
ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީއިން ވާދަކުރަން އިޢުލާންކުރުމާއި އެކު ރައީސް އިބްރާހިމް މުޙައްމަދު ސޯލިހުގެ ރިޔާސީ ދެވަނަ ދައުރުގެ ޓިކެޓް ވަރަށް ބަލިކަށިވެއްޖެ ކަމަށް މިސަރުކާރުގެ ކުރީގެ ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުޙައްމަދު މަލީޙް ޖަމާލު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހުއަށް ދެވަނަ ދައުރެއް ހޯއްދަވައި ދެއްވުމަށް ކޯލިޝަން ހެދުމުގެ ވިސްނުންފުޅުގައި ހުންނެވި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ރޭ ޖޭޕީއިން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޖޭޕީއިން ވާދަކުރައްވާނެކަން އިޢުލާނު ކުރައްވާފައެވެ.
އެކަމަށް އިޝާރާތް ކުރައްވާ މަލީޙް ކުރެއްވި ޓްވީޓްގައި ވިދާޅުވީ ޤާސިމް އެފަދައިން އިޢުލާނު ކުރެއްވުމުން ބޮޑަށް ބެލެވެނީ އެގޮތަށް އެ ނިންމެވީ %5 ގެލަދަކުން ސަލާމަތްވުމަށް ދެވަނަ ވިސްނުމަކާއި ދިމާލަަށް ދިއުމަށް ކަމަށެވެ.
ޖުމްހޫރީ ޕާޓީއިން ވާދަކުރަން އިޢުލާންކުރުމާއި އެކު ރައީސް އިބޫގެ ރިޔާސީ ދެވަނަ ދައުރުގެ ޓިކެޓް ވަރަށް ބަލިކަށިވީ. ބޮޑަށް ބެލެވެނީ %5 ގެ ލަދަކުން ސަލާމަތްވުމަށް ދެވަނަ ވިސްނުމަކާއި ދިމާލަަށް ދިއުން. 2023 މާތްﷲގެ ވާގިފުޅާއި އެކު ކާމިޔާބުކުރާނީ ރައީސް ޔާމީން.
— Mohamed Maleeh Jamal (@maleehjamal) June 29, 2022
މިއާއިއެކު މަލީޙް ވިދާޅުވީ މާތްﷲގެ ވާގިފުޅާއި އެކު 2023 ގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާނީ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް ޔާމީން ކަމަށެވެ.