ޚަބަރު

ސަރުކާރުން ސަބްސިޑީ ކަނޑާލި ކަރަންޓު ބިލުގެ މައްސަލަ ބަލަނީ!

ސަރުކާރުން ޖުލައި މަހުގެ ސަބްސިޑީ ކަނޑާލި ކަރަންޓު ބިލުގެ މައްސަލަ ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ބަލަން ފަށައިފިއެވެ.

ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ޖުލައި މަހުގެ ކަރަންޓު ބިލު އާދަޔާ ހިލާފަށް ބޮޑުވެފައިވާ ކަމުގެ ޝަކުވާ މީސްމީޑިއާގެ ޒަރީއާއިންނާއި އެކިގޮތްގޮތުން އެ އޮތޯރިޓީގެ ސަމާލުކަމަށް އައިސްފައި ވާކަމަށެވެ. އަދި ސްޓެލްކޯ އިން ކަރަންޓު ބިލު ބޮޑު ކުރި މައްސަލަ ބަލަމުން ދާ ކަމަށް އެ އޮތޯރިޓީ އިން ބުންޏެވެ.

”ރަސްމީކޮށް މިމައްސަލަ މިއޮތޯރިޓީއަށް އެއްވެސް ފަރާތަކުން އަދި ހުށަހަޅާފައި ނުވިއަސް، މިމައްސަލަ މިއޮތޯރިޓީއިން ބަލަމުންދާކަމުގައި ދަންނަވަން.“ ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ބުނެފައިވެއެވެ.

މިމަހުގެ ކަރަންޓު ބިލު ބޮޑުވީ ކޯވިޑް-19 އާއި ގުޅިގެން ސަރުކާރުން ދެމުންގެންދިޔަ ސަބްސިޑީ ބިލުގައި ހިމަނާފައި ނުވާތީ ކަމަށް ސްޓެލްކޯ އިން މީގެ ކުރިން ވަނީ ބުނެފައެވެ.

ގޭބިސީތަކުގެ ކަރަންޓު ބިލުން 40% އަދި ފެން ބިލުން 30% ގެ ޑިސްކައުންޓެއް ދިނުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިންމެވީ މިދިޔަ މެއި މަހުގެ 26 ވަނަ ދުވަހު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އެކަމަކު އެއީ ޖޫން މަހަށް އެކަންޏެވެ.

“ސަރުކާރުގެ ކެރި ފޯރުންތެރިކަން ހުރި މިންވަރުން އިތުރު އެހީތައް އިރާދުކުރެއްވިއްޔާ އަޅުގަނޑުމެން ކުރިޔަށް އޮތް ތަނުގައި ކޮވިޑުން ސަލާމަތްވުމަށްޓަކައި ކުރިޔަށް ގެންދާން.” ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް މިހެން ވިދާޅުވިނަމަވެސް ޖޫން މަހުގައި ދިން ލުއިތައް ފިޔަވައި އިތުރު ލުއިތަކެއް ދީފައެއް ނުވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button