ޚަބަރުސިޔާސީ

މަޑަވެލި ދާއިރާގެ މަޖިލިސް ގޮނޑިއަށް ވައްޑެ ވާދަކުރަނީ!

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް ޕީއެންސީގެ ފަރާތުން މަޑަވެލި ދާއިރާގެ މެންބަރު ކަމަށް ޕީޕީއެމްގެ ސެނެޓަރ އަދި ހެންވޭރު ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އަހުމަދު މުހައްމަދު ވަހީދު (ވައްޑެ) ކުރިމަތިލެއްވުމަށް ނިންމަވައިފިއެވެ.

ވައްޑެ އަކީ ޕީޕީއެމްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގެ ދުވަސްވަރު އެޕާޓީގެ ޒުވާނުންގެ ގޮފިން ފެށިގެން ޕާޓީއަށް ނުހަނު ގިނަ ހިދުމަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އެގޮތުން އޭނާ ވަނީ 2018 ގެ ރިޔާސީ އިންތިހާބުގައި ޒުވާނުންނާއި އާންމު ރައްޔިތުންގެ ގިނަ ވޯޓުތަކެއް ރައީސް ޔާމީނަށް ހޯއްދަވައިދެއްވުމަށްޓަކައި ވަރުގަދަ ކެމްޕެއިންތަކެއް ކުރައްވާފައެވެ.

ވޭތުވެދިޔަ ފަސް އަހަރު ޕީޕީއެމް ޕީއެންސީން ރައީސް ޔާމީން ޖަލުން މިނިވަންކުރުމަށާއި، ސަރުކާރު ޖަވާބުދާރީވެ ކުރުވުމަށް ހިންގި ހަރަކާތްތަކުގައި ވައްޑެއަށް ވަނީ ތަކުރާރުކޮށް އެކި ފަހަރު މަތިން ފުލުހުންގެ އަނިޔާއާއި ކުރިމަތިލާން ޖެހިފައެވެ. އަދި އިންތިހާބީ ރައީސް ޑރ.މުހައްމަދު މުއިއްޒު ވެރިކަމަށް ގެނައުމަށް އޭނާގެ އަމިއްލަ ހަރަދުގައި ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.

ޕީޕީއެމްގެ ސެނެޓަރު ކަމާއި އަދި ހެންވޭރު ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސްކަންވެސް ކުރައްވަމުން އަންނަ ވައްޑެ މަޑަވެލި ދާއިރާއަށް ކުރިމަތިލެއްވުމަށް ނިންމެވީ، އެ ދާއިރާގެ ޒުވާނުންނާއި ރައްޔިތުންގެ އަޑު މަޖިލީހުގައި މެދު ނުކެނޑި އިއްވަވައި، ތަރައްގީގެ ދުވެލީގައި ދާއިރާ އައު މިސްރާބަކަށް ގެންދެވުމުގެ މަތިވެރި މަގްސަދުގައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button