ޚަބަރުސިޔާސީ

މިނިސްޓަރ ޝިޔާމްގެ ސިޓީއެއް ބޭންކް އޮފް މޯލްޑިވްސްއަށް

މިނިސްޓަރު އަޙްމަދު ޝިޔާމު ގދ.މަޑަވެއްޔަށް، މަސްވެރިންނަށް ރެސްކިއު ޑައިވިން ތަމްރީނު ދިނުމުގެ ޕްރޮގުރާމު އިފުތިތާހުކޮށްދެއްވަން ވަޑައިގަތުމުން އެ ރަށުގެ މަސްވެރިން އެންމެ ބޮޑަށް ކުރި ޝަކުވާކަމަށްވާ އޭޓީއެމް ނެތުމުގެ ދަތިކަން ހައްލުކޮށްދިނުން އެދިވަޑައިގެން މިނިސްޓަރު ބޭންކް އޮފް މޯލްޑިވްސްއަށް ސިޓީއެއް ފޮނުއްވައިފިއެވެ.

ބޭންކުގެ ސީއީއޯ ކާލް ސްޓަމްކޭއަށް ޝިޔާމު ފޮނުއްވި ސިޓީގައި އޭނާ ވިދާޅުވީ މަޑަވެލީގައި އޭޓީއެމްއެއް ނެތުމުން ބޮޑެތި ދަތިތަކެއް އެރަށުގެ މަސްވެރިން ތަހައްމަލު ކުރަމުންދާކަމަށް އެމީހުން އޭނާ އަރިހުގައި ބުނެފައިވާ ކަމަށެވެ.

އަދި ރަށުގައި އޭޓީއެމް ޚިދުމަތް ނެތުމުން އެހެން ރަށަކަށް އެ ޚިދުމަތް ހޯދަން ދާންޖެހިފައި އޮތުމުގެ ސަބަބުން މަސްވެރިންނަށް އާއިލާ ގާތުގައި ރަށުގައި ހޭދަކުރަން ލިބޭ ވަގުތު މަދުވެ، އިތުރު ޚަރަދުތަކެއް ވެސް ކުރަންޖެހިފައިވާކަން މަޑަވެލީ މަސްވެރިން ފާހަގަކުރިކަމަށް ޝިޔާމު ވިދާޅުވިއެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ރެކޯޑުތަކުން މަޑަވެލީގެ މަސްވެރިންނަށް އެވެރެޖު ގޮތެއްގައި 85،983،740 (އަށްޑިހަ ފަސް މިލިއަން ނުވަލައްކަ އަށްޑިހަތިންހާސް ހަތްސަތޭކަ ސާޅީސް) ރުފިޔާ ލިބިފައިވާކަމަށް ފެންނަ ކަމުގައި ޝިޔާމު ވިދާޅުވިއެވެ.

އަދި ފާއިތުވި 2023 ވަނަ އަހަރުގައި ކަނޑުގެ މަސްވެރިކަމުން އެކަނި އެރަށުގެ މަސްވެރިންނަށް 103 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާކަން ފާހަގަކުރައްވައި ޝިޔާމު ވިދާޅުވީ މިހާ ގިނަ ފައިސާ ވަންނަމުންދާ ރަށެއްގައި އޭޓީއެމް ޚިދުމަތް ޤާއިމުކުރުމަކީ އެރަށުގެ ރައްޔިތުންނަށް ލުއި ފަސޭހަވާނެ ކަމެއް ކަމަށެވެ.

އެ ސަބަބުތައް ފާހަގަކުރައްވައި ބޭންކުގައި މިނިސްޓަރު އެދިވަޑައިގެންފައިވަނީ އޭޓީއެމް ޚިދުމަތް ނެތުމުން މަޑަވެލި މަސްވެރިންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ގެނައުމުގެ ގޮތުން އެ ރަށުގައި އޭޓީއެމް ޚިދުމަތް ފެށޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button