އިންޑިއާ ސިފައިން ބޭރުކުރަން ގޮވާލަން ބޭއްވި ހިނގާލުމަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.
އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އިސްނަގައިގެން ”މިނިވަންކަމުގެ ދިފާއުގައި ދިވެހިން – މިނިވަންކަމުގެ ހިނގާލުން“ މިނަމުގައި މާލޭގައި ކުރިޔަށް ގެންދިޔަ ސުލްހަވެރި ހިނގާލުމުގައި އެތައް ސަތޭކަ ބަޔަކު ވަނީ ބައިވެރިވެ ރާއްޖޭގައި އިންޑިއާ ސިފައިންނާއި އެގައުމުގެ ޖާސޫސުން ތިބުމާއި ދެކޮޅަށް އަޑު އުފުލާފައެވެ.
މި ބޮޑު ހިނގާލުމުގައި އިދިކޮޅު ލީޑާޝިޕްގެ ބޭފުޅުންނާއި ކްލަބް ހައުސްގެ ނިއު މޯލްޑިވްސް ކްލަބްގެ އިސްވެރިންގެ އިތުރުން ފުރަހަނި ޝުއިބް އަލީގެ ކްލަބްގެ އިސްވެރިން ވަނީ ހިނގާލުމުގެ ބައިވެރިންނާއި މުހާތަބުކޮށް ވާހަކަދައްކަވާފައެވެ. ހިނގާލުމުގެ ބައިވެރިން ވަނީ ”އިންޑިއަން މިލިޓަރީ އައުޓް“ ލިޔެފައިވާ ބެނާތައް ހިފައިގެން މާލޭގެ ބޮޑެތި މަގުތަކުގައި ހިނގާފައެވެ. އަދި ބައިވެރިން ތިބީ ”މިނިވަންކަމުގެ ދިފާއުގައި ދިވެހިން“ އަދި ”އިންޑިއަން މިލިޓަރީ އައުޓް“ ލިޔެފައިވާ ރަތް ކުލައިގެ ޓީޝާޓުތައް ލައިގެންނެވެ.
މި ހިނގާލުމުގެ ބައިވެރިން ވަނީ އިންޑިއާ ސިފައިން ބޭރުކުރަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކޯލިޝަން ސަރުކާރަށް ގޮވާލާފައެވެ. އަދި އެގޮތައް އެކަން ކުރެވެން ނެތް ނަމަ އެމަނިކުފާނު އިސްތިއުފާ ދެއްވުމަށް ބައިވެރިން ގޮވާލިއެވެ.
މި ހިނގާލުން ނިންމާލުމުގެ ގޮތުން ޕީޕީއެމްގެ ހަރަކާތު ކޮމެޓީގެ ރައީސް އަދި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް ވިދާޅުވީ ކުރިޔަށް އޮތް ތަނުގައިވެސް އިންޑިއާ ސިފައިންގެ މައްސަލައިގައި އާންމުންގެ ޝުއޫރު ފާޅުކުރުމަށް މިފަދަ ސުުލްހަވެރި ހަރަކާތްތައް އިންތިޒާމް ކުރައްވާނެ ކަމުގައެވެ.
”މިއީ އިންޑިއާ ސިފައިން ބޭރުކުރުމުގެ ފެށުން. އަޅުގަނޑުމެން އަބަދުވެސް އަމަލު ކުރާނީ ގާނޫނު ދައްކާ މަގުން. އަޅުގަނޑުމެންގެ ރައީސް އަބްދުﷲ ޔާމީން އަކީ ސުލްހަޔަށް ލޯބި ކުރައްވާ ލީޑަރެއް. މިތިބީ ސުލްހައިގަ މިކަން ކުރަން ނިކުމެ،“ މުހައްމަދު އިސްމާއިލް ވިދާޅުވިއެވެ.
މިއަދުގެ ހިނގާލުމުގައި އިދިކޮޅުގެ ފިކުރާ ދެކޮޅު އާންމުންވެސް ގައުމީ ވިިސްނުމުގައި ތިބިކަން ހާމަކޮށް އިންޑިއާ ސިފައިން ބޭރުކުރަން އަޑު އުފުލާފައިވާކަން ފާހަގަކޮށްލެވެއެވެ. އަދި މި ހިނގާލުން ހުއްޓުވުމަށް ފުލުހުން އެއްވެސް ވަރަކަށް ހުރަސް އަޅާފައިނުވާކަންވެސް ފާހަގަކޮށްލެވެއެވެ.