ޚަބަރުސިޔާސީ

ރައީސް ޔާމީންގެ ގެކޮޅު ކައިރިއަށް އެއްވި އާންމުންގެ ގަޔަށް ފުލުހުން ޕެޕަރ ސްޕްރޭ ޖަހައިފި

އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ގެކޮޅު ކައިރިޔަށް އެއްވި އާންމުންގެ ގަޔަށް ފުލުހުން ޕެޕަރ ސްޕްރޭ ޖަހައިފިއެވެ.

ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކޮށްފައިވަނީ މިއަދު މެންދުރު 14:00 އަށް ރައީސް ޔާމީން ފުލުހަށް ހާޒިރު ކުރުމަށް ނިންމާފައި އޮތުމުން އެމަނިކުފާނު ދިރިއުޅުއްވާ ގެގޮޅު ކައިރިއަށް އާންމުން އެއްވުމާ ގުޅިގެންނެވެ. ޔާމީންގެ ސަޕޯޓަރުންގެ އިތުރުން އިދިކޮޅު ލީޑާޝިޕްގެ ބޭފުޅުންވެސް އެއްވިއެވެ.

ފުލުހުން ބާރުގެ ބޭނުން ކުރިއިރު އެއްވެސް ވަރަކަށް ގާނޫނީ އިންޒާރު ދީފައެއް ނުވެއެވެ.

ރައީސް ޔާމީންގެ ގެކޮޅު ކައިރިއަށް އެއްވި މީހުންނަށް ފުލުހުން ހުރަސް އަޅަނީ – ފޮޓޯ އިހުސާން ހުސެއިން ބޮންތި

ޔާމީން ފުލުހަށް ހާޒިރު ކުރީ އެމަނިކުފާނުގެ ވެރިކަމުގައި ބޭރުގެ ބަޔަކަށް ވ. އާރަށް ދިނުމުގައި، މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން 1 މިލިއަން ޑޮލަރު އެމަނިކުފާނުގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރެއްވި ކަމަށް ތުހުމަތު ކޮށެވެ. މިކަމާ ގުޅިގެން އެމަނިކުފާނުގެ ވަކީލު އާދަމް އާސިފް އިއްޔެ ”ބޮންތި“ އަށް ވިދާޅުވީ އެ މައްސަލަ ފުލުހުން ބަލައި ނިންމައިފި ކަމަށެވެ. އަދި އެ މައްސަލައިގައި ފުލުހުން އަލުން އެ ފައިލް ހުޅުވައިގެން ޔާމީންގެ ބަޔާން ނަގަން އުޅޭކަން އޭނާ ފާހަގަކުރެއްވިއެވެ. އާސިފް ވިދާޅުވިގޮތުގައި ކުރިން އޮތީ އެ މައްސަލައިގައި އެކި ފަހަރު މަތިން ގާނޫނީ އިންޒާރު ދީ، ބަޔާން ނަގައި، ސޮއިވެސް ކޮށްފައެވެ.

ރައީސް ޔާމީންގެ ގެކޮޅު ކައިރިއަށް އެއްވި އިދިކޮޅުގެ އިސް ބޭފުޅުން – ފޮޓޯ އިހުސާން ހުސެއިން ބޮންތި

މި މައްސަލައިގެ ވަކީލުންގެ ގޮތުގައި ރައީސް ޔާމީންގެ ފަރާތްޕުޅުން ހަރަކާތްތެރި ވަނީ ވަކީލު މުހައްމަދު ޝަހީދު އާއި، ވަކީލް މުހައްމަދު ރާގިބެވެ. ބެލެވޭގޮތުގައި ރައީސް ޔާމީން ފުލުހުންގެ އިދާރާއިން ނިކުމެވަޑައިގަންނަވާނީ މިއަދު 3:00 އެހާކަން ހާއިރެވެ.

ނޫސްވެރިޔާ އަހުމަދު ރިޟްވާން ގެއްލުވައިލުމާ ގުޅިގެން ހިންގި ތަހުގީގަށް ހުރަސްއެޅުއްވި ކަމަށް ތުހުމަތުކޮށް ޔާމީން މާދަމާ މަރު ކޮމިޝަނަށްވެސް ހާޒިރު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

 

One Comment

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button