުރެވެމުން ދާކަން އެންޑީއެމްއޭ އިން ބުނެފައިވެއެވެ.
ރަށްރަށުގެ ކައުންސިލް އިދާރާތަކާއި ޢާންމު ރައްޔިތުން އަދި ސިފައިންނާއި ފުލުހުން ގުޅިގެން ގެއްލުން ކުޑަކުރުމާއި ގެއްލުން ލިބުނު އާއިލާތަކަށް އެހީވުމުގެ މަސައްކަތް އެ އޮތޯރިޓީއާއި ގުޅިގެން ކުރިއަށް ގެންދާކަމަށް އޮތޯރިޓީ އިން ފާހަގަކުރިއިރު، މިއަދާއި ކުރިއަށް އޮތް ދުވަސްތަކުގައި ވިއްސާރައާއި އުދައިގެ ސަބަބުން ލިބިދާނެ ގެއްލުންތަކުން ސަލާމަށް ވުމަށާއި ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުއްވުމަށް ހުރިހާ ކައުންސިލްތަކަށް އެންގިފައިވާނެކަމުގައި އެ އޮތޯރިޓީ އިން ބުންޏެވެ.