އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްއަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މާދަމާ ފުލުހަށް އަދި އަންގާރަ ދުވަހު މަރު ކޮމިޝަނަށް ހާޒިރުވާން އަންގައިފިއެވެ.
ރައީސް ޔާމީން މާދަމާ މެންދުރު ފަހު 2:00 އަށް ފުލުހަށް ހާޒިރުވާން އެންގިކަން ”ބޮންތި“ ކަށަވަރު ކޮށްދިނީ އެމަނިކުފާނުގެ ވަކީލު އާދަމް އާސިފް އެވެ. އަދި އަންގާރަ ދުވަހު ޔާމީން މަރުކޮމިޝަނަށް ހާޒިރު ކުރާކަން އެމަނިކުފާނުގެ ވަކީލު އާދަމް ޝަމީމް ވަނީ ”ބޮންތި“ އަށް ކަށަވަރު ކޮށްދީފައެވެ.
ވަކީލު އާސިފް ވިދާޅުވިގޮތުގައި ޔާމީން ފުލުހަށް ހާޒިރު ކުރަނީ އެމަނިކުފާނުގެ ވެރިކަމުގައި ބޭރުގެ ބަޔަކަށް ވ. އާރަށް ދިނުމުގައި، މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން 1 މިލިއަން ޑޮލަރު އެމަނިކުފާނުގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރެއްވި ކަމަށް ތުހުމަތު ކޮށެވެ.
”އެ މައްސަލަ ފުލުހުން ބަލައި ނިންމައިފި. މިހާރު އެ އުޅެނީ އެ ފައިލް ހުޅުވައިގެން އަލުން ރައީސްގެ ބަޔާން ނަގަން. ކުރިން އޮތީ އެ މައްސަލައިގައި އެކި ފަހަރު މަތިން ގާނޫނީ އިންޒާރު ދީ، ބަޔާން ނަގައި، ބަޔާން އޮރިޖިނަލް ކޮށް، ފައިނަލްވެސް ކޮށްފަ.“ އާސިފް ވިދާޅުވިއެވެ.
މަރު ކޮމިޝަނުން ރައީސް ޔާމީނަށް ފޮނުވި ޗިޓުން އެނގޭގޮތުގައި އެމަނިކުފާނު ހާޒިރުކުރަނީ ނޫސްވެރިޔާ އަހުމަދު ރިޟްވާން ގެއްލުވައިލުމާ ގުޅިގެން ހިންގި ތަހުގީގަށް ހުރަސްއެޅުއްވި ކަމަށް ތުހުމަތުކޮށެވެ.
ނޫސްވެރިޔާ ރިޟްވާނުގެ މައްސަލަ މަރު ކޮމިޝަނުން އޮތީ ބަލައި ނިންމާފައެވެ. އެއީ އެކޮމިޝަނުގެ ރައީސް ކަމުގެ މަގާމުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއް ސުއޫދު ހުންނެވި ދުވަސްވަރުގައެވެ. އަދި ރިޟްވާނުގެ މަރުގެ ރިޕޯޓާ ގުޅިގެން އެ ކޮމިޝަނުން 1 ސެޕްޓެމްބަރު 2019 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުއޫދު ވިދާޅުވީ އޭނާގެ މަރާ ރައީސް ޔާމީނާ އެއްވެސް ގުޅުމެއް ނެތް ކަމަށާއި، އެ މައްސަލައިގައި ފުލުހުން ހިންގި ތަހުގީގަށް ޔާމީންގެ ނުފޫޒެއް އޮތް ކަމަށް ނުބެލެވޭ ކަމަށެވެ.
ރައީސް ޔާމީންގެ މައްޗަށް ގިނަ ކަންތައްތަކެއް ތުހުމަތު ކުރަމުންދިއުމާ ގުޅިގެން އެމަނިކުފާނުގެ ވަކީލުންގެ އިތުރުން އިދިކޮޅުން އަންނަނީ ކަންބޮޑުވުން ފާޅުކޮށް ސަރުކާރުގެ ނުފޫޒު ދައުލަތުގެ މުއައްސަސާތަކަށް ފޯރުަމުންދާ ކަމަށް ބުނަމުންނެވެ.
5 އަހަރު ދުވަހުގެ ޖަލު ބަންދެއްގައި ހުންނެވި ޔާމީންގެ މައްޗަށް ދައުލަތުން އިތުރު ދެ ދައުވާއެއް އުފުލައި، އެ މައްސަލައިގެ އަޑު އެހުމެއް މިއަދު ހެނދުނު ކްރިމިނަލް ކޯޓުގައި ކުރިޔަށް ގޮސްފައިވެއެވެ. އެއީ ރިޝްވަތު ގަބޫލު ކުރުމާއި މަނީ ލޯންޑާ ކުރިކަމުގެ ދެ ދައުވާއެވެ. އެ މައްސަލައިގެ އިބުތިދާއީ އަޑުއެހުމެއް މިއަދު ހެނދުނު ކްރިމިނަލް ކޯޓުގައި ކުރިޔަށް ދިޔައެވެ. މިއަދުގެ އަޑު އެހުމުގައި އޮތީ ދައުލަތާއި ރައީސް ޔާމީންގެ ފަރާތްޕުޅުން ހެކި ހުށަހެޅުމެވެ. އެ މައްސަލައިގެ ޝަރީއަތުގެ އަޑު އެހުމެއް ދެން އޮންނާނީ މި މަހުގެ 22 ވަނަ ދުވަހުގެ ހެނދުނު 09:00 ގައެވެ.
ވާނެ ކަމެއްނޯންނާނެ