
ސަރުކާރު ”ނޭވާހޮޅިޔަށް“ އެޅި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު އާއި ތ.ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫން ހައްޔަރު ކޮށްފިއެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލުމުގެ ގޮތުން ”ނޭވާހޮޅިޔަށް“ މިނަމުގައި އިދިކޮޅު ޕީޕީއެމުން މިއަދު ހަވީރު ކުރިޔަށް ގެންދިޔަ އިހުތިޖާޖުގައި މެންބަރު ސައީދު އާއި ޣައްސާނުގެ އިތުރުން ޕީޕީއެމްގެ އެކްޝަން ޑިޕާޓުމެންޓުގެ ޗެއަރ އަދި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް އާއި، މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ހިމެނޭގޮތަށް ޖުމްލަ 11 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
އެނގިފައިވާގޮތުގައި ޣައްސާނާއި ސައީދުގެ އިތުރުން ގިނަ ބަޔަކު ވަނީ ދޫނިދޫ ޖަލަށް ގެންގޮސްފައެވެ. މިކަމާ ގުޅިގެން ”ބޮންތި“ ތަކުރާރުކޮށް ފުލުހުންނާ ސުވާލު ކުރުމުންވެސް ޖަވާބެއް ދީފައެއް ނުވެއެވެ.
އިހުތިޖާޖުގައި ބައިވެރިވާން ރަށްރަށުން އައި އުޅަނދު ފަހަރު އެމްއެންޑީއެފްގެ ކޯސްޓު ގާޑުން ނިކުމެ ވަނީ ހުއްޓުވާފައެވެ. ފުލުހުން އެއްވުމަށް ހުރަސްއެޅި ނަމަވެސް މާލޭގެ އެކި ސަރަހައްދުތަކުގައި އިހުތިޖާޖުގެ ބައިވެރިން ވަނީ އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލައި އަޑު އުފުލާފައެވެ. އަދި ފުލުހުން ވަނީ ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކޮށް އެއްވުމުގެ ބައިވެރިންގެ ލޮލަށް ގިނަ އަދަދަކަށް ޕެޕަރ ސްޕްރޭ ޖަހާފައެވެ.
މިއަދުގެ އެއްވުމުގެ ތެރެއިން އެމްއެންޑީއެފްގެ ކުރީގެ ކާނަލް އަހުމަދު ފަޔާޒު އަލީ ރިޒާ (ޕާޕާ ފަޔާ) ވެސް ވަނީ ހައްޔަރު ކޮށްފައެވެ.