ޚަބަރުސިޔާސީ

ވައިގެ މަގުން ބަލި މީހުން އުފުލަން ރައީސްގެ ހުއްދަ ބޭނުންވާކަމަށް ފަތުރާ ވާހަކަތައް ދިފާއީ ވަޒީރު ދޮގުކުރައްވައިފި

ވައިގެ މަގުން ބަލި މީހުން އުފުލަން ރައީސުލްޖުމްހޫރިއްޔާގެ ހުއްދަ ބޭނުންވާކަމަށް ފަތުރާ ވާހަކަތައް ދިފާއީ ވަޒީރު މުހައްމަދު ޣައްސާން މައުމޫން ދޮގުކުރައްވައި އެކަމުގެ ތަފްސީލް ހާމަކުރައްވައިފިއެވެ.

ވަޒީރު ޣައްސާން މިފަދައިން ވިދާޅުވީ މިމަހުގެ 18 ވަނަ ދުވަހު ގއ.ވިލިނގިލީ ހޮސްޕިޓަލުގައި އޮތް ކުޑަކުއްޖަކު ހާލު ދެރަވެ، އިތުރު ފަރުވާއަށް މާލެ ގެނައުން ލަސްވުމާ ގުޅިގެން، އެ ރަށުގައި ހުންނަ އަތޮޅު ހޮސްޕޮޓަލު ކައިރިއަށް ބަޔަކު އެއްވެ، ކުއްޖާ ނުގެނެވި ލަސްވީ އިންޑިއާގެ ޑޯނިއާ މަތިންދާބޯޓު ބޭނުންކުރުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ހުއްދަ ނުދެއްވައިގެންކަމަށް  ރަޖިސްޓަރީ ނުކޮށް ހިންގާ ވެބްސައިޓުތަކެއްގައި ހަބަރުތަކެއް އާންމު ކުރުމާ ގުޅިގެންނެވެ.

ޣައްސާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މެޑިކަލް އިވެކުއޭޝަން އޮޕަރޭޝަންތަކުގެ ސްޓޭންޑާޑް އޮޕަރޭޓިންގ ޕްރޮސީޖަރ (އެސްއޯޕީ) ގައި އެފަދަ ކަންކަމަށް ރައީސުލްޖުމްހޫރިއްޔާގެ ހުއްދަ ހޯދުމެއް ނުވަތަ ދެއްވުމެއްވެސް ނޯންނަ ކަމުގައެވެ. އަދި އެއީ އެކަމާ ގުޅޭ އިދާރާތަކުން މުއާމަލާތް ކުރެވިގެން ހިނގާ ފަދަ ގޮތަކަށް ތަރުތީބުކުރެވިފައިވާ އޮޕަރޭޝަނެއްކަން ޣައްސާން ފާހަގަކުރެއްވިއެވެ.

ކުއްޖާ ނުގެނެސް ލަސްވީ އިންޑިއާގެ ޑޯނިއާ މަތިންދާބޯޓު ބޭނުންކުރުމަށް ރައީސް ޑރ.މުއިއްޒު ހުއްދަ ނުދެއްވައިގެން ކަމަށް ދެކެވޭ ވާހަކަތަކުގެ ސީދާ ރައްދެއްގެ ގޮތުގައި ނޫނަސް އެކަމަށް އިޝާރާތް ކުރައްވައި ޣައްސާން ވިދާޅުވީ ތަފާސް ހިސާބުތަކަށް ބަލާއިރު، 2021 ވަނަ އަހަރުން ފެށިގެން މެޑިކަލް އިވެކުއޭޝަންގެ 93 އިން ސައްތަ ހިއްސާދާރަކީ ގައުމީ އެއާލައިން މޯލްޑިވިއަން ކަމުގައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button