ޚަބަރު

ވަޒީފާއިން ވަކި ކުރި 5 އޮފިސަރުންގެ ފަރާތުން ސިވިލް ކޯޓަށް މައްސަލައެއް ހުށަހަަޅައިފި

ފުލުހުންގެ ސީނިއާ 5 އޮފިސަރަކު ވަޒީފާއިން ވަކި ކުރުމަށް ޕޮލިސް ބޯޑުން ނިންމި ނިންމުމާއި ގުޅިގެން އެ 5 އޮފިސަރުންގެ ފަރާތުން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފިއެވެ.

މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައިވާ 5 އޮފިސަރުންނަކީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު މުހަންމަދު، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހަންމަދު ޖަމްޝީދު، ސުޕްރިންޓެންޓް އޮފް ޕޮލިސް އިސްމާއިލް ޝަމީލް އާދަމް ، ޗީފް ސުޕްރިންޓެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް އަދި ޗީފް ސުޕްރިންޓެންޓް އޮފް ޕޮލިސް މުހަންމަދު ދާއޫދުއެވެ.

ފުލުހުންގެ އާ ގާނޫނުގައި ބުނެފައިވާ ގޮތުން ފުލުހުންގެ އިސް އޮފިސަރުންނަކީ މަސައްކަތަށް ގާބިލު ބައެއްތޯ ބެލުމަށް ފަހު ޕޮލިސް ބޯޑުން ގޮތެއް ނިންމަވަން ވާނެ ކަމުގައެވެ. އެގޮތުން ޕޮިސް ބޯޑުން ވަނީ މިދިޔަ އޮގަސްޓް މަހުގެ 9 ވަނަ ދުވަހު 5 އޮފިސަރުން ވަކި ކުރުމަށް ފެންނަ ކަމަށް ޕޮލިސް ކޮމިޝިނަރަށް ލަފާ އަރުވާފައެވެ.

މީގެތެރެއިން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު މުހަންމަދު އަދި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހަންމަދު ޖަމްޝީދަށް 10 އޮކްޓޯބަރުން ފެށިގެން މަގާމުން ވަކި ކުރާނެކަމަށްއަންގާ 30 ސެޕްޓެންބަރުގައި ވަނީ ނޯޓިސް ފޮނުވާފައެވެ.

މި 5 އޮފިސަރުންގެ ގާނޫނީ ވަކީލުން ވިދާޅުވި ގޮތުގައި އޭގެތެރެއިން އެއްވެސް އޮފިސަރަކަށް އަމިއްލަ ދިފާއުގައި ބަސްބުނުމާއި ޖަވާބު ދާރީ ވުމުގެ ފުރުސަތެއް ލިބިފައެއް ނުވެއެވެ. އެހެން ކަމުން އެ އޮފިސަރުންނަށް ގެއްލިފައިވާ ގާނޫނީ ހައްގުތަށް ހިމާޔަތް ކުރުމަށާއި ގާނޫނީ ގޮތުން ބޮޑެތި ފުށުއެރުންތަކެއް އިޖުރާއީ ގޮތުން ހުރުމުން އެ މައްސަލަ 6 އޮކްޓޫބަރުގައި ސިވިލް ކޯޓަށް ހުށަހެޅި އެމައްސަލަ ކޯޓުން ބަލައި ގަނެފައިވާކަމަށެވެ.

މީގެ އިތުރުން މި މައްސަލާގައި ކޯޓުން ވަކި ގޮތެއް ނިންމުމުގެ ކުރިން އޭގެ ތެރެއިން އެއްވެސް ބޭފޫޅަކު ވަޒީފާއިން ވަކި ނުކުރުމަށާއި ވަޒީފާ އަދާކުރުމަށް އެއްވެސް ހުރަހެއް ނޭޅުމަށް އެދި ސިވިލް ކޯޓުން އަމުރެއް ނެރެ ދެއްވުމަށް ވެސް އެދި ފައިވާނެކަމަށް ވަކީލުން ވިދާޅުވެއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button