ޚަބަރު

ފުށްގިރި މައްސަލައިގެ ހެކިބަސް ގޯސްކޮށް ނެގިޔަސް، ޝަރީޢަތް އަލުން ފަށަން ނުޖެހޭ: ސުޕްރީމް ކޯޓު

ރ. ފުށްގިރި މައްސަލައިގެ ޝަރީޢަތުގެ ކުރިން ހުށައަޅަން ޖެހޭ ހުށައެޅުންތަކާއި ގުޅޭގޮތުން ރައީސް އަބްދުالله ޔާމީން އަބްދުލްޤައްޔޫމްގެ ފަރާތްޕުޅުން ސުޕްރީމް ކޯޓުގައި އިސްތިޢުނާފުކުރި މައްސަލަ ރޭ ނިމުނީ އެމައްސަލައިގައި އަހުމަދު އަދީބާއި ޒިޔަތުގެ ހެކިބަސްނެގީ ގޯސްކޮށް ނަމަވެސް ޝަރީޢަތް އަލުން ފަށަން ނުޖެހޭކަމަށް 3 ފަނޑިޔާރުންގެ އިއްތިފާޤުން ނިންމައިގެންނެވެ.

އެ މައްސަލަ ބެއްލެވި 3 ފަނޑިޔާރުންގެ އިއްތިފާޤުން ވަނީ އެ މައްސަލައާއި ގުޅިގެން ހައިކޯޓުން ނިންމި ނިންމުން ދަމަހައްޓާފަ އެވެ.

ފުށްގިރި މައްސަލާގައި ޝަރީޢަތުގެ ކުރިން ރައީސް ޔާމީނުގެ ފަރާތްޕުޅުން ބައެއް ހެކިތައް ބަލައިނުގަތުމަށް ހުށައެޅި ހުށައެޅުން އެ ކޯޓުން ބަލައިނުގަންނަން ނިންމި ނިންމުން ހައިކޯޓަށް ހުށައަޅާ އެކޯޓުން ވެސް ދަށު ކޯޓުގެ ނިންމުމަށް ތާއީދުކު ކުރުމުން އެ މައްސަލަ ރައީސް ޔާމިންގެ ފަރާތްޕުޅުން ސުޕްރިމް ކޯޓުގައި އިސްތިޢުނާފު ކުރިއެވެ.

އެގޮތުން ދަށު ކޯޓަށް ހުށައެޅުނު މައްސަލައަށް ބަލާއިރު، ވަކިވަކި ހެކިތައް ބަލައިގަންނަން ނިންމެވި ސަބަބުތައް ބަޔާން ނުކޮށް، ހުރިހާ ހެއްކެއް އެކުއެކީގައި ގަނޑުކޮށް ބަލައިގަންނަން ނިންމެވީ ކަންފަސޭހަކޮށް ކަމަށް ފަނޑިޔާރު ސިފަ ކުރެއްވިއެވެ. އެހެން ނަމަވެސް އެކަމަކީ ޝަރީޢަތުގެ ކުރީގެ މަރުޙަލާ އަލުން ފަށަން ޖެހޭ ސަބަބެއް ނޫން ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

ހުސްނުއްސުޢޫދު ވިދާޅުވީ ހެއްކާއި ގުޅޭ ކަންކަމަކީ ކޮބައިކަން ސުޕްރީމް ކޯޓުގެ މީގެ ކުރީގެ ޣަޒިއްޔާތަކާއި، ހެއްކާބެހޭ ޤާނޫނާއި، ޖިނާޢީ އިޖުރާޢަތުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

ގުޅުންހުރި ހެކި ބަލައިގަތުމަށްފަހު، އެ ހެކިބަހަށް ދޭންވާ ބުރަދަން ނިންމަވާނީ ފަނޑިޔާރު ކަމަށާއި، އެކަން ކުރާނީ ޤާނޫނުތަކާއި ޤަވާއިދުތަކާ އެއްގޮތަށްކަމަށް ހުސްނުއްސުޢޫދު ވިދާޅުވި އެވެ. އަދި ގުޅުން ނެތް ހެއްކެއް ބަލައިގެންފައިވާ ޙާލަތުގައިވެސް، އޭގެ ސަބަބުން މުޅި މައްސަލައިގެ ނިންމުމަށް އަސަރުކޮށް، ޢަދުލު އިންސާފު ގެއްލިގެން ގޮސްފައިނުވާނަމަ، ޝަރީއަތް ކުރާ ކޯޓުގެ ނިންމުން އިސްތިޢުނާފީ ކޯޓުން ބަދަލު ކުރަން ނުޖެހޭނެކަން ވެސް ފާހަގަކުރެއްވި އެވެ.

