މޫސުމާ ބެހޭ ގައުމީ އިދާރާއިން މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި

މޫސުމާ ބެހޭ ގައުމީ އިދާރާއިން މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
ބުދަ ދުވަހާއި ހަމައަށް އާންމު ގޮތެއްގައި މެދުރާއްޖެ ތެރެއާއި އުތުރުގެ އަތޮޅުތަކަށް ވައިގެ ބާރުމިން އުޅޭނެކަމަށް ލަފާކުރެވެނީ ގަޑިއަކު 15 މޭލާއި 24 މޭލާ ދެމެދުގައެވެ. އަދި ވިލާގަނޑުގައި 45 މޭލަށް ވައިގަދަވުން އެކަށިގެންވެއެވެ.
މެޓް އޮފީހުން ލަފާކުރާ ގޮތުގައި ބުދަ ދުވަހާ ހަމައަށް ކުރިއަށް މި އޮތް ދުވަސްތަކުގައި ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ވިއްސާރަކުރާނެއެވެ. އަދި ބައެއް ސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުމަކީވެސް އެކަށީގެންވާ ކަމަކެވެ. ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާ ކުރެވޭ އިރު، ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ބެލެވެއެވެ. ވިލާގަނޑުގައި 40 މޭލަށް ވައިގަދަވުން އެކަށީގެންވެއެވެ.
އާންމު ގޮތެއްގައި ރާއްޖޭގެ ކަނޑުތައް ގަވަވާނެ ކަމަށް ބެލެވޭއިރު ރާޅުގެ އުސްމިން 4 ފޫޓާއި 7 ފޫޓާއި ދެމެދުގައި ހުންނާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައި ވެއެވެ.
މިހާރު ރާއްޖެއަށް ކުރަމުން އަންނަނީ ދެ މޫސުން ބެދޭ ދުވަސްވަރުގައި ކުރާ ވިއްސާރައެވެ.
އެހެންކަމުން މެޓްގެ އިތުރުުން ދިވެހި ފުލުހުންނާއި ސިފައިންވެސް ވަނީ ކަނޑުދަތުރުފަތުރު ކުރުމުގައި މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
ދަތުރަކަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދައި، ކަނޑުގަދަ ނަމަ ދަތުރުނުކުރުމަށްވެސް ފުލުހުން ވަނީ އާންމުންގެ ކިބައިން އެދިފައެވެ.