ޑރ. އަފްރާޝީމްގެ ޤާތިލް ހުމާމް މަރަން ކުރި ޙުކުމް މުރާޖަޢާ ކުރަން އެދިއްޖެ

ތޫނު އެއްޗަކުން ހަމަލާދީ އަނިޔާވެރި ގޮތަކަށް ޤަތުލުކޮށްލި ރައްޔިތުންގެ މަޖްލީހުގެ ރ. އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު އަދި ދީނީ ޢިލްމުވެރިޔާ މަރްޙޫމް ޑރ. އަފްރާޝީމް ޢަލީ ޤަތުލުކޮށްލި މައްސަލާގައި ކުށްސާބިތުވެ މަރަން ޙުކުމްކޮށްފައިވާ ހ.ލޮބީ، ޙުސައިން ހުމާމުގެ މައްޗަށް ކޮށްފައިވާމަރުގެ ޙުކުމް މުރާޖަޢާ ކުރުމަށް އޭނާގެ ފަރާތުން ސުޕްރީމް ކޯޓުގައި އެދިއްޖެއެވެ.
ހުމާހުގެ މައްޗަށް އިއްވާފައިވާ މަރުގެ ޙުކުމް މުރާޖަޢާ ކުރުމަށް ސުޕްރީމްކޯޓަށް ހުށަހަޅާފައިވީ ނަމަވެސް، އެ މައްސަލަ ބަލައިގަތުމާމެދު ކޯޓުން އަދި ވަކިގޮތެއް ނިންމާފައެއް ނުވެއެވެ.
އަނިޔާވެރި ގޮތަކަށް 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ޑރ. އަފްރާޝިމް ޤަތުލުކޮށްލި މައްސަަލައިގައި ހުމާމްގެ މައްޗަށް ކުރި ޤިޞާޞްގެ ޙުކުމް ކްރިމިނަލް ކޯޓުން އިއްވާ ސުޕްރިމް ކޯޓާއި ހައިކޯޓުންވެސް ވަނީ އެ ޙުކުމް ދަމަހައްޓާފައެވެ.
މަރުތަކަށް އިންސާފު ހޯދައި ދިނުމާއި ގޮތްނޭނގި ގެއްލިފައިވާ މީހުނާއި އެނޫން މަރުތަކަށް އިންސާފު ހޯދައިދިނުމުގެ ވަޢުދާއި އެކު ވެރިކަމަށް ވަޑައިގެން މިއިން އެއްވެސް މަރަކަށް ރައީސް އިބްރާހިމްގެ ސަރުކާރުން އިންސާފް ހޯދައި ނުދެވޭތީ އެމްޑީޕީގެ މެންބަރުންނާއި އާންމު ރައްޔިތުންގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ.
ރައީސް އިބްރާހީމް 2018 ގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި އެންމެ އަޑު ހަރުކޮށް ވިދާޅުވީ ޑރ. އަފްރާޝިމް އަވަހާރަ ކޮށްލި މައްސަލައަށް އިންސާފު ހޯދައިދިނުމަކީ އެމަނިކުފާނުގެ ރިޔާސީ ވަޢުދެއްކަމަށެވެ.
މީގެ އިތުރުން 2015 ވަނަ އަހަރުގެ މޭ މަހުގެ 1 ވަނަ ދުވަހު ބޭއްވި އެއްވުމެއްގައި މިސަރުކާރުގެ ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ ވަނީ ކުރީގެ ރައީސް ޔާމީން އާއި ޑރ.އަފްރާޝީމުގެ ޤަތުލާ ގުޅުވައި ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައެވެ. އަދި ޑރ. އަފްރާޝީމްގެ މަރާއި ރައީސް ޔާމީން އާއި ގުޅުވައިދޭ ކިތާބީ ހެކިތަކެއް ކަމަށް ވިދާޅުވެ ކަރުދާސްތަކެއްވެސް ދައްކާފައިވެއެވެ. ނަމަވެސް މިއަދާއި ހަމަޔަށްވެސް މިކަމުގެ ޙަޤީޤަތް އިމްރާން ހާމަކުރައްވާފައެއް ނުވެއެވެ.
މަރުތަކަށް އިންސާފް ހޯދައިދިނުމަށް ކަމަށް ވިދާޅުވެ ރައީސް އިބްރާހިމް އެކުލަވާލި މަރުކޮމިޝަނުންވެސް އެއްވެސް ކުރިއެރުމެއް މިމައްސަލައިގައި ހޯދިފައިނުވެއެވެ. ނިމިދިޔަ ސަރުކާރުން މިމައްސަލައިގެ ތަޙުޤީޤުގައި ހޯދި ކުރިއެރުންތައް ފިޔަވާ އިތުރު އެއްވެސްކަމެއް ފާއިތުވި 4 އަހަރުގެ ތެރޭގައި ހޯދިފައިނުވާކަން ފާހަގަކޮށްލެވެއެވެ.