މާލެ ސިޓީ ކައުންސިލުން ރައްޔިތުންނާ ބައްދަލު ކުރަން ނިންމައިފިއެވެ.
މިއަދު ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ،މުހައްމަދު މުއިއްޒު ވިދާޅުވީ ގަލޮޅު ރައްޔިތުންނާއެކު ފުރަތަމަ ބާއްވާ ބައްދަލުވުމުން މިރޭ އޮންނާނެ ކަމަށެވެ. އެކަމަކު އެހެން އަވަށަކަށް ނިސްބަތްވާ ރައްޔިތަކު ބައިވެރިވުމަށް އެއްވެސް ހުރަހެއް ނެތްކަން އޭނާ ފާހަގަކުރެއްވިއެވެ.
”މާލޭގެ ތަރައްގީއަށްޓަކައި ކުރަން ޖެހޭ ކަންކަމަށް ރައްޔިތުންގެ ހިޔާލު ހޯދާނަން. މާލޭގެ ބިން ބޭނުންކުރުމާ ބެހޭގޮތުން ވިދާޅުވާން ބޭނުންފުޅުވާ ވާހަކަތައް ރައްޔިތުންނަށް ވިދާޅުވެވޭނެ. ހަމަ ކޮންމެ ހިޔާލެއްވެސް ދެއްވަންވީ.“ މުުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވިގޮތުގައި ގަލޮޅުގެ ބައްދަލުވުން އޮންނާނީ ބާ އިންޖީނުގެ ކައިރީގައި ހުންނަ ޕާކުގައެވެ. މިމަހުގެ 8 ވަނަ ދުވަހު ވިލިމާޅޭ ބައްދަލުވުން އެރަށު ބޯޅަދަނޑުގައި އޮންނާނެ ކަމަށާއި، 10 ވަނަ ދުވަހުގެ ރޭ މާފަންނު ޓާފް ދަނޑުގައި މައްޗަންގޮޅި ބައްދަލުވުން އޮންނާނެ ކަން އޭނާ ފާހަގަކުރެއްވިއެވެ.
”12 ވަނަ ދުވަހުގެ ރޭ ރަސްފަންނުގައި މާފަންނު ބައްދަލުވުން ބާއްވާނަން. ހެންވޭރު ބައްދަލުވުން އޮންނާނީ 14 ވަނަ ދުވަހު ލޮނުޒިޔާރަތް ޕާކުގައި. 21 ވަނަ ދުވަހުގެ ރޭ ހުޅުމާލެ ބައްދަލުވުން އޮންނާނެ.“ މުއިއްޒު ވިދާޅުވިއެވެ.
- ސިޓީ ކައުންސިލުން ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ބޭނުންވާ ބައެއް ކަންކަން
- ޕާކިންގެ މައްސަލައާއި ޓްރެފިކާ ގުޅޭ ކަންކަން
- ތިމާވެއްޓާ ގުޅޭ ކަންކަން
- ވަޒީފާގެ މައްސަލަ
- މާލޭގެ ބިން ބޭނުން ކުރުމުގަ އަމަލު ކުރާނެ ގޮތް
- މާލެ ވައިފައި ކުރުމުގެ މަސައްކަތް
- އިންޑަސްޓްރިއަލް ވިލެޖުގެ މުސްތަގުބަލު ނިންމުން
- ޕާކުތަކާ، ކުޅިވަރު ކުޅޭ ތަންތަން ހެދުމުގެ މަސައްކަތްތައް
- ސްކޫލް ބަސް ތައާރަފް ކުރުން
- ޕާކިން ބިލްޑިންގް ތައް އަޅާ ތަންތަނަކީ ކަމުދާ ތަންތަންތޯ ބެލުން
- ތިލަމާލެ ބުރިޖު އަޅަން ގެންނަ ސާމާނު ބެހެއްޓުމަށް އިންޑަސްޓްރިއަލް ވިލެޖުން ބިމެއް ދިނުން
- މަގުމަތީގައި އުލޭ ބުޅާ ހުޅުމާލޭގައި ހަދަން ޕްލޭން ކޮށްފައިވާ ހިޔާވެއްސަށް ބަދަލު ކުރުން
- ހުޅުމާލެ ފޭސް 2 އާއި ގުޅިފަޅުގެ ބޯހިޔާވަހިކަމަށް ރައްޔިތުން ހުށަހަޅާ ކަންކަން ސަރުކާރާ ހިއްސާ ކުރުން
މޭޔަރު މުއިއްޒު ވިދާޅުވިގޮތުގައި މިރޭ ބާއްވަން ހަމަޖެހިފައިވާ ގަލޮޅު ބައްދަލުވުން 08:15 ގައި އޮންނާނެއެވެ.