
އިންކުރީ ރިޕޯޓުގައި ހުރި ކަންކަން ކުރަން ރާވާފައި އޮތް އެނގުމުން ނޫނީ މަޖލިސް ރައީސް މުހައްމަދު ނަޝީދު މާލެ ވަޑައިގަތުމަށް ރުހިވަޑައިނުގަންނަވާ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު ސެޕްޓެމްބަރު މަހުގެ ތެރޭގައި ރާއްޖެ ވަޑައިގަންނަވާކަމަށް އެމަނިކުފާނުގެ އާއިލާ އާއި ހަވާލާދީ މީޑިއާތަކުގައި ރިޕޯޓު ކުރުމާ ގުޅިގެން ހަސަން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ނަޝީދަށް އަމާޒުކޮށް ދެވުނު ބޮމުގެ ހަމަލާ އާއި ގުޅޭ 241 ކޮމެޓީގެ އިންކުއަރީ ރިޕޯޓުގައި ފާހަގަކޮށްފައި ހުރި ކަންކަން ކުރުމަށް ސަރުކާރުން ރާވާފައި އޮތް ގޮތް އެނގެން މުހިންމު ކަމުގައެވެ.
”އެކަން އެނގުނީމާ ނޫނީ ރައީސް ނަޝީދު ރާއްޖެ ވަޑައިގަތުމަކީ އަޅުގަނޑު އެދޭނެ އަދި ރުހޭނެ ކަމެއް ނޫން.“ ހަސަން ލަތީފް ވިދާޅުވިއެވެ.
Inquiry ge recommendations ah amalukuran raavaifaivaa goiy enguneema noonee RN enburi Raajje vadaigathumakee Alhugandu edheyne adhi ruheyne kameh noon. Bomb govvaalumuge kurin Sarukarah engifa huri kankamah amalukoffa huri gothun migothah dhannavan jehuneehttps://t.co/HUJDloUfFJ
— Hassan Latheef🎈 (@HassanLatheef) August 5, 2021
އޭނާ މިހެން ވިދާޅުވި ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ބޮން ގޮއްވާލުމުގެ ކުރިން ސަރުކާރަށް އެނގިފައި ހުރި ކަންކަމަށް އަމަލު ކޮށްފައި ހުރި ގޮތުންނެވެ. ބެލެވޭގޮތުގައި ހަސަން އެ އިޝާރާތް ކުރައްވަނީ ނަޝީދަށް ހަމަލާއެއް ދޭން ބަޔަކު އުޅޭކަން ޑިފެންސް މިނިސްޓަރ މާރިއާ އަހުމަދު ދީދީ އަށް ހުޅުދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އިލްޔާސް ލަބީބު އެންގެވި އެންގެވުމެވެ.
ރައްޔިތުންގެ މަޖިލީހުގެ 241 ކޮމެޓީއިން އެކުލަވައިލި މި ރިޕޯޓުގައި ވާގޮތުން ނަޝީދަށް ބަޔަކު ހަމަލާއެއް ދޭން އުޅޭކަމުގެ މައުލޫމާތެއް އާންމުންގެ މީހަކު (ކާކުކަމެއް ނޭނގޭ) ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބަށް މެއި މަހުގެ 3 ވަނަ ދުވަހުގެ ރޭ ލިބިގެން އޭނާ ވަގުތުން ނަޝީދަށް ދެންނެވި އެވެ. އިލްޔާސް ލަބީބު ވިދާޅުވިގޮތުގައި ނަޝީދު ވަނީ އެ މައުލޫމާތު މިނިސްޓަރ މާރިޔާއަށް ދިނުމަށް އިރުޝާދު ދެއްވާފައެވެ.
މެންބަރު އިލްޔާސް މެއި މަހުގެ 3 ވަނަ ދުވަހުގެ ރޭ މާރިޔާއަށް ގުޅުއްވުމުން ޖަވާބެއް ނުދެއްވައެވެ. އެކަމަކު ޖެހިގެން އައި ދުވަހުގެ ހެނދުނު މާރިޔާ އިލްޔާސަށް ގުޅުއްވިއެވެ.
