ޔޫރޯގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކަށް ރޮނާލްޑޯ
ޔޫރަޕުގައި ބާއްވާ އެންމެ ޝަރަފުވެރި ފުޓުބޯޅަ މުބާރާތް ކަމުގައިވާ ޔޫއެފާ ޔޫރޯ 2020 މުބާރާތުގެ އެންމެ ގިނަ ގޯލު ކާމިޔާބު ކުރި ކުޅުންތެރިއަކަށް ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ހޮވިއްޖެއެވެ.
ރޮނާލްޑޯ ވަނީ މިއަހަރުގެ މި މުބާރާތުގައި 4 މެޗުން 5 ގޯލު ޖަހައިފައެވެ. ރޮނާލްޑޯގެ އިތުރުން ޗެކްރިޕަބްލިކްގެ ޕެޓްރިކް ޝިކް ވެސް ވަނީ 5 ގޯލު ކާމިޔާބު ކޮށްފައެވެ. އެހެންނަމަވެސް ރޮނާލްޑޯ މި މަގާމު ހާސިލު ކުރީ ޝިކް އަށް ވުރެ މަދު މެޗް ކުޅެ 5 ގޯލު ކާމިޔާބު ކޮށްގެންނެވެ.
ރޮނާލްޑޯ އަކީ ޔޫރޯ މުބާރާތުގެ ތާރީހުގައިވެސް އެންމެ ގިނަ ގޯލު ކާމިޔާބު ކުުރި ކުޅުންތެރިޔާ އެވެ. ރޮނާލްޑޯ ވަނީ މި މުބާރާތުގައި ޖުމްލަ 14 ގޯލު ކާމިޔާބު ކޮށްފައެވެ.
މިއަހަރުގެ ޔޫރޯ މުބާރާތަކީ އޭނާގެ އެންމެ ފަހު ޔޫރޯ މުބާރާތްކަން 36 އަހަރުގެ ރޮނާލްޑޯ ވަނީ އިއުލާނުކޮށްފައެވެ. އަދި 2016 ވަނަ އަހަރު އޭނާ ވަނީ މި މުބާރާތް ކާމިޔާބުވެސް ކޮށްފައެވެ.