އަލަށް އަމަލުކުރަންފެށި ގާނޫނުގައި ވާ ގޮތުގެ މަތިން، ހެކި ބަލައިގަތުމާ ގުޅޭ ހުށައެޅުންތައް ހުށައެޅުމުގެ ފުރުސަތު ނުލިބޭކަން ފާހަގަކުރައްވާ ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ އަދީބާއި ޒިޔަތަކީ ޔާމީނާމެދު އަދާވަތްތެރިކަން އޮތް ފަރާތްތަކެއްކަން ބަޔާންކުރައްވައި، އެމީހުންގެ ހެކިބަސް ބަލައިނުގަތުމަށް އެދިވަޑައިގެންފަ އެވެ.

ފަނޑިޔާރު ހުސްނުއްސުޢޫދު ވިދާޅުވީ، ހެއްކާބެހޭ ޤާނޫނުގެ އުސޫލުތައް މާޒީއަށް ތަތުބީޤު ކުރުމަކީ ބަލައިގަނެވޭނެ އުސޫލެއް ނޫން ކަމަށެވެ. އެހެންކަމުން އަދީބާއި ޒިޔަތުގެ ހެކިބަސް ބަލައިގަތުމަށް ނިންމި ނިންމުމަށް ބަދަލު ގެންނަންޖެހޭ ތަނެއް އޮތްކަމަށް ދެކިނުލައްވާކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. އަދި ހެކި ހާމަކޮށްދިނުމަށް އެދި ހުށަހެޅުމާ ގުޅޭގޮތުން ގޮތް ނިންމުމުގައި ޖިނާޢީ އިޖުރާޢަތުގެ ޤާނޫނުގެ 129 ވަނަ މާއްދާ ނުބައިކޮށް މާނަކޮށްފައިވާކަމަށް ބަޔާންކުރައްވައި ރައީސް ޔާމިންގެ ފަރާތްޕުޅުން ހުށައެޅި ނުކުތާއަށް އަލިއަޅުވާލައްވާ ހުސްނުއްސުޢޫދު ވިދާޅުވީ މި ނުކުތާއާ ގުޅިގެން ދަށު ކޯޓުންނާއި ހައިކޯޓުން ޖިނާޢީ އިޖުރާޢަތުގެ ޤާނޫނުގެ 129 ވަނަ މާއްދާ މާނަަކޮށްފައިވަނީ ރަނގަޅަށްކަމަށް ދެކިލައްވާކަމަށެވެ.

މައްސަލައިގެ އިސްތިޢުނާފީ ނުކުތާތަކަށް ވަކިވަކިން އަލިއަޅުވާލައްވާ ރަޢުޔު އިއްވަވަމުން ހުސްނުއްސުޢޫދު ވިދާޅުވީ ފުށްގިރި މައްސަލައާއި ގުޅިގެން ދައުވާ އުފުލާފައިވާ ރައީސް ޔާމިނާއި ކްރިކް ރިޒާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރި މައްސަލައިގެ ޙުކުމަށް ބަދަލުގެންނަންޖެހޭ ޙާލަތެއް އޮތްކަމަށް ދެކެވަޑައި ނުގަންނަވާކަމަށެވެ.

ފަނޑިޔާރު ހުސްނުއްސުޢޫދުގެ ރައުޔަށް އެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ޑރ. މުޙާއްމަދު އިބްރާހިމް އަދި ފަނޑިޔާރު އައިޝަތު ޝުޖޫން ތާޢީދު ކުރައްވާ ސުޕްރީމް ކޯޓުން ވަނީ 3 ފަނޑިޔާރުންގެ އިއްތިފާޤުން އެ މައްސަލައިގައި ހައިކޯޓުގެ ނިންމުން ދަމަހައްޓާ މައްސަލަ ނިންމާލައްވާފަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button