“އަޅުގަނޑު ދެންނެވިން، ރައީސް ނަޝީދު ދުއްވާލަންވެގެން ހަރުކަށި ފިކުރުގެ ބަޔަކަށް ޓާސްކު ދީފިއޭ، މިހާރު އެމީހުން އެ ޓާސްކު ނަގައިފިއޭ. އަޅުގަނޑުގެ ރައްޓެއްސެކޭ މި މައުލޫމާތު ދިނީ. އަޅުގަނޑާ ބައްދަލުކޮށްފަވެސް މި ވާހަކަ ދެއްކިއޭ. އެމީހުން ޓާސްކު ނެގީ 3 މިލިޔަން ޑޮލަރަށް ކަމަށްވެސް ދެންނެވިން.” އިލްޔާސް ލަބީބު ވިދާޅުވެފައިވެއެވެ.
އިލްޔާސް ވިދާޅުވިގޮތުގައި ނަޝީދަށް ހަމަލާއެއް ދޭން ރާވާ މީހުން އޭރު ގެންދިޔައީ އެޑްްވާންސް ފައިސާ ނެގުމުގެ މަސައްކަތް ކުރަމުންނެވެ. އިންކުއަރީއަށް މައުލޫމާތު ދެއްވަމުން މާރިޔާ ވިދާޅުވީ ނަޝީދަށް ހަމަލާއެއް ދޭން އުޅޭކަން އިލްޔާސް ވިދާޅުވިކަމަށެވެ.
“އިލްޔާސް ވިދާޅުވީ ރައީސް ނަޝީދު މަރާލަން އުޅޭކަމަށް އޭނާ ގާތު މީހަކު ބުންޏޭ. އަޅުގަނޑު ދެންނެވިން ތިވާހަކަ ފުލުހުންނާ ހިއްސާ ކުރައްވާށޭ. ތިއީ ޖިނާއީ ކަމެކޭ. ރައީސަށް ބައްލަވައްޗޭވެސް އިލްޔާސް ވިދާޅުވި. ދެން އެ ނިމުނީ.” މާރިޔާ ވިދާޅުވިއެވެ.
ނަޝީދު އަވާހަރަކޮށްލަން އުޅޭކަން އިލްޔާސް މާރިޔާއަށް ދެންނެވިކަމުގައި ވީނަމަވެސް އެ މައުލޫމާތު ޑިފެންސް އިންޓެލިޖެންސް ސަރވިސް އާއި ހިއްސާ ނުކުރައްވާ ކަމަށް މާރިޔާ އިންކުއަރީގައި ވިދާޅުވިއެވެ. އަދި ޗީފް އޮފް ޑިފެންސް ފޯސް އާއި ވައިސް ޗީފް އޮފް ޑިފެންސްގެ އިތުރުން ޑިފެންސް އިންޓެލިޖެންސް ސަރވިސްގެ ފަރާތުންވެސް އިންކުއަރީގައި ބުނެފައިވަނީ އެކަހަލަ އެއްވެސް ވާހަކައެއް މާރިޔާ ހިއްސާ ނުކުރައްވާ ކަމަށެވެ.
“އިލްޔާސް ލަބީބު ދެއްވީ މައުލޫމާތެއް ނޫން. އެއީ ފޯނު ކޯލެއް. މައުލޫމާތެއްގެ ކަމަށް ބަލައިގަނެވޭނީ މީހެއްގެ ނަމެއް ނުވަތަ ފޮލޯ ކުރެވޭނެ ގޮތެއް އޮވެގެން.” މާރިޔާ ވިދާޅުވެފައިވެއެވެ.
އިންކުއަރީ އިން ގަބޫލުކުރާގޮތުގައި އެއީ އެމްއެންޑީއެފްގެ ކަމާއިބެހޭ ފަރާތްތަކާއި މާރިޔާ ހިއްސާ ކުރައްވަން ޖެހިވަޑައިގަންނަވާ މައުލޫމާތެކެވެ. އަދި އެފަދަ މައުލޫމާތެއް ލިބުނުއިރު ނަޝީދުގެ ތްރެޓް ލެވެލް ވަނީ “ކްރިޓިކަލް” ނުވަތަ ހާއްސަ ސަމާލުކަމެއް ދީގެން އެމަނިކުފާނުގެ ސަލާމަތާ ރައްކާތެރިކަމަށް ފާރަވެރިވާންޖެހޭ ހާލަތުގައެވެ. އެކަން މާރިޔާވެސް ގަބޫލު ކުރެއްވިއެވެ.