ހަތަރު ގަޑިއިރަށްފަހު ހިޔާ ފްލެޓްތަކަށް ކަރަންޓު ދީފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓް ތަކުން މިއަދު ހަވީރުން ފެށިގެން ކަރަންޓް ކެނޑުނު ގޮތަށް ހަތަރު ގަޑިއެއްހާ އިރު ފަހުން ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދީފިއެވެ.
މިއަދު 5:40 ހާއިރު ކަރަންޓް ކެނޑިފައިވަނީ ހިޔާ ޓަވަރުގެ އެޗް1 އަދި އެޗް8 ގެ ފްލެޓްތަކުންނެވެ. މި މައްސަލައާއި ގުޅިގެން ސްޓެލްކޯއިން ބުނެފައިވަނީ ހިޔާގެ ބައެއް ޓަވަރުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވަނީ ހިޔާގެ ފުރަތަމަ ޓަވަރުގެ ސަބްސްޓޭޝަންގެ ސްވިޗްގިއަރގެ ބަސްބާ ޝޯޓުވުމާއި ގުޅިގެން ކަމަށެވެ.
ދިމާވި މައްސަލަ ހައްލުކޮށް އަވަހަށް ކަރަންޓް ދިނުމަށް މުވައްޒަފުން ގިނަ މަސައްކަތްތަކެއް ކުރަން ޖެހުނު ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
ވަގުތީ އާރުއެމް ޔުނިޓެއް ބަހައްޓައި އަޅުގަނޑުމެންގެ މުވައްޒަފުން ކެނޑިނޭޅި ކުރި ބުރަ މަސައްކަތުން ހިޔާގެ ކަރަންޓުގެ ހިދުމަތް މެދުކެނޑުނު ހުރިހާ ޓަވަރަކަށް މިހާރު ވަނީ އަލުން ކަރަންޓު ދެވިފައި. ދިމާވި ދަތިތަކަށް މާފަށް އެދެން. pic.twitter.com/VCK5z6XRxr
— STELCO (@STELCOMALDIVES) March 27, 2023
ރަމަޟާން މަހުގެ ރޯދަ ވީއްލާ ވަގުތާ ދިމާކޮށް މިފަދަ ހާދިސާއެއް ހިނގައި ކަރަންޓު ލިބުމުގައި ގިނަ ވަގުތުތަކެއް ނަގަން ޖެހުނު ކަމަށްޓަކައި ސްޓެލްކޯއިން ވަނީ އެ ޓަވަރުތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ކިބައިން މައާފަށް އެދިފައެވެ.
ރައީސް ޔާމީންގެ ސަރުކާރުން ބިނާކުރި ހިޔާ ފްލެޓްތަކުގައި އެތައްހާސް އާއިލާއެއް ދިރިއުޅެމުންދާއިރު، މިހާރު ހިނގަމުންދާ ސަރުކާރުން ފަސްއަހަރުގެ ދައުރެއް ނިމޭއިރު ހިޔާ ފްލެޓްތަކާއި، މިތަނުގައި ދިރިއުޅޭ އެތައް އާއިލާތަކަކަށް އިހުމާލުވެފައިވާ ކަމުގެ ޝަކުވާ ދޭތެރެއަކުން ފެންމަތިވެއެވެ.
ހިޔާ ފްލެޓްތަކުގެ ކަރަންޓްގެ ޚިދުމަތައް ބުރޫއެރުން ނުވަތަ އެނޫނަސް ދިމާވެދާނެ މިފަދަ އެތައް ހާލަތްތަކަކަށް ރިޢާޔަތްކޮށް ސަރުކާރުން ދުރު ރާސްތާގެ ޕްލޭނެއް ހަދާފައިނުވާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ލިފްޓްތަކުގެ މަރާމާތުން ފެށިގެން މުޅި ހިޔާ ފްލެޓްތަކުގެ މެއިންޓެނެންސްގެ ގިނަކަންކަން ވަނީ ބޮއްސުންލައިގެން ގޮސްފައެވެ.