ޚަބަރުސިޔާސީ

އާސަންދަ ހަމަ ޖެހެންދެން މަޑު ނުކޮށް ވައިގެ މަގުން ބަލި މީހުން ގެނެވޭ ގޮތަށް އުސޫލު ބަދަލު ކުރަން ރައީސް އަންގަވައިފި

ގއ.ވިލިނގިލީ ކުޑަ ކުއްޖެއްގެ ސިއްހީ ހާލަތު ސީރިއަސްވެ، އިތުރު ފަރުވާ ދިނުމަށް އެރަށުން މާލެ ސިޓީއަށް ގެނައުމުގެ ކަންކަން ހިނގައިދިޔަ ގޮތުގެ ތަފުސީލީ މައުލޫމާތު ދެއްވުމަށާއި، އެފަދަ ހިތާމަވެރި ހާދިސާއެއް ތަކުރާރު ނުވާނޭގޮތަށް، ބަލި މީހުން ކުއްލި ފަރުވާއަށް ގެނެސްދިނުމުގައި އަމަލުކުރަމުން އަންނަ ނިޒާމު އިސްލާހުކުރުމަށް، ރައީސް ޑރ.މުހައްމަދު މުއިއްޒު  ކަމާ ގުޅުން ހުރި ސަރުކާރުގެ ހުރިހާ އިދާރާތަކަށް އަންގަވައިފިއެވެ.

ބަލި ހާލަތެއް މެދުވެރިވެގެން، އިތުރު ފަރުވާ ދިނުމަށް، ވައިގެ މަގުން ބަލި މީހަކު ގެނެސްދޭންޖެހޭ އެއްވެސް ހާލަތެއްގައި، އާސަންދަ ފަދަ އިދާރާތަކުން ކަންކަން ހަމަޖެހެންދެން މަޑުނުކުރައްވައި، ސިއްހީ ފަރުވާދޭ ތަނަކުން އެފަދަ ކަމަކަށް އެދުމާއެކު، ވީ އެންމެ އަވަހަކަށް ބަލިމީހާ ގެނެސްދިނުމަށް އިސްކަން ދިނުމުގެ އުސޫލެއް ކަނޑައަޅައި، އެގޮތަށް އައިލެންޑް އޭވިއޭޝަނުން އަބަދުވެސް އަމަލުކުރަމުން ގެންދެވުމަށް ރައީސް ޑރ.މުއިއްޒު ވަނީ މިއަދު އެދިވަޑައިގެންފައެވެ.

ރައީސް މިފަދައިން އެންގެވީ މިމަހުގެ 18 ވަނަ ދުވަހު ގއ.ވިލިނގިލީ ހޮސްޕިޓަލުގައި އޮތް ކުޑަކުއްޖަކު ހާލު ދެރަވެ، އިތުރު ފަރުވާއަށް މާލެ ގެނައުން ލަސްވުމާ ގުޅިގެން، އެ ރަށުގައި ހުންނަ އަތޮޅު ހޮސްޕޮޓަލު ކައިރިއަށް ބަޔަކު އެއްވެ، ކުއްޖާ ނުގެނެވި ލަސްވީ އިންޑިއާގެ ޑޯނިއާ މަތިންދާބޯޓު ބޭނުންކުރުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ހުއްދަ ނުދެއްވައިގެންކަމަށް  ރަޖިސްޓަރީ ނުކޮށް ހިންގާ ވެބްސައިޓުތަކެއްގައި ހަބަރުތަކެއް އާންމު ކޮށްފައިވާ ދަނޑިވަޅެއްގައެެވެ.

މިއަދު ހެނދުނުގެ ވަގުތެއްގައި އައިޖީއެމްއެޗްގެ އައިސީޔޫގައި އެކުއްޖާ ނިޔާވުމާ ގުޅިގެން އެއީ ފަރުވާދިނުމަށް މާލެ ގެނައުން ލަސްވުމުގެ ސަބަބުން ވީ ގޮތެއްކަމަށް އިދިކޮޅު އެކްޓިވިސްޓުން ބުނެފައިވެއެވެ. އެހެން ނަމަވެސް މޯލްޑިވިއަން އެއާލައިނުން ފުލައިޓު ޗާޓަރުކޮށްގެން އެދަތުރު ހަމަޖައްސަން ލަސްވުމުގެ ސަބަބުން ހަމަ އެ ދުވަހު އެ ކުއްޖާ މާލެއަށް ގެނެސް، އައިޖީއެމްއެޗަށް ގެންދެވުނެވެ. އެކަން އާސަންދައިންވެސް ކަށަވަރު ކޮށްދީފައިވާއިރު، ކުއްޖާގެ ސިކުނޑި މަރުވެފައިވާކަމަށް އެރަށު ހޮސްޕިޓަލުން އާސަންދައަށް  އެންގިކަންވެސް ވަނީ ހާމަވެފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button