ފުއްގިރި މައްސަލައިގެ އިސްތިއުނާފީ ނުކުތާތައް ސުޕްރީމް ކޯޓަށް ހުށައަޅައިފި

ރ. ފުއްގިރި މައްސަލައިގައި ޝަރީޢަތުގެ ކުރިން ހުށައަޅާ ހުށައެޅުންތަކާއި ގުޅިގެން ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްޤައްޔޫމުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށައެޅި އިސްތިއުނާފުގެ ފުރަތަމަ އަޑުއެހުން މިއަދު ބާއްވާ އެމަނިކުފާނުގެ ފަރާތްޕުޅުން އިސްތިއުނާފީ ނުކުތާތައް ހުށައަޅުއްވައިފި އެވެ.
މި މައްސަލަ ބެއްލެވުމަށް ސުޕްރިމް ކޯޓުގައި ވަނީ 3 ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލައްވާފަ އެވެ. މި ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ހުސްނުއްސުޢޫދެވެ.
މިއަދު ކުރިއަށް ގެންދިޔަ އަޑުއެހުމުގައި ދަށު ކޯޓުން ނިންމި ނިންމުންތައް ރައީސް ޔާމީނުގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުންވެސް ދަށު ކޯޓުގެ ނިންމުމަށް ތާއީދު ކޮށްފައިވާތީ އިސްތިއުނާފު ކުރި ނުކުތާތައް ވަނީ ހުށައަޅުއްވާފަ އެވެ. އެގޮތުން އެމަނިކުފާނުގެ ފަރާތްޕުޅުން މައިގަނޑު 3 ނުކުތާއެއް ވަނީ ހުށައަޅުއްވާފަ އެވެ.
އެއްކަމަކަށް ހުށައެޅުއްވީ ދައުލަތުން ހުށައަޅާފައިވާ ބައެއް ހެކިތައް ޝަރީޢަތަށް ބަލައިނުގަތުމަށް ހުށައެޅި ހުށައެޅުމުން އެ ހެކިތައް ބަލައިނުގަންނަން ޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް ދަށުކޯޓުން ނިންމި ނިންމުން ހައިކޯޓުން ދަމަހައްޓާފައިވާތީ އިސްތިއުނާފު ކުރި ނުކުތާއެކެވެ.
މީގެ އިތުރުން އެ މައްސަލައިގައި ހެކިންގެ ގޮތުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުالله ޒިޔަތުގެ ހެކިބަސް ހިމެނޭއިރު، ރިޔާސީ ލޯންޗުކޮޅު ގޮއްވާލި މައްސަލައިގައި ވެސް ތުހުމަތު ކުރެވުނު ފަރާތްތަކަށް ކުރި ދަޢުވާތައް އަނބުރާ ގެންގޮސްފައިވާކަން ރައީސް ޔާމިންގެ ފަރާތްޕުޅުން ވަނީ ފާހަގަކުރައްވާފަ އެވެ.
ތިންވަނަ ނުކުތާއަކަށް ރައީސް ޔާމީން ވިދާޅުވީ ފުއްގިރި މައްސަލައިގެ ޝަރީޢަތުގެ ކުރިން އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅުއްވި ކަންކަމުގެ ތެރޭގައި ހިމެނޭ ހެކި ހާމަކުރުމުގެ މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުން ނިންމާފައިވާ ނިންމުން ހައިކޯޓުން ދެމެހެއްޓުމާއި ގުޅިގެން ހުށައެޅި އިސްތިއުނާފީ ނުކުތާއެކެވެ.
ފުއްގިރި މައްސަލަ ކުއްޔަށް ދޫކުރުމުގެ މުއާމަލާތު ހިނގިކަމަށް އެ ބުނާ މުއްދަތުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ރައީސުލްޖުމްހޫރިއްޔާ އާއި ޓުއަރިޒަމް މިނިސްޓްރީގެ ދަށުން ހިންގާ އެމްއެމްޕީއާރުސީގެ އެމްޑީއާއި ދެމެދު ހިންގާފައިވާ މުޢާމަލާތުތަކާއި އެ މުޢާމަލާތާއި ގުޅޭ އެއްވެސް ކަހަލަ ލިޔެކިޔުމެއް އޮތް ނަމަ އެ ހިއްސާކުރަން ޖެހޭކަމަށް ރައީސް ޔާމިންގެ ފަރާތްޕުޅުން ވަނީ ވިދާޅުވެފަ އެވެ.
މި މައްސަލައިގައި އެފަދަ އެއްވެސް ލިޔެކިޔުމެއް ހިއްސާކޮށްފައި ނުވަތަ ހުށައަޅާފައި ނުވާކަން އެމަނިކުފާނުގެ ފަރާތްޕުޅުން ފާހަގަކުރެއްވި އެވެ.
ރައީސް ޔާމިންގެ ފަރާތްޕުޅުން ވަނީ އެދިފައިވާ ލިޔެކިޔުންތައް ފޯރުކޮށް ނުދިނުމުގެ ސަބަބުން އެ މައްސަލައިގައި ދިފާއު ބިނާކުރުމަށް ހުރި ގޮންޖެހުންތަކަށް ވެސް އަލިއަޅުވާލައްވާފަ އެވެ.
މިއަދުގެ އަޑުއެހުމުގައި ވާހަކަދައްކަވަމުން ރައީސް ޔާމިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނަވައިގެން ވަކި ރަށެއް ވަކި ފަރާތަކަށް ދިނުމަށް އެއްވެސް ފަރާތަކަށް ދޫކުރުމަށް އެމަނިކުފާނު އަންގަވާފައި ނުވާނެ ކަމަށެވެ. އަދި ދައުލަތުން އެފަދައިން ތުހުމަތު ކުރާނަމަ އެކަމާއި ގުޅޭ ލިޔުންތައް ފޯރުކޮށްދޭން ކަމަށާއި، އެ ލިޔެކިޔުންތަކަކީ ދައުލަތުގެ އަތުގައި ހުރި ލިޔެކިޔުންތަކެއްކަމަށް ރައީސް ޔާމިން ވިދާޅުވި އެވެ.
ރައީސް ޔާމިން ހޯއްދަވަން އެދިވަޑައިގަންނަވާ މައުލޫމާތަކީ އެމަނިކުފާނުގެ މައްޗަށް ހުށަހަޅާފައިވާ ދައުވާގެ އަސާސްކަމުގައިވާ ޓުއަރިޒަމް މިނިސްޓަރާއި އެމްއެމްޕީއާރުސީގެ އެމްޑީއާ ރައީސުލްޖުމްހޫރިއްޔާއާ އޮންނަކަމަށް ދައުލަތުން ބުނާ ގުޅުން ނުވަތަ ލިންކު މުގުރައިލުމަށް ބޭނުންވާ ލިޔުންތައްކަމަށާއި، އެ ލިޔުންތަކަކީ ދައުލަތުގައި ހުންނާނެ ހެކިތަކެއްކަން ރައީސް ޔާމިން ފާހަގަކުރެއްވި އެވެ.