
ޖިނާޢީ ބޮޑެތި މައްސަލަތަކުގައި ދައުވާ އުފުލާ ފަރާތްތަކުގެ ޕާސްޕޯޓް އިމިގްރޭޝަނުން ހިފަހައްޓަންޖެހޭ ގޮތަށް ސުޕްރީމްކޯޓުން ކަނޑައަޅައިފިއެވެ.
ސުޕްރީމް ކޯޓުން މިފަދަ ނިންމުމެއް މިއަދު ނިންމީ ސީލައިފް ގްލޯބަލް ކުންފުނީގެ އިސް ވެރިޔާ އަހުމަދު މޫސާ (އައްމަޓީ) ރާއްޖެއިން ބޭރަށް ފުރަން ހުއްދަދިން މައްސަލައިގައި އެކޯޓުން ކުރި ހުކުމުގައެވެ.
އެގޮތުން އެ ހުކުމުގައި ފަނޑިޔާރު ހުސްނުއް ސުއޫދު ފާހަގަކުރެއްވިގޮތުގައި އެފަދަ މީހަކު ރާއްޖެއިން ބޭރަށް ފުރައިގެން ގޮސް ފިލައިފިނަމަ، އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސް އެޅޭނެއެވެ.
އެގޮތުން އެފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، މޯލްޑިވްސް އިމިގްރޭޝަންގެ މައްޗަށް, ދަޢުވާ ކުރެވޭ ފަރާތްތަކުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ ޒިންމާ ހުކުމުން ވަނީ މަތިކޮށްފައެވެ. ކޯޓުގެ ހުކުމުގައިވާގޮތުން ބޮޑު ޖިނާއީ މައްސަލައެއްގެ ދައުވާ ކޯޓަށް ހުއްދަވެސް ދެވޭނީ، އެ ފަރުވާއަކީ ރާއްޖެއިން ލިބެން ނެތް ފަރުވާއެއްކަމަށް ޑޮކްޓަރަކު ޝަރީއަތުގެ މަޖިލީހަށް ޙާޟިރުވެ ރައުޔައެއް ދިނުމުންކަމަށްވެސް ފަނޑިޔާރު ސުއޫދުގެ ރައުޔާގައި ބަޔާންކުރެެއްވިއެވެ.
ސީލައިފް ގްލޯބަލް ކުންފުނީގެ ވެރިޔާ އައްމަޓީ ރާއްޖެއިން ބޭރަށް ފުރަން ހުއްދަދީ ކްރިމިންލް ކޯޓުން ކޮށްފައިވާ ހުކުމަށް ހައިކޯޓުން ތާއީދުކޮށްފައިވަނިކޮށް ސުޕްރީމް ކޯޓުން މިއަދު ވަނީ އެހުކުމް ބާތިލްކޮށްފައެވެ.
މި މައްސަލަބެއްލެވި ފަނޑިޔާރުުންގެ ބެންޗްގައި ތިއްބެވީ ފަނޑިޔާރު ހުސްނުއްސުއޫދު, ފަނޑިޔާރު މަހާޒު އަލީ އަދި ފަނޑިޔާރު އައިޝަތު ޝުޖޫން އެވެ. އަދި ހުކުމް ނިމިގެން ދިޔައީ3 ފަނޑިޔާރުންގެ އިއްތިފާގުންނެވެ.