ތިލަމާލޭ ބުރިޖު މަޝްރޫއުގައި ބުރާސްފަތި ދުވަހު ސޮއި ކުރަނީ
މި ސަރުކާރުގެ އެންމެ ބޮޑު މަޝްރޫއުކަމުގައިވާ މާލެ، ވިލިމާލެ އަދި ތިލަފުށި ގުޅާލާ ތިލަމާލޭ ބުރިޖް މަޝްރޫއުގައި އަންނަ ބުރާސްފަތިދުވަހު ސޮއިކުރަން ނިންމައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ތިލަމާލޭ ބުރިޖުގެ މަޝްރޫއު ހަވާލުކުރުމަށް ހަމަޖެހިފައި ވަނީ އިންޑިއާގެ އެފްކޮން އިންފްރާސްޓްރަކްޗާ ކުންފުންޏާއެވެ. އެފްކޮން އަކީ އައްޑޫގެ މަގުތަށް ޒަމާނީ ފެންވަރުގައި ހެދުމާއި ފެން ހިންދާ ނިޒާމު ގާއިމް ކުރަންވެސް ހަވާލު ކޮއްފައިވާ ކުންފުންޏެވެ. އެ ކުންފުންނަކީ އިންޑިއާއާއި ބައެއް އެހެން ސަރަހައްދު ތަކުގަވެސް ބްރިޖް ހަދާފައިވާ ތަޖުރިބާކާރު ކުންފުންޏެކެވެ.
ތިލަމާލޭ ބްރިޖުގެ މަޝްރޫއަށް އިންޑިއާ ސަރުކާރުންވަނީ 400 މިލިއަން ޑޮލަރުގެ ލޯނެއް ދީފައެވެ. އަދި 100 މިލިއަން ޑޮލަރުގެ ހިލޭ އެހީވެސް ވަނީ އިންޑިއާއިން ދީފައެވެ.
ތިލަމާލެ ބްރިޖު އެޅުމުގެ ގޮތުން ސާވެގެ މަސައްކަތް ކޮއްފައިވަނީ ނެދަލެންޑްސްގެ ފިގްރޯ ކުންފުނިންނެވެ.
މީގެ ކުރިން މި މަޝްރޫއު ފެށުމަށް ހަމަޖެހިފައި އޮތީ މިދިޔަ އަހަރުގެ ފެބުރުއަރީ މަހުގައެެވެ. ނަމަވެސް ކޯވީޑް-19 ގެ ހާލަތާ ގުޅިގެެން ވަނީ މަޝްރޫއު ލަސްވެފައެވެ. އޭގެ ފަހުންވެސް ތަފާތު އެކި ތާރީހުތައް ސަރުކާރުން އިއުލާން ކުރިއެވެ.