ޚަބަރުސިޔާސީ

ޝަރުތުތަކަކާއެކު މެންބަރު ސައީދު އާއި ޣައްސާން ބަންދުން ދޫކޮށްލައިފި

ޝަރުތުތަކަކާއެކު މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު އާއި ތ.ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫން ބަންދުން ދޫކޮށްލައިފިއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލުމުގެ ގޮތުން “ނޭވާހޮޅިޔަށް” މިނަމުގައި އިދިކޮޅު ޕީޕީއެމުން އިއްޔެ ހަވީރު ކުރިޔަށް ގެންދިޔަ އިހުތިޖާޖުގައި މެންބަރު ސައީދު އާއި ޣައްސާނުގެ އިތުރުން ޕީޕީއެމްގެ އެކްޝަން ޑިޕާޓުމެންޓުގެ ޗެއަރ އަދި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް އާއި، މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ހިމެނޭގޮތަށް ޖުމްލަ 16 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. އޭގެ ތެރެއިން 11 މީހަކު ހައްޔަރު ކުރުމަށްފަހު ވަނީ ދޫނިދޫ ޖަލުގައި ބަންދުކޮށްފައެވެ.

ސައީދު އާއި ޣައްސާންގެ ވަކީލުން ދާދި ދެންމެއަކު ޗެނަލް 13 އަށް ދެއްވި އިންޓަވިއެއެއްގައި ވިދާޅުވީ އެ ދެ މެންބަރުން ޝަރީއަތުގެ މަޖިލީހަށް ގެންދިޔައީ ބިޑި އަޅުވައިގެން ކަމުގައެވެ. އަދި ސައީދު އާއި ޣައްސާނަކީ މުޖުތަމައަށް ނުރައްކާތެރި ބައެއްގެ ގޮތުގައި ފުލުހުންގެ ފަރާތުން ވަކާލާތު ކުރިކަން ވަކީލުން ފާހަގަކުރެއްވިއެވެ.

ސައީދު އާއި ޣައްސާނަށް ކުރި ޝަރުތުތަކަކީ ފޯނު ނަންބަރު ނުވަތަ ދިރިއުޅޭ އެޑްރެސް ބަދަލުވެއްޖެ ނަމަ އެންގުމަށާއި، ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ދިނުމަށެވެ. މީގެ އިތުރުން މިއަދު ދޫކޮށްލި، ޑރ.ޖިހާދާއި، ޕީޕީއެމްގެ ކައުންސިލް މެމްބަރު ފާތިމަތު ރުކުޝާނާއަށް ވެސް އެ ޝަރުތުތައް ކޮށްފައިވެއެވެ.

އިއްޔެގެ އެއްވުމުގެ ތެރެއިން އެމްއެންޑީއެފްގެ ކުރީގެ ކާނަލް އަހުމަދު ފަޔާޒު އަލީ ރިޒާ (ޕާޕާ ފަޔާ) ވެސް ވަނީ ހައްޔަރު ކޮށްފައެވެ.

 

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button