މިސަރުކާރު ގެނެސްގެން އިސްލާހުކުރެވުނީ އަދި ލިބުނީ ކޮން އިންސާފެއްތޯ ސުވާލުކުރައްވާ އެމްޑީޕީގެ މެނިފެސްޓޯގައި ހިމެނޭ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ވައުދުތަކަށް ޕީޕީއެމްގެ ނައިބުރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ޕީޕީއެމް އޮފީހުގައި ކުރިއަށްދިޔަ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ޝިޔާމް ވިދާޅުވީ ޖަޒީރާ ރާއްޖޭގެ މެނިފެސްޓޯގައި މިސަރުކާރުން ލިޔެފައިވާ ވައުދުތަކަށް ވީޑިއޯ ހަދާ އެކި ބޭބޭފުޅުން ފޮނި ވާހަކަތަކެއް ދައްކަވާފައިވާ ކަމަށެވެ.
”ލާމަރުކަޒީ ނިޒާމުގެ ފުރިހަމަ ބާރުވެރިކަން ރައްޔިތުންނަށް ދޭން ބުނި ފަރާތްތަކުން އަމިއްލައަށް އިހްތިސާސް ކަނޑައަޅާ އެކަމާ ރައްޔިތުން އިޖްތިޖާޖު ކުރީމާ އަނެއްކާ ކުރިން އޮތްގޮތަށް އިއާދަ ކުރަނީ. އިހަށްދުވަހު ދައްޕަރު ފިއްލަދޫގެ އިހްތިސާސުން ދައްޕަރު ވަކިކުރި. ރައްޔިތުން އިހްތިޖާޖު ކުރުމުން އަނެއްކާ އަނބުރާ ދީފި. ރަށެއްގައި މިސްކިތެއް ފޮޅާ ސާފުކޮށްލާނޭ ބާރުވެރިކަމެއްވެސް ބަޖެޓެއްވެސް ކައުންސިލްތަކުގައި ނެތް. އިހްތިސާސީ ބާރުވެރި ކަމާއި މާލީ ބާރުވެރިކަން ދޭންއައި ކައުންސިލްމީ. މެނިފެސްޓޯގައި ވަރަށް ފުރިހަމައަށް އެބަހުރި. އެކަމަކު ކޮންކަމެއްތޯ ހާސިލް ކުރެވުނީ.“ ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވަނީ އެމްޑީޕީގެ ނޫއިގްތިސާދަށް ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި ވެރިކަމަށް 3 އަހަރު ވެގެންދާއިރު އަދި މިހާގިނަ ރަށްރަށަށް ދިޔައިރު ޖީބަށް ޑޮލަރު ވަތް މަސްވެރިއަކާ އަދި ދިމާނުވާ ކަމަށް ވިދާޅުވިއެވެ.
”އެހެންނަމަވެސް ވަރަށް ގިނަ މަސްވެރިން އެބަބުނޭ ބާނާ މަސްކޮޅު ކިރާ ނުލެވޭ ވާހަކަ. މަސްކޮޅު ތިން ހަތަރު ދިވަސްވަންދެން ކިއުގައި ތިބެގެން ކިރީމާ ފައިސާ ނުދީ ކަރުދާސްކޮޅެއް ދޭވާހަކަ. ހަމައަގުގެ ވާހަކަ ހަމަ އެ މެނިފެސްޓޯގައި އެބައޮތް. އިހަށްދުވަހު ނޫންތޯ ވަޒީރު ވިދާޅުވީ ހަމައަގު ލިބޭނީ 2023ގައޭ މަޑުކޮށްލާށޭ.“ ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް މިފަދައިން ވިދާޅުވެފައި މިވަނީ ސަރުކާރުން ވެފައިވާ ވައުދުތަށް ނުފުއްދާ ކަމަށް ބުނެ ގިނަ އަދަދެއްގެ ރައްޔިތުން ސަރުކާރަށް ފާޑު ކިޔަމުންދާ ދަނޑިވަޅެއްގައެވެ.