ޕާޓީ ބަދުނާމުކުރި މައްސަލައެއްގަައި އަސާސީ ގަވާއިދުގެ ދަށުން މަލީހަށް ފިޔަވަޅު އަޅައި، ޕީޕީއެމުން ސަސްޕެންކޮށްފި
ޕީޕީއެމްގެ ސެނެޓަރ އަދި ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ޕާޓީ ބަދުނާމު ކުރި މައްސަލައެއްގައި މަގާމުން ސަސްޕެންޑް ކޮށްފިއެވެ.
ޕީޕީއެމްގެ ނައިބު ރައީސް އަދި ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް އާއި އެޕާޓީގެ ނައިބު ރައީސް އަދި ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ސޮއިކުރައްވައި މަލީހަށް ފޮނުއްވެވި ސިޓީގައިވާގޮތުން، މަލީހު ގެންދަވަނީ އެޕާޓީ ބައިބައި ކުރުމުގެ މަސައްކަތް ކުރައްވަމުންނެވެ.
އެގޮތުން ޕާޓީގެ ލީޑަރޝިޕާއި ސެނެޓަށް އެނގުމެއް ނެތި އަމިއްލަފުޅަށް ކޮމެޓީއެއް އުފައްދަވައިގެން އެއްވެސް މަޝްވަރާއެއް ލީޑަޝިޕާއި ސެނެޓާއި ކުރެއްވުމަކާނުލައި، ޕާޓީގެ ނަމުގައި ނޫސްވެރިންގެ ބައްދަލުވުމެއް ރޭ ޕީޕީއެމް އޮފީހުގައި ބާއްވަވަައި، އެ ބައްދަލުވުން ކުރިޔަށް ގެންދެވުމުގައި އެންމެ އިސް ދައުރު އަދާކުރައްވައި، ޕާޓީ ބަދުނާމުވާ އަދި ބައިބައިވާ ފަދަ ކަންކަން މަލީހު ކުރައްވާފައިވާކަމަށް ސިޓީގައި ބަޔާންކުރައްވާފައިވެއެވެ.
މަލީހުގެ އެ އަމަލުގެ ސަބަބުން އެބޭފުޅާ ސެނެޓްގެ މަގާމުންނާއި ޕާޓީގެ ހަރަކާތްތަކުން ސަސްޕެންޑްކޮށް، މައްސަލަ ސުލޫކީ ކޮމެޓީއަށް ފޮނުވައި، އެމައްސަލައަށް ގޮތެއް ނިމެންދެން ޕާޓީގެ ހަރަކާތެއްގައި ބައިވެރިވެވަޑައި ނުގަތުމަށްވެސް އޭނާއަށް ވަނީ އަންގާފާއެވެ.
މަލީހު ސަސްޕެންޑް ކޮށްފައިވަނީ ޕީޕީއެމްގެ އަސާސީ ގަވާއިދުގެ 8 ވަނަ މާއްދާގެ ދަށުންކަން އެސިޓީގައި ބަޔާންކުރައްވާފައިވާއިރު، އެ މާއްދާގައިވާގޮތުން ޕާޓީގެ އަސާސްތަކާއި ހިލާފަށް އަމަލުކޮށް، ޕާޓީގެ ވިސްނުމާއި ފިކުރާ ދެކޮޅަށް ވަކާލާތުކުރާ މެންބަރުން، ސަސްޕެންޑް ކުރުމުގެ އިހުތިޔާރު ޕާޓީގެ ލީޑަރޝިޕަށް ލިބިގެން ވެއެވެ. އަދި އެއްވެސް މެންބަރަކު ޕާޓީގެ ހަރަކާތްތަކުން ސަސްޕެންޑް ކުރަން ލީޑަރޝިޕުން ނިންމައިފިނަމަ، އެ ނިންމުން އެމެންބަރަކަށް އެންގުމާއެކު، ލަސްނުކޮށް އެ މައްސަލައެއް ސުލޫކީ ކޮމިޓީއަށް ފޮނުވަންވަންވާނެކަން އެ މާއްދާގައި ބުނެފައިވެއެވެ.
ރޭގެ ބައްދަލުވުން ކުރިއަށް ގެންދިޔައީ ޕީޕީއެމްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ އިރުޝާދުފުޅުގެ ދަށުން ކަމަށާއި، ޕާޓީގެ ކަންކަން ހަރުދަނާ ކުރެއްވުމުގެ ގޮތުން ރައީސް ޔާމީން ނެންގެވި ކޮމެޓީގެ ބޭފުޅުންނަކީ އެއީ ކަމަށް މަލީހު ރޭ ނޫސްވެރިންނާ ބައްދަލުކުރައްވައި ވަނީ ވިދާޅުވެފައެވެ.
