ޚަބަރުސިޔާސީ

މިއީ އަދި ވަަކަރަށް ޖަހާލުމެއް: މަލީހު

ލީޑަޝިޕާއި ސެނެޓަށް ނޭނގި އަމިއްލަފުޅަށް ޕީޕީއެމްގެ ނޫސްވެރިންގެ ބައްދަލުވުމެއް އިންތިޒާމްކުރައްވަައި، ޕާޓީ ބަދުނާމުކުރިކަމަށް ކަނޑައަޅައި ޕީޕީއެމްގެ ސެނެޓަރ އަދި ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ޕާޓީގެ މަގާމުން ސަސްޕެންޑް ކުރެއްވުމާއި ގުޅިގެން އެމަނިކުފާނުގެ ހޫނު ރައްދެއް އެޕާޓީގެ ލީޑަރޝިޕަށް އަމާޒުވެއްޖެއެވެ.

ޕީޕީއެމްގެ ނައިބު ރައީސް އަދި ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް އާއި އެ ޕާޓީގެ ނައިބު ރައީސް އަދި ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ސޮއިކުރައްވައި މަލީހު ސަސްޕެންޑްކުރެއްވިކަން ޕާޓީގެ ރަސްމީ ސިޓީއަކުން އެންގެވުމާއި ގުޅިގެން މަލީހު ވިދާޅުވީ، ޕީޕީއެމްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި އެޕާޓީގެ ދިފާޢުގައި ކުރަައްވާ މަސައްކަތުގައި އެންމެ އިންޗިއެއްވެސް ފަހަތަށް ޖެހުމެއް ނޯންނާނެ ކަމުގައެވެ.

”ވަޒީފާގެ އަޅުންނަށްވެ ޕާޓީގެ މަސްލަހަތު ނަގާލާ ވަޒީފާގެ ބިރަށް ސިޓީގައި ސޮއެކުރާ ފިނޑިންކުރިމަތީ ބޯތިރި ނުކުރާނަން. މިއީ އަދި ވަކަރަށް ޖަހާލުމެއް.“ މަލީހު ވިދާޅުވިއެވެ.

މަލީހު ފާހަގަކުރެއްވިގޮތުގައި ޕާޓީގެ ހިންގުން ހަރުދަނާ ކުރުމަށް ރައީސް ޔާމީން ނެންގެވި ކޮމެޓީގެ މަސައްކަތް ކުރައްވުމުގެ ނިޔަތް ނޫން އިތުރު ނިޔަތެއް އޭނާގެ ނެތެވެ. އެކަމަކު މިކަމާ ގުޅިގެން މަލީހަށްވެސް ފާޑުކިޔުންތައް ދަނީ އަމާޒުވަމުންނެވެ.

ޕީޕީއެމްގެ ނައިބު ރައީސް އަދި ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް އާއި އެޕާޓީގެ ނައިބު ރައީސް އަދި ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ސޮއިކުރައްވައި މަލީހަށް ފޮނުއްވެވި ސިޓީގައިވާގޮތުން، މަލީހު ގެންދަވަނީ އެޕާޓީ ބައިބައި ކުރުމުގެ މަސައްކަތް ކުރައްވަމުންނެވެ.

އެގޮތުން ޕާޓީގެ ލީޑަރޝިޕާއި ސެނެޓަށް އެނގުމެއް ނެތި އަމިއްލަފުޅަށް ކޮމެޓީއެއް އުފައްދަވައިގެން އެއްވެސް މަޝްވަރާއެއް ލީޑަޝިޕާއި ސެނެޓާއި ކުރެއްވުމަކާނުލައި، ޕާޓީގެ ނަމުގައި ނޫސްވެރިންގެ ބައްދަލުވުމެއް ރޭ ޕީޕީއެމް އޮފީހުގައި ބާއްވަވަައި، އެ ބައްދަލުވުން ކުރިޔަށް ގެންދެވުމުގައި އެންމެ އިސް ދައުރު އަދާކުރައްވައި، ޕާޓީ ބަދުނާމުވާ އަދި ބައިބައިވާ ފަދަ ކަންކަން މަލީހު ކުރައްވާފައިވާކަމަށް ސިޓީގައި ބަޔާންކުރައްވާފައިވެއެވެ.

މަލީހުގެ އެ އަމަލުގެ ސަބަބުން އެބޭފުޅާ ސެނެޓްގެ މަގާމުންނާއި ޕާޓީގެ ހަރަކާތްތަކުން ސަސްޕެންޑްކޮށް، މައްސަލަ ސުލޫކީ ކޮމެޓީއަށް ފޮނުވައި، އެމައްސަލައަށް ގޮތެއް ނިމެންދެން ޕާޓީގެ ހަރަކާތެއްގައި ބައިވެރިވެވަޑައި ނުގަތުމަށްވެސް އޭނާއަށް ވަނީ އަންގާފާއެވެ.

މަލީހު ސަސްޕެންޑް ކޮށްފައިވަނީ ޕީޕީއެމްގެ އަސާސީ ގަވާއިދުގެ 8 ވަނަ މާއްދާގެ ދަށުންކަން އެސިޓީގައި ބަޔާންކުރައްވާފައިވާއިރު، އެ މާއްދާގައިވާގޮތުން ޕާޓީގެ އަސާސްތަކާއި ހިލާފަށް އަމަލުކޮށް، ޕާޓީގެ ވިސްނުމާއި ފިކުރާ ދެކޮޅަށް ވަކާލާތުކުރާ މެންބަރުން، ސަސްޕެންޑް ކުރުމުގެ އިހުތިޔާރު ޕާޓީގެ ލީޑަރޝިޕަށް ލިބިގެން ވެއެވެ. އަދި އެއްވެސް މެންބަރަކު ޕާޓީގެ ހަރަކާތްތަކުން ސަސްޕެންޑް ކުރަން ލީޑަރޝިޕުން ނިންމައިފިނަމަ، އެ ނިންމުން އެމެންބަރަކަށް އެންގުމާއެކު، ލަސްނުކޮށް އެ މައްސަލައެއް ސުލޫކީ ކޮމިޓީއަށް ފޮނުވަންވަންވާނެކަން އެ މާއްދާގައި ބުނެފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button