
އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް ނިންމި ނިންމުން އިސްތިއުނާފުކުރުމަށް، ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ހުށަހެޅުއްވި ޝަކުވާ އަށް އެއްވެސް ޖަވާބެއް ނުލިބުމުން، އެ މައްސަލަ އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މިއަދު ހުށަހަޅައިފި އެވެ.
މަހްލޫފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމިޓީ އަދި އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހަށް މިދިޔަ އަންގާރަ ދުވަހު ހުށަހެޅި ޝަކުވާ އަށް އެއްވެސް ޖަވާބެއް ނުލިބޭ ކަމަށެވެ. އެ އިންތިހާބަށް 30 ދުވަސްވެފައި ވާތީ، ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތަށް އެ މައްސަލަ ހުށަހަޅާފައިވާނެ ކަމަށެވެ.
MDP ގެ އިންތިޚާބާ ބެހޭ ކޮމިޓީ އަދި އިސްތިއުނާފު ފަޑިޔާރުންގެ މަޖިލީހަށް ހުށައެޅި ޝަކުވާއަށް އެއްވެސް ޖަވާބެއް ނުލިބި އިންތިޚާބަށް އެންމެ 30 ދުވަހަށް ވެފައިވާތީ ސިޔާސީ ޕާޓީ ތަކުގެ ބެލެނިވެރިފަރާތް ކަމުގައިވާ @ElectionsMv އަށް މިއަދު މައްސަލަ ހުށައަޅައިފިން.
— Ahmed Mahloof (@AhmedMahloof) August 24, 2021
މަހުލޫފުގެެ އިތުރުން ޕްލޭނިންގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނަށް ވެސް އިންތިހާބުގައި ވާދަނުކުރެވޭނެ މީގެ ކުރިން ވަނީ އަންގާފައެވެ. އެހެން ނަމަވެސް އެ މައްސަލަ އިސްތިއުނާފުކުރުމުން ކޮމިޓީން ވަނީ އިންތިހާބުގައި އަކްރަމް އަށް ވާދަކުރެވޭނެ ކަމަށް ނިންމައިފައެވެ.