އެ ބައްދަލުވުމުގައި މަލީހުގެ އިތުރުން ޕީޕީއެމްގެ އާ ތަރުޖަމާނު، ކަަސްޓަމްސްގެ ކޮމިޝަނަރ ކަމާއި މީރާގެ ބޯޑު މެންބަރު ކަމުގެ އިތުރުން ރައީސް އޮފީހުގެ ތަރުޖަމާނުކަންވެސް ކުރިން ކުރެއްވި އައްބާސް އާދިލް ރިޒާ ވަނީ ޕާޓީ ހިންގުމުގެ މަގާމަށް ގެނައި ދެ ބަދަލެއް އިއުލާން ކުރައްވާފައެވެ. އެގޮތުން ފުރަތަމަ ބަދަލެއްގެ ގޮތުގައި ފާހަގަކުރެއްވީ ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދުގެ ބަދަލުގައި އައްބާހެވެ. އެހެން ނަމަވެސް ހީނާ އެކަން ދޮގު ކުރައްވައެވެ. އެއާއެކު އައްބާހާއި ހީނާ އާއި ދެމެދު ވާހަކަދެކެވިފައިވާ ޗެޓްލޮގެއް ޕީޕީއެމްގެ މީޑިއާ ގްރޫޕަށް ލުމަށްފަހު ނޫސްވެރިޔަކު ވަނީ ހީނާ އާއި ސުވާލު ކޮށްފައެވެ. ހީނާގެ ބަދަލުގައި އެހެން ބޭފުޅަކު ހަމަޖައްސަވަން ރައީސް ޔާމީން އައްބާހަށް ދެންނެވިކަމަށާއި، ސަބަބެއްގެ ގޮތުގައި ހީނާ އާލާސްކަންފުޅަކާ އުޅުއްވާތީ އެ މަގާމު އަދާ ކުރެއްވުމަށް އުޒުރުވެރިވާކަން ރައީސް ޔާމީން ދެންނެވިކަމަށް އައްބާސް ކުރެއްވި ސުވާލުގެ ޖަވާބުގައި ޝުކުރު އަދާކުރައްވައި ކާމިޔާބަށް ހީނާ އެދިވަޑައިގެންފައިވާ ޗެޓްލޮގާއި މެދު ވިދާޅުވާނީ ކީކޭތޯ ނޫސްވެރިޔާ ސުވާލު ކުރިއެވެ. ޖަވާބުގައި ހީނާ ވަނީ އެއަށް އިތުރަށް ދަންވަން އޮތީ ކީކޭތޯ ސުވާލު ކުރައްވައި، އެ މެސެޖު ފޮނުއްވެވީ ޕާޓީގެ ކޮން ހައިސިއްޔަތެއް އޮތް ބޭފުޅެއްތޯ ސުވާލުކުރައްވާފައެވެ. ހީނާ ވިދާޅުވީ އަދި އިސްތިއުފާ ނުދެއްވާކަމުގައެވެ.
ދެވަނަ ބަދަލެއްގެ ގޮތުގައި ނޫސްވެރިންގެ ބައްދަލުވުމުގައި ފާހަގަކުރެއްވީ ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމުގައި ހުންނެވި މިހާރުގެ ސްޕޯޓްސް ކޮމިޝަނަރ މުހައްމަދު ތޮލާލް ޕާޓީގެ އެސްޖީގެ މަގާމަށް އުޒުރުވެރިވެވަޑައިގަންނަވާތީ އިދާރީ ކަންކަން ހިންގެވުމަށް މަލީހު ހަމަޖެއްސެވުމެވެ. އަދި އެއީ ރައީސް ޔާމީން އެދިވަޑައިގެންފައިވާ ގޮތް ކަމަށާއި، ޕާޓީގެ ރައީސް ކަމަކަށް އެދިވަޑައިގަތުމުން އެކަމެއް ކުރައްވަންޖެހޭކަންވެސް ފާހަގަކުރެއްވިއެވެ. އެހެން ނަމަވެސް ތޮލާލް ވިދާޅުވިގޮތުގައި އެސްޖީގެ މަގާމުގައި އަދި ހުންނެވީ އެބޭފުޅާއެވެ. އެއާއެކު އައްބާސް ވަނީ ތޮލާލަށް ދުވަހުގެ މަސައްކަތްތައް ކުރިޔަށް ގެންދަވަން ދަތިފުޅުވާކަން ރައީސް ޔާމީނަށް ތޮލާލް ދެންނެވިކަން، ޔާމީނާ ހަވާލާދީ ވިދާޅުވެފައެވެ.
ރައީސް ޔާމީން ނެންގެވި ކޮމެޓީ މެންބަރަކު ވިދާޅުވިގޮތުގައި އެފަދަ ކޮމެޓީއެއް ނަންގަވަން އެމަނިކުފާނު ނިންމެވީ ޕާޓީގެ މެމްބަޝިޕް މަސައްކަތްތަކާއި، ހަރަކާތްތަކާއި އަދި ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރު ދިފާއުރުމަށާއި، ޕީޕީއެމް ޕީއެންސީ އެކުގައި އެއްބައިވަންތަކަމާއެކު ގުޅިގެން ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ކުރަން ޖެހޭ ދަތުރުގައި އެޕާޓީގެ ގިނަ މަގާމްތަކެއްގައި ތިއްބެވި ބޭފުޅުން ސަރުކާރުގެ މަގާމުތަކަށް އައްޔަންވުމާއި ގުޅިގެން ކަމުގައެވެ. އެހެން ނަމަވެސް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ސަބަބުން ޕާޓީގެ އެތެރޭގައި ކޯޅުންގަނޑެއް ވަނީ އުފެދިފައެވެ.