
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި އައްޑޫ ސިޓީ ފޭދޫ ހިއްކި ބިމުގައި ޖަހަން ބަހައްޓާފައި ހުރި ބޮޑު ހިލަ، އައްޑޫ ސިޓީ މޭޔަރު އަލީ ނިޒާރު ޕޮލިސް އެކެޑަމީ ހަދާ އިންޑިއާގެ ކުންފުންޏަށް ވިއްކާލާފައިވާ ކަމަށް ބުނެ އެ ރަށު ރައްޔިތުން މުޒާހަރާ ކުރަން ފަށައިފިއެވެ.
”ބޮންތި“ އަށް މައުލޫމާތު ދެމުން މުޒާހަރާގެ ބައިވެރިއަކު ބުނީ ރައީސް ޔާމީންގެ ވެރިކަން ނިމުނުއިރު ފޭދޫ ބިން ހިއްކުމަށްފަހު އެތަނުގައި ބޮޑު ހިލަ ޖަހަން ފަށާފައިވާ ކަމަށެވެ. އަދި ބާކީ ހުރި ހިލަތައް ރަށު ރައްޔިތުންނަށް ނޭނގި ހިތަދޫގައި ހަދާ ޕޮލިސް ޓްރެއިނިން ސެންޓަރަށް ގެންދަން އުޅެ، އެކަމަށް ހުރަސް އެޅުމުން ސިޓީ ކައުންސިލުން ފުލުހުން ފޮނުވާފައިވާ ކަމަށެވެ. އެއީ މާކުރިން ކުރަން ނިންމާފައި އޮތް ކަމެއް ކަމަށް ބުނެ ފުލުހުން އެގްރިމެންޓެއްގެ ކޮޕީއެއް ދެއްކި ކަމަށާއި، ނަމަވެސް އެއީ 2019 ވަނަ އަހަރު ހަދާފައިވާ އެގްރިމެންޓެއް ކަމަށް ބެލި ބެލުމުން އެނގިފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.
”ކޯއްޗެއްތޯ އޮޅުވާލަން މިއުޅެނީ. މިއީ ފޭދޫ ރައްޔިތުންގެ މިލްކެއް. މިއީ ސީދާ ނިޒާރު އަޑީގައި ހުރެގެން ކުރާ ކަމެއް ކަމަށް ވަރަށް ބޮޑަށް ޝައްކު. އެ ނޫންނަމަ ކީއްކުރަން ފުލުހުން ފޮނުވައިގެން ގަދަ ބާރުން މިކަން ކުރަން އުޅެނީ.“ އޭނާ ބުންޏެވެ.
އޭނާ ބުނިގޮތުގައި ފޭދޫ ރައްޔިތުންނާ މަޝްވަރާ ކުރުމެއް ނެތި މިފަދަ ކަމެއް ކުރުމަކީ އެ ރަށު އެއްވެސް ރައްޔިތަކު ބަލައިގަންނާނޭ ކަމެއް ނޫނެވެ. މުޒާހަރާގެ ބައިވެރިން ވަނީ މޭޔަރު ނިޒާރުގެ އިސްތިއުފާއަށްވެސް ގޮވާލާފައެވެ.
މިކަމާގުޅިގެން މޭޔަރު ނިޒާރަށް ގުޅުމަށް ”ބޮންތި“ އިން ކުރި މަސައްކަތް ވަނީ ނާކާމިޔާބު ވެފައެވެ.