ޚަބަރުކުޅިވަރު

ޔޫރޯ 2020 ގެ ތަށި އިޓަލީއަށް

ޔޫރަޕްގެ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް، ޔޫއެފާ ޔޫރޯ 2020ގެ ޗެމްޕިއަންކަން އިޓަލީން ހޯދައިފިއެވެ. އިޓަލީން މެޗް ކާމިޔާބު ކޮށްފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، 1-1 އަކުން ދެ ޓީމު އެއްވަރުވުމުން، ޕެނަލްޓީގައި 3-2 އަކުން އިޓަލީން ކުރި ހޯދައިގެންނެވެ.

ފައިނަލް މެޗްގެ ފުރަތަމަ ގޯލް ޖަހާ ލީޑް ނެގީ އިންގްލޭންޑުންނެވެ. އެގޯލް މެޗް ފެށިގެން 2 ވަނަ މިނިޓުގައި ކާމިޔާބު ކޮށްދިނީ ލުކަ ޝޯވް އެވެ. އެއަށް ފަހު އިޓަލީން އެޓޭކްތައް ވަރުގަދަ ކުރިނަމަވެސް، ހާފް ނިމުނީ އިންގްލޭންޑް ކުރީގައި އޮވެގެންނެވެ. އިޓަލީއަށް ނަތީޖާ ހަމަހަމަކޮށްދިނީ ދެވަނަ ހާފްގެ 67 ވަނަ މިނިޓުގައި ލިއޮނާޑޯ ބޮނޫޗީ ކާމިޔާބު ކޮށްދިން ގޯލާއިއެކުގައެވެ.

އިންގްލޭންޑްގެ 3 ޕެނަލްޓީއެއް ވަނީ ޕެނަލްޓީ ޝޫޓްއައުޓްގައި ނާކާމިޔާބުވެފައެވެ. ޕެނަލްޓީ ނާކާމިޔާބުވީ 3 ކުޅުންތެރިންގެ ތެރެއިން 2 ކުޅުންތެރިންނަކީ މެޗްގެ ފަހު މިނެޓުގައި، ޕެނަލްޓީ ޖެހުމަށް ޚާއްސަކޮށް އެރުވި ދެކުޅުންތެރިންނެވެ.

ފައިނަލް މެޗްގައި އަދި މުޅި މުބާރާތުގައި އިޓަލީގެ ގޯލް ކީޕަރ ގިއަންލުއިގި ޑޮނަރޫމާ ވަނީ މޮޅު ކުޅުމެއް ދައްކާ، މުޅި މުބާރާތުގެ އެންމެ މޮޅު ކީޕަރގެ މަގާމް ހާސިލްކޮށްފައެވެ. މި މަގާމް ޑޮނަރޫމާ ހާސިލްކުރި އިރު، މިހާރު އޭނާގެ އުމުރަކީ އެންމެ 22 އަހަރެވެ. މީގެ އިތުރުން 5 ގޯލާއިއެކު މުބާރާޓުގެ ރަން ބޫޓު ހާސިލްކޮށްފައިވަނީ ޕޯޗުގަލްގެ ފޯވަރޑް، ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.

ޔޫއެފާ ޔޫރޯގެ ތާރީޚުގައިވެސް މިއީ އިޓަލީން މިމުބާރާތް ކާމިޔާބުކުރި ދެވަނަ ފަަހަރެވެ. އިޓަލީން ފުރަތަމަ މިމުބާރާތް ކާމިޔާބުކުރީ 1968 ވަނަ އަހަރުއެވެ. އޭގެ 53 އަހަރު ފަހުން މިއަދު އިޓަލީން ހޯދި ކާމިޔާބީއަކީ ތާރީޚީ ކާމިޔާބީއެކެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button